އެލައިޑް ހެލްތު ދާއިރާއަށް 1500އަށްވުރެ ގިނަ ދިވެހިން ތަމްރީން ކުރުމަށް ޞިއްޙީ ވުޒާރާއާއި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާ ޤައުމީ ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިޕްރޮގްރާމުގެ މަޤްސަދަކީ ރާއްޖޭގެ ޞިއްޙީ އަދި އިޖްތިމާޢީ ޚިދުމަތުގެ ނިޒާމަށް ބޭނުންވާ މީހުން ތަމްރީންކުރުންކަމަށް ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ.
އެލައިޑް ހެލްތު ދާއިރާއަށް މީހުން ތަމްރީންކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރީ އެކަމަށްޓަކައި މިއަދު ޤައުމީ ޔުނިވަރސިޓީގެ މައިމަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިއެއްބަސްވުމުގައި ޞިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ.އަލީ ހައިދަރުއެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ.ޢާއިޝަތު ޝެހެނާޒް އާދަމެވެ.
މިއެއްބަސްވުމުގެ ދަށުން އެލައިޑް ހެލްތު ދާއިރާއަށް 1500އަށްވުރެ ގިނަ ދިވެހިން ތަމްރީން ކުރުމަށްވަނީ ހަމަޖެހިފައެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އެލައިޑް ހެލްތު ދާއިރާއަށް މީހުން ތަމްރީންކުރެވުމުން ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ހެޔޮބަދަލެއް އަންނާނެކަމަށެވެ. ވަޒީރު ވިދާޅުވީ މިއަދު ޚިދުމަތުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ ރާއްޖެއިން ބޭރު މުވައްޒަފުން ކަމަށެވެ. އެހެންކަމުން މިފުރުސަތުގެ ބޭނުން ހިފައި، ވީހާވެސް ގިނަ ދިވެހިން މިކަމަށް ކުރިމަތިލައި، ޞިއްޙީ ޚިދުމަތަށް ނިކުތުމަކީ ވަޒީރު އިލްތިމާސްކުރެއްވިއެވެ. މީގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވިއެވެ.
"ވީހާވެސް ގިނަ ދިވެހިން މިކަމަށް ކުރިމަތިލައި މި ފުރުސަތުގެ ބޭނުން ހިތްޕަވައި، އަދި ޞިއްޙީ ނިޒާމުގެ ޚިދުމަތަށް ނިކުތުމަކީ އަޅުގަނޑު ކުރާ ވަރަށްބޮޑު އިލްތިމާސެއް. އިރާދަކުރެއްވިއްޔާ މި ފެށޭ މަސައްކަތުގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނެ" ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ.
މިތަމްރީން ޕްރޮގްރާމްގައި ފިޒިއޮތެރަޕީ، ސްޕީޗް ތެރަޕީ، ކައުންސެލިން، ޑައިބެޓިކްސް، ރޭޑިއޯގްރަފީ، ކޮމިއުނިޓީ ހެލްތު، ޕެރަމެޑިކްސް އަދި އެހެނިހެން ދާއިރާތައް ހިމެނޭ ގޮތަށް ކޯސްތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
މިިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވީ މި މަސައްކަތުގެ މަޤުސަދަކީ ޞިއްޙީ ދާއިރާއަށް ޚިދުމަތް ކުރާނެ ޤާބިލު ދިވެހިން އުފައްދާ، މުޅި މުޖުތަމައުގެ ދުޅަހެޔޮކަން އިތުރުކުރުން ކަމަށެވެ.
"އަޅުގަނޑުމެންގެ ތަސައްވަރަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި، ކޮންމެ އަތޮޅެއްގައި އަދި ކޮންމެ ސަރަހައްދެއްގައިވެސް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭނެ ނިޒާމެއް ގާއިމްކުރުން" މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވިއެވެ.
ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް ވިދާޅުވީ އަމާޒަކީ މިޕްރޮގުރާމުގެ ދަށުން ތަމްރީނު ކުރެވޭ 1500 އެލައިޑް ހެލްތު ޕްރޮފެޝަނަލުންނަކީ ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައިވެސް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދޭ ބަޔަކަށް ހެދުން ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި ޕްރޮގުރާމުގެ ދަށުން ތަމްރީނު ކުރެވޭ 1500 އެލައިޑް ހެލްތު ޕްރޮފެޝަނަލުންނަކީ ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި ވެސް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދޭ ޤާބިލް ފަންނުވެރި ބަޔަކަށް ހެދުން" ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް ވިދާޅުވިއެވެ.
މިޕްރޮގްރާމުގެ މައިގަނޑު މަޤްސަދަކީ ރާއްޖެގެ ޞިއްޙީ އަދި އިޖްތިމާޢީ ޚިދުމަތަށް ބޭނުންވާ ފަންނީ މީހުން ތަމްރީނުކުރުމެވެ. މިޕްރޮގްރާމުގެ ދަށުން މިދާއިރާގެ ކޯސްތަކަށް ތަމްރީން ޕްރޮގްރާމުތައް އެކުލަވާލައި، ލެކްޗަރަރއިންނާއި ވަސީލަތްތައް ހޯދުމުގެ އިތުރުން އަމަލީ ތަމްރީން ލިބޭނެ އިންތިޒާމް ޤައުމީ ޔުނިވަރސިޓީން ހަމަޖައްސާނެއެވެ.