ކުޅިވަރު

ބާސެލޯނާ ބޭނުންވަނީ ފަޓީ ވިއްކާލަން، އެޖެންޓް މަޝްވަރާ ފަށައިފި


ބާސެލޯނާއިން އެ ޓީމުގެ ޒުވާން ފޯވަޑް އަންސޫ ފަޓީ ވިއްކާލަން ބޭނުންވުމާއެކު އޭނާގެ އެޖެންޓް ޖޯޖް މެންޑޭޒް މަޝްވަރާތައް ފަށައިފި އެވެ.

ގާތްގަނޑަކަށް ބައި އަހަރަށް ފަހު ފަޓީ ބާސެލޯނާ އަށް މެޗެއް ކުޅެދިނީ މިދިޔަ ބުދަ ދުވަހުގެ ރޭގަ އެވެ. ސްޕެނިޝް ލީގުގައި ވިޔަރެއާލް އަތުން ބާސެލޯޖާ 1-0އިން މޮޅުވި މެޗުގައި އޭނާ ސްޓާޓް ކުރި ނަމަވެސް ފަހު ހާފުގައި ވަނީ ބަދަލުކޮށްފަ އެވެ.

ބާސެލޯނާ ދުށް އެންމެ މޮޅު ކުޅުންތެރިޔާ ލަޔޮނަލް މެސީ އަށް ފަހު އެކުލަބުގެ 10 ނަންބަރު ޖާޒީގައި ކުޅެމުން އަންނަ ފަޓީ އަށް އެކުލަބުގައި އެކަށީގެންވާ ކުޅުމެއް ނުދެއްކެ އެވެ. މިހެންވެ މި ސީޒަން ފެށުމުގެ ކުރިން ވެސް އޭނާ ވިއްކާލަން ކުލަބުން ބޭނުންވި އެވެ. ނަމަވެސް އެކަން ނުކުރެވުނީ ކުޅުންތެރިޔާ އެއްބަސްނުވުމުންނެވެ.

އުމުރުން 22 އަހަރުގެ ފޯވަޑް ވިއްކާލަން ބާސެލޯނާ އިން ބޭނުންވާއިރު އޭނާގެ ކޮންޓްރެކްޓް އާކުރުމުގެ ފުރުސަތު ވެސް މިހާރު ބާސެލޯނާ އަށް ވަނީ ފަހިވެފަ އެވެ. އެއީ ކުލަބުގައި މަދުވެގެން ތިން އަހަރު ކުޅެފައިވާ 24 އަހަރުން ދަށުގެ ކުޅުންތެރިންގެ ކޮންޓްރެކްޓް މުސާރައިގެ ލިމިޓަށް ގްރޭސް ޕީރިއަޑެއްލާފައި އައު ކުރުމުގެ ފުރުސަތު ސްޕެނިޝް ލީގުން މިހާރު ދީފައިވާތީ އެވެ.

އަންސޫ ފަޓީ މިހާތަނަށް ބާސެލޯނާ އަށް ކުޅެފައިވަނީ ޖުމުލަ 85 މެޗެވެ. ޖަހާފައިވަނީ 22 ގޯލެވެ. ސްޕޭނުގެ ގައުމީ ޓީމަށް 10 މެޗުން ދެ ގޯލު ޖަހާދީފައިވާ ފޯވަޑް ގަތުމަށް ސްޕޭނާއި އިނގިރޭސިވިލާތުގެ މެދު ފަންތީގެ ކުލަބުތަކުން ބޭނުންވެ އެވެ.

ޖޯޖް މެންޑޭޒް ބާސެލޯނާއާއެކު މަޝްވަރާތައް ފަށާފައިވާއިރު އޭނާ އަކީ އެކުލަބުގެ ވަރަށް ގިނަ ކުޅުންތެރިންގެ އެޖެންޓެއްވެސްމެ އެވެ. މިހެންވެ ލަމީން ޔަމާލް ފަދަ ކުޅުންތެރިންގެ އެއްބަސްވުން އައު ކުރުމަށް ވެސް ބާސެލޯނާއިން އޭނާއާ މަޝްވަރާ ކުރާނެ ކަމަށް ސްޕޭނުގެ މީޑިއާތަކުން ބުނެ އެވެ.