ބްރެޒިލްގެ ކުލަބު ސަންޓޯސްއިން ފޯވަޑް ނޭމާ ޖޫނިއާގެ ކޮންޓްރެކްޓް އާކޮށްފާނެ ކަމުގެ އިޝާރާތެއް ދީފި އެވެ.
ސަންޓޯސްގެ ރައީސް މާސެލޯ ޓެޒެއިރާ ވިދާޅުވީ އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑްކަޕުގެ ނިޔަލަށް އޭނާގެ ކުލަބުގައި އުމުރުން މިހާރު 33 އަހަރުގެ ބާސެލޯނާގެ ކުރީގެ ފޯވަޑް ނޭމާ ކުޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"ދެ ފަރާތުން ވެސް، އޭނާ ވެސް، ކުލަބުން ވެސް ބޭނުންވާނަމަ މި ކޮންޓްރެކްޓް އައު ކުރެވިދާނެ. އަހަރުމެން މިފަދަ ނިންމުމެއް ނިންމާނީ ވަރަށް ރަނގަޅަށް ދިރާސާ ކުރުމަށްފަހު. އަހަރުމެންގެ ޕްލޭނެއް އެބައޮތް. އެ ޕްރޮޖެކްޓަށް އޭނާގެ ފެތޭތޯ ވެސް ބަލަންޖެހޭނެ. އަދި އޭނާގެ ޕާފޯމަންސް ހުރި ނެތް ވަރު ވެސް ބަލަންޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
ގާތްގަނޑަކަށް ދޮޅު އަހަރު އަނިޔާގެ ސަބަބުން ނުކުޅެ ހުރުމަށްފަހު ސައޫދީ އަރަބިއާގެ އަލް ހިލާލްގެ ކޮންޓްރެކްޓް އައު ނުކޮށް ނޭމާ ސަންޓޯސްއާ ގުޅުނީ މިދިޔަ ޖެނުއަރީ މަހު އެވެ. އޭނާ ވަނީ މިހާތަނަށް ކުޅުނު މެޗުތަކުގައި ތިން ގޯލު ޖަހައި ތިން ގޯލެއް ޖަހަން މަގު ފަހިކޮށްދީފަ އެވެ.
ނަމަވެސް އަދި ވެސް އޭނާ މުޅިން ފިޓެއްނޫނެވެ. ސަންޓޯސް އަށް ބަދަލުވި ފަހުން ވެސް ދެ ފަހަރެއްގެ މަތީން ވަނީ އަނިޔާގެ ކުޑަދުވަސްކޮޅަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ.
2018 ވަނަ އަހަރުން ފެށިގެން ވެސް އޭނާ އަށް އެކަށީގެންވާ ގޮތަށް ނުކުޅެވޭ މައިގަނޑު މައްސަލައަކީ ދަނޑުބޭރުގެ އަހުލާގު ގޯސްވެ، ގާތްގާތުގައި އަނިޔާވުމެވެ.
ސަންޓޯސްގެ ރައީސް ވިދާޅުވީ ނޭމާ އަށް މިހާރު ވެފައިވާ އަނިޔާ ދިގު ދެމިގެންގޮސް ނުގޮސް އަވަހަށް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނެ ކަމަށް އެކުލަބުން އުއްމީދު ކުރާ ކަމަށެވެ. ނަމަވެސް އޭނާގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާ މުޅިން ރަނގަޅުވާން މަދުވެގެން ހަތަރު ހަފުތާ އާއި ހަ ހަފުތާގެ މުއްދަތެއް ނަގާނެ ކަމަށް އެކުލަބުގެ ކޯޗު ވަނީ މީގެ ކުރިން ބުނެފަ އެވެ. އަދި ނޭމާ ނެތުމުން އޭނާގެ ޕްލޭނަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ކޯޗު ބުންޏެވެ.
ޔޫރަޕުގެ ބައެއް މީޑިއާތަކުން ކުރިން ބުނަމުންދިޔައީ ނޭމާ ބޭނުންވަނީ އެނބުރި ބާސެލޯނާ އަށް ކުޅެން ކަމަށެވެ. އަދި އަންނަ ސީޒަނުގައި އޭނާ ލައްވައި ބާސެލޯނާއިން ސޮއި ކުރުވާނީ ސަންޓޯސްގައި ދައްކާ ކުޅުމަކާއި އޭނާގެ ފިޓްނަސް ރަނގަޅު ވެއްޖެނަކަމުގެ ޔަގީންކުރުމަށްފަހު ކަމަށެވެ. ނަމަވެސް މިކަންކަމަށް ބަލާއިރު މިހާތަނަށް ބާސެލޯނާ ހިތްހަމަޖެހޭ ވަރާ ގާތަށް ވެސް ނޭމާގެ ހާލަތާއި ކުޅުން ރަނގަޅެއްނުވެ އެވެ. އަދި އެކުލަބުގެ މިހާރުގެ ކޯޗު ހަންސީ ފްލިކް އެނބުރި ނޭމާ ބާސެލޯނާ އަށް ގެނައުމަށް އެއްބަހެއްނުވެ އެވެ.