ޚަބަރު

އަންހެނުން ބާރުވެރިކުރުވުމަށް ކުރެވޭ ޚަރަދަކީ ޤައުމުގެ ކުރިއެރުމަށް ކުރެވޭ ޚަރަދެއް: ރައީސް


  • ފަންނިއްޔާތުގެ ދާއިރާގައި ކުރިއަރަމުން އަންނަ އަންހެނުންގެ ދައުރު ފާހަގަކުރަންޖެހޭކަމަށް ވިދާޅުވި

  • އެންމެން ޝާމިލުވާ މުޖުތަމަޢެެއް ބިނާކުރުމަށް މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވި

އަންހެނުންގެ ތަޢުލީމަށާއި އަންހެނުން ބާރުވެރިކުރުވުމަށް ކުރެވޭ ޚަރަދަކީ ޤައުމުގެ ކުރިއެރުމަށް ކުރެވޭ ޚަރަދެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ގާލްސް އިން އައިސީޓީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މަޢުލޫމާތާއި މުޢާމަލާތާއި ފަންނިއްޔާތުގެ ދާއިރާގައި ކުރިއަރަމުން އަންނަ އަންހެނުންގެ ދައުރު މިފަދަ ދުވަހެއްގައި ފާހަގަކުރަންޖެހޭ ކަމަށެވެ. އަދި ފަންނިއްޔާތަށް އަހުލުވެރި ޤައުމެއް ބިނާކުރުމަށް ތަޢުލީމު ޙާސިލުކުރެވި، ފަންނިއްޔާތުގެ ހުނަރުތައް ލިބިގަނެވޭނެ މަގު ފަހިވާ އެންމެން ޝާމިލުވާ މުޖުތަމަޢެެއް ބިނާކުރުމަށް މަސައްކަތްކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަޢުލީމާއި އަންހެނުން ބާރުވެރިކުރުވުމަށް ކުރާ ކޮންމެ ޚަރަދަކީ ޤައުމުގެ ކުރިއެރުމަށާއި ފާގަތިކަމަށް ކުރެވޭ ޚަރަދެއް ކަމަށެވެ.

ގާލްސް އިން އައިސީޓީ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ ހަތަރުވަނަ ބުރާސްފަތި ދުވަހުއެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ މަޢުލޫމާތާއި ފަންނިއްޔާތާއި މުޢާމަލާތު ކުރުމާ ގުޅުންހުރި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމެވެ. އަދި އަންހެނުން ހޯދާ ކުރިއެރުންތައް ފާހަގަކުރުމެވެ.

ދިވެހިރާއްޖޭގައިވެސް ފަންނިއްޔާތާއި އައިސީޓީގެ ދާއިރާތައް ކުރިއެރުވުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ޤައުމާ ގުޅިގެން ފަންނިއްޔާތުގެ ދާއިރާ ކުރިއެރުވުމަށް މުހިންމު މަޝްވަރާތަކެއް ކުރެއްވިއެވެ. އަދި ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރެއްވިއެވެ.

މީގެއިތުރުން އާޓިފިޝަލް އިންޓެލިޖެންސްގެ ފަންނިއްޔާތާ ގުޅޭ ޤާނޫނީ ފްރޭމްވަރކެއްވެސް ހިމެނޭގޮތަށް މާސްޓަރޕްލޭނެއް އެކުލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ ނިންމަވާފައެވެ. ސަރުކާރުގެ އަމާޒަކީ ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް ހޭލުންތެރި ޑިޖިޓަލް ރާއްޖެއެއް ބިނާކުރެއްވުމެވެ.