ޚަބަރު

ޤައުމުތަކާއެކު އޮންނަ ގާތްގުޅުމާއި އިތުބާރުގެ ސަބަބުން ގޮންޖެހުންތަކުން އަރައިގަނެވޭ: ރައީސް


  • ދުނިޔޭގެ ސުލްހައަށް މަޝްވަރާގެ މުހިންމުކަން ފާހަގަކުރެއްވި

ބައިބައިވެފައިވާ ދުނިޔެއެއްގައި ޤައުމުތަކާއެކު ބާއްވާ ގާތްގުޅުމާއި އޮންނަ އިތުބާރުގެ ތެރެއިން، ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެވޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ، ދޭދޭ ގުޅުންތަކާއި، ޚާރިޖީ ގުޅުންތަކުން ސުލްހައަށް މަސައްކަތްކުރާ ދުވަހާއި ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ ދުނިޔޭގެ މިވަގުތު ހިނގަމުންދާ ހަނގުރާމަތަކާއި، ޤައުމުތަކުގެ މެދުގައިހުރި ތަފާތުކުރުންތަކާއި، މޫސުމީ ކާރިސާތަކުން ހަނދާންކޮށްދެނީ، ސުލްޙައަށް ބޭނުންވަނީ ހަނގުރާމަ ނުކުރުން އެކަނިކަމަށެވެ. އޭގެ އިތުރަށް މަޝްވަރާކުރުމާއި، އިންސާފަށް މަސައްކަތް ކުރުން މުހިންމު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބައިބައިވެފައިވާ ދުނިޔެއެއްގައި ގާތްގުޅުންތަކާއި، އިތުބާރުގެ ތެރެއިން، ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެވޭ ކަމަށެވެ. އަދި މިކަމުން އުޖާލާ މުސްތަޤުބަލަކަށް ވާސިލްވެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ދޭދޭ ގުޅުންތަކާއި، ޚާރިޖީ ގުޅުންތަކުގެ ތެރެއިން ސުލްހައަށް މަސައްކަތް ކުރާ ދުވަހަކީ 2018 އަހަރު އދ. ގެ އާންމު މަޖިލީޙުން ފާސްކޮށްގެން ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މި ދުވަހަކީ، ބައިނަލްއަޤްވާމީ ގުޅުންތަކުގެ މުހިންމުކަމާއި އެކަމަށް ޤައުމުތަކުގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުމަށް އދ. އިން ފާސްކުރާ ދުވަހެކެވެ.

އަދުގެ ސަރުކާރުން އަންނަނީ ބައިނަލްއަޤްވާމީ ގުޅުންތައް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޤައުމުތަކައެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ބައިނަލްއަޤްވަމީ ޖަމްޢިއްޔާތަކާއެކު ކުރާ މަސައްކަތްތައް އަންނަނީ އިތުރުކުރަމުންނެވެ.