ޚަބަރު

މި ފެށި މަސައްކަތް ނިންމާނީ ކުށްކުރާ ގްރޫޕްތަކުގެ ބޮޑުން ކުށްކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނަގާފައި: ސީޕީ


  • ފުވައްމުލަކުގައި މަސްތުވާތަކެތީގެ ނެޓްވޯކަކާ ދެކޮޅަށް ހިންގި އޮޕަރޭޝަން ކާމިޔާބު

  • މާލޭގެ ނަން މަޝްހޫރު ގްރޫޕެއްގެ ފައިނޭންޝަލް އިންވެސްޓިގޭޝަން ވަނީ ނިމިފައި

ރާއްޖޭގައި ރާވައިގެން ހިންގާ ބޮޑެތި ކުށްތައް ހުއްޓުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މި ދައުރުގައި ފަށާފައިވާ މަސައްކަތް ނިންމާލާނީ އެފަދަ ގްރޫޕްތަކުގައި އިސްކޮށް އުޅޭ މީހުން ކުށްކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމަށްފަހު ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްުޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ވިދާޅުވީ ފުލުހުންގެ ޚިދުމަތަށް، ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު އަދަދެއް ކޮންމެ އަހަރަކު ހޭދަކުރާއިރު ރައްޔިތުންގެ ކަންބޮޑުވުން ހުރި މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ހޯދައިނުދެވުމަކީ ފުލުހުންގެ ޚިދުމަތާމެދު ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. ހާއްސަކޮށް މަސްތުވާތަކެތި އެތެރެކުރުމާއި ބޭނުންކުރުމާއި ވިޔަފާރި ކުރާ މީހުން އަތުނުލެވިދާ ކޮންމެ ދުވަހަކީ ރައްޔިތުންގެ ކަންބޮޑުވުން އިތުރުވާނެ ކަމެއް ކަމަށާއި އެފަދަ ކުށްތަކުން މުއްސަނދިވެފައިވާ ގްރޫޕްތަކުގެ ލީޑަރުންގެ މައްސަލަތައް އެކަށިގެންވާގޮތެއްގައި ތަހުގީގު ނުކުރެވުމަކީވެސް ފުލުހުންނާމެދު އޮންނަ އިތުބާރާއި ޔަގީންކަން ކުޑަވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ މި މައްސލަަތައް ހައްލުކުރުމަށް ކޮންމެ ދައުރެއްގައިވެސް މަސައްކަތް ކުރެވޭ ކަމަށާއި ނަމަވެސް މިހާތަނަށް އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށެވެ. މި ސަރުކާރުން މި މައްސަލަ ހައްލު ކުރުމަށް އަލަށް ފެށި މަސައްކަތަކީ ކުށްކުރާ ނެޓްވޯކްތަކުގައި މަސައްކަތް ކޮށްފައިވާ އަދި މިހާރުވެސް މަސައްކަތް ކުރަމުންދާ މީހުން ހޯދާފައިވާ މުއްސަނދިކަމަކީ ކިހިނެތް ލިބުނު މުއްސަނދިކަމެއްތޯ ބަލައި، އެ މީހުންނަށް އަމާޒުކޮށް ފައިނޭންޝަލް އިންވެސްޓިގޭޝަންތައް ފެއްޓުން ކަމަށް ވިދާޅުވިއެވެ. އަދި މާލެއާއި ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި މި މަސައްކަތް ފަށާފައިވާއިރު ފުވައްމުލަކުގައި ހިންގި އޮޕަރޭޝަން ކާމިޔާބު ކަމަށް ސީޕީ ޝުޖާޢު ވިދާޅުވިއެވެ.

ފުވައްމުލަކުގައި މަސްތުވާތަކެތީގެ ނެޓްވޯކެއް ހިންގާ 112 މީހުން ހޯދައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު އެ ތަހުގީގުން، ފުލުހުންގެ ތަހުގީގުތައް ޖިނާޢީ އަދުލުގެ ނިޒާމުން ބަލައިގަންނަކަން އެނގިފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ. އެ އޮޕަރޭޝަނުގެ އިތުރުން މާލޭގެ ނަންމަޝްހޫރު ކުށްކުރާ ގްރޫޕެއްގެ ފައިނޭންޝަލް އިންވެސްޓިގޭޝަން ނިމި، މިހާރު ވަނީ އެ ނެޓްވޯކްގައި އުޅޭ މީހުން ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

"11 މީހުން ހިމެނޭ މި ނެޓްވޯކްގައި 64 މިލިޔަން ރުފިޔާ ދައުރުކުރިއގޮތް ބެލުމަށް ހިންގުނު ތަހުގީގެއް. ދައުރުވެފައިވާ ފައިސާގެ ބޮޑުބައެއް އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ވަނީ ދެނެގަނެވިފައި. މި މައްސަލަ ޕީޖީއަށް ފޮނުވައި އެ މީހުންގެ މުދަލެއް ވާނަމަ އެ މުދާ ދައުލަތަށް ނެގުމަށް އެދޭނަން،" ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ވިދާޅުވީ ކުށްކުރާ ގްރޫޕްތައް ހުއްޓުވުމަށް ފުލުހުން ފަށާފައިވާ މަސައްކަތް ނިންމާލާނީ އެފަދަ ގްރޫޕްތަކުގައި އިސްކޮށް އުޅޭ މީހުން ކުށްކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމަށްފަހު ކަމަށެވެ.

"މިތަހުގީގުތަކުން ކުރިއަށްދާންވީގޮތް އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ. ޖިނާޢީ އަދުލުގެ ނިޒާމާމެދު އިތުބާރު ލިބިގެން ހިނގައްޖެ. ފުލުހުން މިފެށި މަސައްކަތް ނިންމާލާނީ ރާއްޖޭގައި އުފެދިފައިވާ ގްރޫޕްތަކާއި ނެޓްވޯކްތަކުގެ ބޮޑުންގެ މައްޗަށް މި ތަހުގީގު ހިންގާފައި. އެ މީސް މީހުން ކުށްކޮށްގެން ހޯދާފައިވާ މުދާތައް ދައުލަތަށް ނަގާފައި،" ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރުވެފައިވާއިރު ރާއްޖެއަށް ޚިދުމަތް ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްޙޫރިއްޔާގެ ސިޔާސަތާ އެއްގޮތަށް މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރެވޭނެ ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ވިދާޅުވިއެވެ.