ސްޕެނިޝް ކަޕުގެ ތަށި ކާމިޔާބުކުރެވުނު ނަމަވެސް ބާސެލޯނާއިން އުފާފާޅުނުކުރާނެ ކަމަށް އެ ކުލަބުން ބުނެފިއެވެ. ކޮޕަ ޑެލް ރޭގެ ފައިނަލް މެޗުގައި މިރޭ ދަންވަރު ބާސެލޯނާ ނުކުންނާނީ އެންމެ ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ ސްޕެއިނުގެ ސެވިއްޔާގެ ދަނޑުގައެވެ.
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނީ މި މެޗުން މޮޅުވެ ތަށި ލިބުނަސް ބާސެލޯނާއިން އުފާފާޅުކުރުމަށް ހާއްސަ ހަރަކާތްތަކެއް ބާއްވަން ބޭނުންނުވަނީ ކުރިއަށް އޮތް ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗަށް ތައްޔާރުވުމަށް ކަމަށެވެ. ސެމީ ފައިނަލުގައި އަންނަ ބުދަ ދުވަހުގެރޭ ބާސެލޯނާ ނުކުންނާނީ އަމިއްލަ ދަނޑުގައި އިޓަލީގެ އިންޓަރ މިލާނާ ދެކޮޅަށެވެ.
މިހެންވެ ކޯޗު ބުނީ ކޮޕަ ޑެލް ރޭ ފައިނަލުން މޮޅުވެ ތަށި ލިބުމުން އޮންނާނީ ހޮޓަލުގައި ހާއްސަ ކެއުމެއް އެކަނި ކަމަށެވެ.
"ކުޅުންތެރިންނާއި އޮފިޝަލުންނާއި ޓީމު މެނޭޖްމަންޓްގެ ހާއްސަ ކެއުމެއް އެކަނި އޮންނާނީ. ސަބަބަކީ އަހަރުމެން ބޭނުމެއްނޫން އުފާފާޅު ކުރާށޭ ކިޔާފައި އިތުރަށް ޓީމު ވަރުބަލިވާކަށް. އަހަރުމެން ކުޅެންޖެހޭ ވަރަށް މުހިންމު ސެމީ ފައިނަލް މެޗެއް އެބައޮތް. އަހަރުމެން ބޭނުން އެ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވާން،" ކޯޗު ބުންޏެވެ.
ބާސެލޯނާ މި މެޗަށް ނުކުންނީ މި ސީޒަނުގައި ހަތަރު ތަށި ހޯދުމުގެ ޕްލޭންގެ ތެރެއިންނެވެ. ބާސެލޯނާ ވަނީ މި ސީޒަނުގެ ސްޕެނިޝް ސުޕަ ކަޕް ރެއާލް ބަލިކޮށް ކާމިޔާބުކޮށްފަ އެވެ. އަދި އެ ޓީމު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި އޮތްއިރު، ސްޕެނިޝް ލީގުގެ ކުރީގައި ވަނީ ރެއާލްއަށް ވުރެ ހަތަރު ޕޮއިންޓް ކުރީގައެވެ. މިއާ ހިލާފަށް ޗެމްޕިއަންސް ލީގުން ކަޓާފައިވުމާއެކު ރެއާލްއަށް ތައްޓެއް ހޯދެން އޮތީ މި މެޗާއި ލީގުން އެކަންޏެވެ.