ބާސެލޯނާގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އާއި ޑިފެންޑަރު އަލެހަންދްރޯ ބަލްޑޭއަށް ސްޕެނިޝް ކަޕުގެ ފައިނަލް މެޗުގައި ނުކުޅެވޭނެ ކަމަށް އެ ކުލަބުން ބުނެފިއެވެ.
ބަލްޑޭއަށް އަނިޔާވީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓްމުންޑާ ދެކޮޅަށް ކުޅެނިކޮށެވެ. އަދި ލެވޮންޑޯސްކީ އަށް އަނިޔާވީ ހުސްވި ހަފުތާގައި ސްޕެނިޝް ލީގުގައި ކުޅެނިކޮށެވެ. މި ދެ ކުޅުންތެރިންނަށް ނުކުޅެވުމަކީ ފައިނަލްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން ބާސެލޯނާއަށް ދިމާވާނެ މައްސަލައަކަށްވާނެއެވެ.
ބަލްޑޭގެ ބަދަލުގައި ބާސެލޯނާއިން ޑިފެންޑަރަކަށް ނެރޭނީ ޖެރާޑް މާޓިންއެވެ. ނަމަވެސް ފޯވަޑް ލައިނުގައި ލެވަންޑޯސްކީގެ ބަދަލުގައި ކުޅުވާނެ ކުޅުންތެރިއެއް ކޯޗު ހަންސީ ފްލިކަށް އަދި ނުނިންމައެވެ. އެއް ގޮތަކީ ފެރާން ޓޮރޭސް ލައްވައި ފޯވާޑަކަށް ކުޅުވުމެވެ. އަނެއް ގޮތަކީ ޑެނީ އޮލްމޯ ލައްވައި ކުރިއަށް ކުޅުވުމެވެ. އެ ދެ ކުޅުންތެރިންވެސް ވަނީ ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުތަކުގައި ގޯލް ޖަހާފައެވެ.
މި ދެ ކުޅުންތެރިންނަށް ނުކުޅެވޭނެކަން ކަށަވަރުވިއިރު ގޯލްކީޕަރު އަދި ކެޕްޓަން މާކް އަންދްރޭ ޓާ-ސްޓެގަން މި މެޗުގައި ބެންޗުން ފެންނާނެއެވެ. މި ސީޒަނުގެ ކުރީކޮޅު އަނިޔާވެ ކުޅުމާ ދުރުގައި ހުރި ކީޕަރު މުޅުން ފިޓްވެގެން ނުކުންނަ މިއީ ފުރަތަމަ ފަހަރެވެ.