ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެފައިވާ އޮޑި ސްޕޯޓްސް ކުލަބުން ފުޓްބޯޅަ އެކެޑަމީއެއް އުފައްދައި، ރަސްމީކޮށް ލޯންޗުކޮށްފިއެވެ. ހެންވޭރު ދަނޑުގައި ހުކުރު ދުވަހުގެރޭ ބޭއްވި ޚާއްސަ ހަފްލާއެއްގައި އޮޑި ސްޕޯޓްސް ފުޓްބޯޅަ އެކެޑަމީ ލޯންޗްކޮށްދިނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގައުމީ ގޯލްކީޕަރު އިމްރާން މުޙައްމަދެވެ. އެކެޑަމީގެ ކޯޗަކަށް ހަމަޖައްސާފައިވަނީ މަޝްހޫރު ކޯޗު ފަރީދު މުޙައްމަދެވެ.
އޮޑި ސްޕޯޓްސް އެކެޑަމީ ލޯންޗުކުރުމަށްފަހު އެ އެކެޑަމީން ފުރަތަމަ ބައިވެރިވާނީ މި މަހުގެ ފަހުކޮޅު އޮންނަ މައިލޯ ފުޓްބޯލް ފިއެސްޓާގައި ކަމަށް އެ ކުލަބުން ބުނެއެވެ. އޮޑި ސްޕޯޓްސް އެކެޑަމީ ތަމްސީލުކުރާ ކުޅުންތެރިންނަށް މި ހަފުލާގައި ވަނީ ޖާޒީވެސް ހަވާލުކޮށްފައެވެ. ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްދިނީ އޮޑި ސްޕޯޓްސްގެ ސީނިއަރ ޓީމުގެ ކުޅުންތެރިންނެވެ.
އެކެޑަމީ ލޯންޗްކުރުމުގެ ހަފުލާއަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ކޯޗު ފަރީދު ބުނީ ކުދިންތަކެއް ޓްރެއިންކޮށްގެން، އެ ކުދިން ޑިވެލޮޕްކޮށް، އެހެން ލެވެލްއަކަށް ގެންދެވޭގޮތަށް ކުލަބުގެ އޮނިގަނޑު އޮތުމަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
"މީ ވަރަށް ބޭނުންވާ ކަމެއް، ޚާއްސަކޮށް އަޅުގަނޑު ހަމަ މީގެ ކުރިން އެކެޑަމީތަކުގައި ކުލަބުތަކުގައި މަސައްކަތްކުރިއިރުވެސް އަޅުގަނޑަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ ކުލަބުތަކުން އެކެޑަމީތަކުގައި ކޯޗުން ޓްރެއިންކުރާ ކުދިންނާ ދޭތެރޭގައި މާ ބޮޑު ސަމާލުކަމެއް ނުދޭ. ޚާއްސަކޮށް އެކެޑަމީތަކުން ހުރިހާ މަސައްކަތްތަކެއް ކުރަން މި ޖެހެނީ."
އެކެޑަމީތަކުން ޑިވެލޮޕްވަމުން އަންނަ ކުދިން ޔޫތު ލެވެލްއަށް ދާއިރު ކުލަބުތަކުން އެކުދިންގެ ބޭނުން ހިފައި، ޔޫތު ޓީމުތަކެއް ހެދިގެން ފުޓްބޯޅައިގެ ތެރޭގައި އެކުދިން ގެންގުޅެން ޖެހޭ ކަމަށް ފަރީދު ފާހަގަކުރިއެވެ. އަދި ބެލެނިވެރިންގެ ސަޕޯޓާއެކު އޮޑި ސްޕޯޓްސްގެ ޓީމުތަކަކީ އާދަޔާ ޚިލާފު ޓީމުތަކެއް ކަމަށާއި، ކުރިއަށް އޮތް މުބާރާތުގައިވެސް އެ ކުދިން ތަފާތު މޮޅު ކުޅުމެއް ދައްކާނެ ކަމަށް އުއްމީދު ކުރާ ކަމަށް ކޯޗު ފަރީދު ބުންޏެވެ.
"އާތީ ކޯޗުގެ އިރުޝާދުގެ ދަށުން އޮޑި ސްޕޯޓްސް ކުލަބުން މައިލޯ ފިއެސްޓާގައި ބައިވެރިވާނީ. 12 އަހަރުން ދަށުގެ މި ޓީމަކީ އާތީ ކޯޗުގެ އިރުޝާދުގެ ދަށުން ޓްރެއިން ކުރާ ވަރަށް އުއްމީދީ ބެޗެއްގެ ގޮތުގައި ފެންނަނީ" ފަރީދު ބުންޏެވެ.
އިރާދުކުރެއްވިއްޔާ މުސްތަގުބަލުގައި ރާއްޖޭގައި ފުޓްބޯޅައަށް ލޯބިކުރާ ރައްޔިތުން ފަޚުރުވެރިވާވަރުގެ މޮޅު ކުދިންތަކަކަށް އެ އެކެޑަމީގެ ކުދިން ވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް ފަރީދު ބުންޏެވެ.
އޮޑި ސްޕޯޓްސް ކުލަބުގެ އެކަޑަމީ ލޯންޗުކުރިއިރު، އެ ޓީމުން ވަނީ އެންމެ ފަހުން ބޭއްވި ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެފައެވެ.