ޚަބަރު

ލޭބަރ އޮތޯރިޓީން ބިދޭސީންނާއި ގުޅޭ 2،400 އަށް ވުރެ ގިނަ މައްސަލަ ދަނީ ބަލަމުން


  • އެ އޮތޯރިޓީގެ އަމާޒަކީ ކުރިއަށް މަހެއްހާ ދުވަހުގެ ތެރޭގައި މިމައްސަލަތައް ނިންމުން

  • މިމަސައްކަތް ކުރަނީ ދާޙީލީ ވުޒާރާއާއި ގުޅިގެން

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2،400 އަށް ވުރެ ގިނަ މައްސަލަ ބަލަމުންދާ ކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުންވަނީ މަސައްކަތް ފައްޓަވާފައެވެ. އެގޮތުން އޮޕަރޭޝަން ކުރަނގިގެ ނަމުގައި ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ ހަރަކާތެއްވަނީ ފަށާފައެވެ. މިއޮޕަރޭޝަން ކުރިއަށް ގެންދަނީ ކައުންސިލްތަކުގައިވެސް ބައޯމެޓްރިކްސް ނެގޭނެ ނިޒާމް ޤާއިމްކޮށްގެންނެވެ. މިމަސައްކަތުގެ ދަށުން މިހާތަނަށް ލައްކައަކަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތުވަނީ އެއްކޮށްފައެވެ. މީގެ އިތުރުން، ޤަވާއިދާއި ޚިލާފަށް އުޅަމުންދާ ބިދޭސީންނަށް ޤަވާއިދުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރު ކުރުމަށް އުފައްދަވާފައިވާ ލޭބަރ ރިލޭޝަންސް އޮތޯރިޓީ، އެލްއާރްއޭއިންވެސް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ޕީއެސްއެމްނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެ އެއޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް މިޒްހަތު ނައީމް ވިދާޅުވީ، އެއިދާރާ މިވަގުތު މަސައްކަތް ކުރަމުންދަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެއިދާރާވެސް ބައިވެރިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ޒަމާންވީ މައްސަލައެއް ބިދޭސީން ކަންތަކަކީ. ހާއްސަކޮށް ހޯމްލޭންޑް މިނިސްޓްރީން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފި. އަޅުގަނޑުމެންވެސް މިވަގުތު މިތިބީ ހޯމްލޭންޑް މިނިސްޓްރީގެ ދަށުގައި. މިވަގުތަށް ގާތްގަނޑަކަށް 2457 މައްސަލައެއް އެބަ ބަލަން މިނިސްޓަރުގެ އެންގެވުމަށް އަޅުގަނޑުމެން ޓާގެޓަކީ ކުރިއަށް އޮތް 1 މަސް ދުވަހުގެ ތެރޭގައި އެ މައްސަލަތައް ނިންމާ ބިދޭސީންގެ ކަންތައް ހަމަހަމަ މަގަށް އަޅުވަން މިނިސްޓްރީއަށް އަޅުގަނޑުމެންގެ ފަރާތުން ދެވެން އޮތް އެއްބާރުލުމެއް ދިނުން. " ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.

އެލްއާރްއޭއިން މައިގަނޑު ގޮތެއްގައި ބަލަމުންދަނީ، ބިދޭސީން ގެއްލިގެން ރިޕޯޓްކޮށްފައިވާ މައްސަލަތައް ކަމަށް އެއޮތޯރިޓީން ވިދާޅުވެއެވެ. މިގޮތަށް ހުށަހަޅާ މައްސަލަތަކުގައި ބިދޭސީން ފިލައިގެން ދިއުމަށް މެދުވެރިވި ސަބަބުތައް ބަލާ، ޤަވާއިދުގެ ތެރެއަށް ބިދޭސީން ވެއްދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިފަދަ މައްސަލަތައް ބަލާއިރު، ދާޚިލީ ވުޒާރާއަށް ލިޔުމުން އަންގާ، އެވުޒާރާއާ ގުޅިގެން މައްސަލަތައް ހައްލުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާކަން ލޭބަރ ރިލޭޝަން އޮތޯރިޓީން ވިދާޅުވެއެވެ.

ސަރުކާރުން ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގައި ބިދޭސީންގެ ބަޔޯމެޓްރިކްސް އަދާހަމަ ކުރުމަށް މިމަހުގެ ނިޔަލަށް ވަނީ މުއްދަތު ދީފައެވެ. މިމުއްދަތުގައި އެ މައުލޫމާތު އަދާހަމަ ނުކުރާނަމަ، ފިޔަވަޅު އަޅާނެ ކަމަށްވެސް ދާޚިލީ ވުޒާރާއިން ވިދާޅުވެއެވެ.