ޚަބަރު

ވީއައިއޭގެ އައު ޓާމިނަލާއެކު އިޤްތިޞާދު 5.2 އިިންސައްތައިން ކުރިއަރާނެ: ވޯލްޑް ބޭންކް


  • އައު ޓާމިނަލާއެކު ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ

  • ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ސަމާލުކަން ދޭން ޖެހޭކަމަށް ބުނެފައިވޭ

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގެ އައު ޓާމިނަލާއެކު މިއަހަރު ރާއްޖޭގެ އިޤްތިޞާދު 5.2 އިންސައްތަ ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފިއެވެ. ވޯލްޑް ބޭންކުން މިގޮތަށް ލަފާކޮށްފައިވަނީ އެ ބޭންކުން ނެރޭ މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް ރިޕޯޓުގައެވެ.

ބުދަ ދުވަހު ނެރުނު މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓުގައި އިޤްތިޞާދީ ގިނަ ހިރާސްތަކެއް ރާއްޖެއަށް ކުރިމަތިލާން ޖެހޭނެކަން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރޭގައި ބައިނަލްއަޤްވާމީ ބާޒާރުގައި އަގުތައް އުފުލުމާއި، މިއަހަރާއި އަންނަ އަހަރު އަނބުރާ ދައްކަން ޖެހޭ ބޮޑެތި ލޯނުތައް ހިމެނެއެވެ. މި ހިރާސްތަކާއެކުވެސް މިއަހަރު ވެލާނާ އެއަރޕޯޓުގެ އައު ޓާމިނަލާއެކު އިޤްތިޞާދީ ކުރިއެރުން ލިބިގެންދާނެކަން ވޯލްޑް ބޭންކުން ފާހަގަކުރެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލާއެކު އިޤްތިޞާދު 5.2 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ އައު ޓާމިނަލާއެކު އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބަލާފައެވެ. އަދި މިވަރުގެ ކުރިއެރުމެއް ލަފާކޮށްފައިވަނީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި އެކު ކަމަށް ވޯލްޑް ބޭންކުން ފާހަގަކުރެއެވެ. ނަމަވެސް ރާއްޖޭގެ ފަތުވެރިކަމަށް އަސަރުކުރާނެ ހިރާސްތަކެއްވެސް ވޯލްޑް ބޭންކުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ބައިނަލްއަޤްވާމީ ވިޔަފާރިއާއި މެދު އޮތް ކަންބޮޑުވުމުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވުމުގެ ފުރުސުތު އޮތްކަމަށް ވޯލްޑް ބޭންކުން ވިދާޅުވެއެވެ.

މީގެ އިތުރުން ބޭރުގައި މުދަލުގެ އަގު އުފުލޭ ހާލަތެއް އަތުވެއްޖެނަމަ ރާއްޖޭން އިމްޕޯޓަށް ކުރަން ޖެހޭ ޚަރަދުތައް އިތުުރުވުމުގެ ފުރުސަތު އޮތް ކަމަށްވެސް ބުނެފައިވެއެވެ. އަދި މިކަމުން ސަމާލަތް ވުމަށް ޚަރަދުތައް ކުޑަކުމަކީ ކުރެވިދާނެ ކަމެއްގެ ގޮތުގައި ބުނެފައިވެއެވެ.

ވޯލްޑް ބޭންކުން ވަނީ އާއްމުކޮށް އެ ބޭންކުގެ ރިޕޯޓްތަކުގައި އަންދާޒާ ކުރާ ރާއްޖޭގެ ދަރަންޏާއި ހަރަދުގެ މައްޗަށް މިފަހަރުގެ ރިޕޯޓުގައިވެސް ހިމަނާފައެވެ. މިގޮތުން ކުރިންވެސް ބުނެފައިވާ ގޮތަށް ޚަރަދުކުޑަ ނުކޮށްފިނަމަ އިގްތިސޯދީ ކުރިއެރުން 2027 ވަނަ އަހަރު ދަށަށް ދާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.

ނަމަވެސް ރާއްޖެ އަންނަމުންދާ ފަތުރުވެރިން އަދަދު ދުވަހުން ދުވަހަށް އިތުރުވުމުންދާތީ އިޤްތިޞާދު ދަނީ ކުރިއަރަމުންކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. މިގޮތުން ޗައިނާ، ރަޝިއާ އަދި ހުޅަނގުގެ ޤައުމުތަކުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަމުންދާކަން ވޯލްޑް ބޭންކުން ފާހަގަކުރިއެވެ. މިއަހަރު މިހާތަނަށް ރާއްޖެއަށް 783،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރުގެ އޮކްޓޯބަރުގެ ކުރިން، ވެލާނާ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ފަސިންޖަރ ޓާރމިނަލް ތަރައްޤީ ކުރެވޭނީ އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކުއެވެ. އެގޮތުން އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް ޓަރމިނަލްގައި ހުންނާނެއެވެ. އައު ޓަރމިނަލް އިމާރާތުގެ ސަބަބުން މިހާރު ހުރި ޓަރމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ފިލުވައިދީ، އެފް އެންޑް ބީގެ ގިނަ އައުޓްލެޓްތަކާއި، ރީޓެއިލް ސްޕޭސްތަކާއި، ލައުންޖްތަކާއި އެހެނިހެން ޚިދުމަތްތައް އެތަނުގައި ގާއިމުކުރެވޭނެއެވެ.