ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ މެލޭޝިޔާއަށް ފުރާވަޑައިގެންފި


  • ބޮޑުވަޒީރާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެ

  • މެލޭޝިޔާގައި ދިރި އުޅޭ ދިވެހިންނާ ބައްދަލުކުރައްވާނެ

  • އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާގައި ތަޤްރީރުކުރެއްވުމަށްވަނީ ހަމަޖެހިފައި

  • މި ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު މެލޭޝިއާއަށް ފުރާވަޑައިގެންފިއެވެ.

މިއީ އެމަނިކުފާނު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅުގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގައި، އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދިނުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކާމެދު ޚިޔާލުބަދަލުކުރައްވައި، ދެ ޤައުމުގެ ބައިވެރިވުން އިތުރުކުރެއްވޭނެ އިތުރު މަގުތައް ހޯއްދެވުމާމެދު މަޝްވަރާކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގައި، އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވައި، މެލޭޝިއާގެ އިސް ވުނޭރުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ (އައި.އައި.ޔޫ.އެމް) އަށް ޒިޔާރަތްކުރައްވައި އެ ޔުނިވަރސިޓީގައި އެ މަނިކުފާނު ތަޤުރީރު ކުރައްވާނެއެވެ.

އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި އެމީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކެއް ހޯއްދަވައިދެއްވުމަށާއި، އެ ފަރާތްތަކަށް އެއްބާރުލުން ދެއްވޭނެ ގޮތްތައް ހޯއްދެވުމާމެދު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގެ އަމާޒަކީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމެވެ. މީގެ އިތުރުން، މި ދަތުރުފުޅުގައި ދެ ޤައުމުގެ ލީޑަރުންގެ ހާޒިރުގައި މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި، ނޯޓް އެކްސްޗޭންޖްތައް ކުރިއަށްގެންދިއުމަށްވެސް ވަނީ ތާވަލުކޮށްފައެވެ.