ޚަބަރު

ހަފުތާ ބަންދުގައިވެސް މޫސުން ގޯސް!


  • ހުކުރު އަދި ހޮނިހިރުގައިވެސް އުތުރާއި ދެކުނަށް މޫސުން ގޯސް

  • ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކުރައްވާފައި

ކުރިއަށް އޮތް ހަފުތާ ބަންދުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، ހުކުރު ހޮނިހިރު ދެ ދުވަހުވެސް އުތުރާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ދެކުނުގެ ކަނޑުތައް ގަދަވާނެކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށެވެ.

ކުރިއަށްއޮތް 24 ގަޑިއިރަށް ބަލާއިރު، ރާއްޖޭގެ ދެކުނާއި އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްރަށަށް ގުގުރުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް ވިދާޅުވެއެވެ.

އެ އިދާރާއިން ވިދާޅުވީ، ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ. އަދި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ވިދާޅުވިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ ގދ.ފަރެސްމާތޮޑާއަށެވެ. އެގޮތުން ފަރެސްމާތޮޑާއަށް 48.3 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއާއި ސަލާމަތީ ޚިދުމަތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.