ޚަބަރު

އަންހެންމީހާ ވެއްޓުނު ހާދިސާ ހިނގިއިރު ވަޒީރު އަމީން ހުންނެވީ ރާއްޖެއިން ބޭރުގައި!


  • ހާދިސާ ހިނގި ވަގުތު ވަޒީރު ހުންނެވީ ދަތުރުމަތީގައި ފްލައިޓުގައި

  • ރާައްޖެއަށް ވަޑައިގެންނެވީ ހާދިސާ ހިނގި ދުވަހުގެ ހެނދުނު 8:50 ހާއިރު

މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް 21 އަހަރުގެ އަންހެނަކު ވެއްޓުނު ހާދިސާ ހިނގިއިރު ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ރާއްޖޭގައި ނެތްކަން ހާމަވެއްޖެއެވެ.

އަންހެން މީހާ ވެއްޓުނު ހާދިސާއާ ވަޒީރު އަމީންއާ ގުޅުވައިގެން ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ދަނީ ވަޒީރަށް ތުހުމަތުތަކެއް ކުރަމުންނެވެ. ނަމަވެސް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާގޮތުގައި ހާދިސާ ހިނގި ވަގުތު ވަޒީރު އަމީން ހުންނެވީ ރާއްޖެއަކު ނޫނެވެ.

އެ ހާދިސާ ހިނގި ދުވަހަކީ އައިކާއޯއިން އިންތިޒާމުކޮށްގެން ބޭއްވި މިއަހަރުގެ ފެސިލިޓޭޝަން ކޮންފަރެންސްގެ މިނިސްޓްރީއަލް ސެގްމަންޓުގައި ބައިވެރިވެވަޑައިގަތުމަށް ޤަތަރުގެ ދޯހާގައި ހުންނެވި ފަހުދުވަހެވެ. އަދި ހާދިސާ ހިނގި ވަގުތު ވަޒީރު ހުންނެވީ ރާއްޖެ އައުމުގެ މަގުތަމަތީގައި މަތިންދާ ބޯޓުގައިކަންވެސް ވަނީ ކަށަވަރު ކުރެވިފައެވެ.

ޕީއެސްއެމް ނިއުސްއަށް ލިބިފައިވާ މައުލޫމާތުތަކުން ހާމަވާގޮތުގައި ވަޒީރު އަމީން ކޮންފަރެންސް ނިންމަވާލައްވައި ރާއްޖެއަށް އެނބުރި ވަޑައިގަތް ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ، މި މަހުގެ 18ވަނަ ދުވަހުގެ ހެނދުނު 08:50 ހާއިރުއެވެ. ނަމަވެސް އަންހެން މީހާ ވެއްޓުނު ހާދިސާ ހިނގާފައިވަނީ އެ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީވެސް އެ ދުވަހުގެ ހެނދުނު 7:23 ހާއިރުއެވެ. އަދި ފުލުހުން ހިއްސާކޮށްފައިވާ ސީސީޓީވީ ފުޓޭޖުތަކުން ދައްކާ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ 18 ވަނަ ދުވަހުގެ ފަތިހުގެ 4:00 އާ 5:00 އާ ދެމެދުގެ ވަގުތެއްގައެވެ.

އެހެންކަމުން އެ ހާދިސާ ހިނގިއިރު ވަޒީރު އަމީން ރާއްޖޭގައި ނުއުޅުއްވާކަން ކަށަވަރުވެއެވެ.

މި ހާދިސާއާ ގުޅިގެން ވަޒީރު އަމީން ވަނީ މީގެ ކުރިންވެސް އެކްސްގައި މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން، ވަޒީރަށް ހާދިސާގެ މައުލޫމާތު ލިބިވަޑައިގެންނެވީ ހުކުރު ދުވަހު ހަވީރުގެ ވަގުތެއްގައި ކަމަށާއި އެކި ފަރާތްތަކުން ތުހުމަތުކުރި ނަމަވެސް އެ މައްސަލާގައި އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާނެ ކަމަށްވެސް ވަޒީރު އަމީން އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

މި މަހުގެ 18ވަނަ ދުވަހުގެ ފަތިހު ހިނގި މިހާދިސާ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާއްސަ ކޮމިޝަނެއްވެސް އުފައްދަވާފައެވެ. މިއީ އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ބަލައި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަޙުޤީޤެއް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކު ހިންގުމަށް ރައީސް އުފެއްދެވި ކޮމިޝަނެކެވެ.