ޚަބަރު

މާލޭގައި ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި


  • ހއ އަތޮޅުން ފެށިގެން ދ އަތޮޅަށް މިރޭ މެންދަމު 2:30އާ ހަމައަށް ހުދުސަމާލު ވަނީ ނެރެފައި

  • ކުރިއަށް އޮތް ދެ ދުވަހުވެސް ވާރޭ ވެހޭނެ

މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވަމުންދާތީ ފެން ހިންދުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ފަށައިފިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ މަގުތަކުގައި ދަނީ ފެންބޮޑުވަމުންނެވެ. އެހެންވެ ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެގޮތުން މިވަގުތު ފެން ހިންދުމަށްޓަކައި މާލޭގެ ފަސް ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ސިފައިން ދަނީ މަސައްކަތްކުރަމުންނެވެ. މީގެ ތެރޭގައި ވެސްޓް ޕާކު، އައިޖީއެމްއެޗް، މާފަންނު ފެރީ ޓާމިނަލް، ބޮޑުވަޅު އަދި ދަރުބާރުގެ ސަރަހައްދު ހިމެނެއެވެ.

ފެންބޮޑުވެ ގެތަކަށް ފެން ވަންނަނަމަ ވެލިބަސްތާ ޖެހުމަށްވެސް ސިފައިން ތައްޔާރީ ހާލަތުގައި ތިބި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައިވާ ގޮތުގައި ކުރިއަށް އޮތް 2 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. މިއީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ވިންޑު ކޮންވަޒޭޝަނެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ހއ އަތޮޅުން ފެށިގެން ދ އަތޮޅަށް މިރޭ މެންދަމު 2:30އާ ހަމައަށް ހުދުސަމާލު ނެރެފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށާއި، މެދުރާއްޖެތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެކަމަށެވެ. އަދި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިކުރާނެކަމަށް ލަފާކުރެވެނީ، އަންނަ ބުދަދުވަހުގެ ފަހުންކަމުންކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.