ލިވަޕޫލްއިން އެ ކުލަބުގެ ފޯވާޑް ޑާވިން ނޫނޭޒް ފުރަތަމަ 11ގައި ނުކުޅުވަނީ ކީއްވެ ހެއްޔެވެ؟ އެއް ބަޔަކު ބުނަނީ ކުލަބުން ތައްޔާރުވަނީ އުރުގުއޭގެ ފޯވަޑް މި ސީޒަނަށް ފަހު ވިއްކާލަން ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ލިވަޕޫލް ބޭނުންވާ ފަދަ ކުޅުމެއް ދައްކައި ނޫނޭޒަށް ގޯލު ނުޖެހޭ ކަމަށެވެ.
އުމުރުން 25 އަހަރުގެ ފޯވަޑް ލިވަޕޫލާ ގުޅުނީ 2022 ވަނަ އަހަރު ޕޯޗުގަލްގެ ބެންފީކާއިން އެވެ. އޭނާ ވަނީ މިހާތަނަށް 90 މެޗުން 25 ގޯލު ޖަހައިދީފަ އެވެ. ނަމަވެސް މި ސީޒަނުގެ ވަކި ހިސާބަކުން ކުއްލި ގޮތަކަށް ފުރަތަމަ 11އިން އޭނާ ގެއްލުނުކަން އިނގިރޭސި މީޑިޔާތަކުން ދަނީ ފާހަގަ ކުރަމުންނެވެ.
އެ ގައުމުގެ ނުފޫޒުގަދަ މީޑިއާތަކުން ބުނަނީ ލިވަޕޫލުން ނޫނޭޒް ފުރަތަމަ 11 އަށް ނާރުވަނީ އޭނާގެ ކުރީގެ ކުލަބު ބެންފިކާ އަށް ފަސް މިލިއަން ޕައުންޑް ދޭން ޖެހިދާނެތީ ކަމަށެވެ. އެއީ ލިވަޕޫލްގެ ފުރަތަމަ 11ގައި އޭނާ 60 މެޗު ދެ ސީޒަނު ތެރޭގައި ހަމަކޮށްފިނަމަ މި އަދަދު ދޭން ޖެހޭ ކަމަށް ކޮންޓްރެކްޓްގައި ބުނެފައިވާތީ އެވެ. ނޫނޭޒް މިހާތަނަށް ވަނީ ފުރަތަމަ 11ގައި 59 މެޗު ކުޅެދީފަ އެވެ.
ނަމަވެސް ކޯޗު އާނޭ ސްލޮޓް މި ވާހަކަތައް ދޮގުކުރެ އެވެ.
"ކަލޭ މެން ގަބޫލު ކުރަނީ ތަފާތު ނޫސްވެރިން ދައްކާ ވާހަކަތަ؟ އެމީހުން ކޮންމެ ވާހަކައެއް ލިޔުނަސް އެ ވާހަކަ ހަމަ ގަބޫލު ކުރަންވީތަ؟ އަހަރެން އެންމެ ނުކުރާ ކަމަކީ ނޫސްތަކުގައި ލިޔާ ވާހަކަ ގަބޫލު ކުރުން،" ސްލޮޓް ބުންޏެވެ.
އޭނާ ބުނީ އަބަދުވެސް ބަލަނީ ކުޅުންތެރިންނާއެކު ރަނގަޅު ގުޅުމެއް ބާއްވައި އެކުވެރިކަމާއެކު މަސައްކަތް ކުރަން ކަމަށެވެ. އަދި ނޫނޭޒް ހިތްހަމަ ނުޖެހިގެން ޕްރެކްޓިހުގައި ޓީމުގެ ބައެއް ކުޅުންތެރިންނާ ތަޅައި ގަތީ ފުރަތަމަ 11 އަށް ނާރުވާތީ ރުޅިއައިސްގެން ކަމަށް ދެކެވޭ ވާހަކަ ވެސް ކޯޗު ވަނީ ދޮގުކޮށްފަ އެވެ.
"ތިޔަ ފަދަ ގޮތަކަށް ކުޅުންތެރިއަކު ނުކުޅުވައި ބެހެއްޓުމަކީ އަހަރެން އެންމެ ފަހުން ކުރާނެ ކަންތައް. އަހަރެންނަކީ ތި ގޮތަށް ކަންތައްތައް ކުރާނެ މީހެއްނޫން. އަދި އަހަރެންނަށް ކުލަބުން ވެސް މިފަދަ ކަމެއް އޮތްކަން އަންގާފައި ނުވޭ،" ސްލޮޓް ބުންޏެވެ.
މި ސީޒަނަށް ފަހު ލިވަޕޫލުން ނޫނޭޒް ވިއްކާލާނަމަ އޭނާ ގަތުމަށް ސްޕޭނުގެ ކުލަބުތަކުން ޝައުގުވެރިވެ އެވެ.