2025 އޭޕްރިލް 27 ވަނަ ދުވަހުގެ ރޭ 8:00 އެހައިކަންހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި "ބްރިލިއަންޓް ކެރިއަރ" ނަމަކަށް ކިޔާ ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފިއެވެ. މި ދޯނީގައި ތިބީ 5 މީހުންނެވެ. އެއީ 3 ދިވެހިންނާއި 2 ބިދޭސީންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ އޭޕްރިލް 28 ވަނަ ދުވަހުގެ ދަންވަރު 2:40 ގައި ކަމަށެވެ. އެއިރު ކެޕްޓަން ވިދާޅުވެފައިވަނީ ހުވަދުއަތޮޅަށް ވަންނަން ކައިރިވެފައިވާ ކަމަށެވެ. އޭގެ ފަހުން ދޯންޏާ ގުޅިފައެއް ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލަ މިއަދު ހަވީރު 6:00 ގައި ގައްދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކުރެވި، އެމް.އެން.ޑީ.އެފްގެ ސަދަން ރީޖަން ކޮމާންޑަށް ވަނީ މައުލޫމާތު ދީފައެވެ. ދޯނި ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، މި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ނެޝަނަލް އިމަޖެންސީ ނަންބަރު 911 އަށް ނުވަތަ އެންމެ ކައިރި ފުލުހުންގެ މަރުކަޒަކަށް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.