ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ހައްގު މަގާމަށް އައުމަކީ ދިވެހި ފުޓްބޯޅައަށް ވަރަށް މުހިންމުކަމެއްގެ ގޮތުގައި ދެކޭކަމަށާއި، ނިއުރޭޑިއަންޓާއި، ވިކްޓްރީ އަދި ވެލެންސިޔާއާއި ނުލާ ދިވެހި ފުޓްބޯޅަ ފުރިހަމަ ނުވާނެ ކަމަށް އެކުލަބުގެ ޗެއާމަން އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.
މުބީން ވިދާޅުވީ ފުޓްބޯޅަ ދަނޑުތަކަށް ހީނަރުކަން އައިސް ދަނޑަށް ވަންނާނެ ސަޕޯޓަރުން ނެތިގެން ދިޔަ ދިއުން ބަދަލުކުރެވޭނީ އަލުން ނިއުރޭޑިއަންޓާއި، ވިކްޓްރީ އަދި ވެލެންސިޔާ އައިސްގެންކަމަށެވެ.
ނިއުރޭޑިއަންޓްގެ ޖޯޒީއަކީ ވަރަށް ގިނަ ބައެއްގެ އުންމީދުތަކާއި ގުޅިފައިވާ ބަރުދަން ހުރި ޖޯޒީއެއް ކަމަށާއި، ނިއު އަކީ ރާއްޖޭގެ ނިސްބަތުން އެންމެ ގިނަ ސަޕޯޓަރުން ތިބި ކުލަބު ކަމަށެވެ.
އަލަށް އެކުލަވާލި ސްކޮޑާއި އަދި ކޯޗިން ސްޓާފުންނަށް އިޝާރާތްކުރައްވާ މުބީން ވިދާޅުވީ އެންމެ މުހިންމު ދައުރެއް މިއޮތީ ކޯޗިން ސުޓާފުންނަށް ކަމަށާއި، އުންމީދަކީ ފުޓްބޯޅައިގެ ތެރެއަށް އަލުން ނިއުރޭޑިއަންޓް އައިސް ރަނގަޅު ލެވެލްއެއްގައި ކުޅުން ކަމަށެވެ.
ނިއުރޭޑިއަންޓުން މި ނިކުންނަނީ ރާއްޖޭގައި މިވަގުތު ލިބެންއޮތް އެންމެ ހުނަރުވެރި ސްކޮޑު އަދި ކޯޗިން ސްޓާފުންނާއެކުގައި ކަމަށެވެ. ދާދި އަވަހަށް ނިއުރޭޑިއަންޓުން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާނެ ކަމުގެ އުންމީދު އެބައޮތް ކަމަށްވެސް މުބީން ވިދާޅުވިއެވެ.
ނިއުރޭޑިއަންޓްގެ އައު ސްކޮޑާއި ޖޯޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ކުރީގެ ގައުމީ ގޯލްކީޕަރ އިމްރާން މުހައްމަދު (އިންމަ) ބުނީ މިއުނދަގޫ ހާލަތުގައިވެސް ދިވެހި ފުޓްބޯޅަ ކުރިޔަށް ގެންދިއުމަށްޓަކައި ނިއުރޭޑިއަންޓުން ކުރާ މަސަކަތް ފާހަގަކުރާ ކަމަށާއި، ކުރިޔަށް މިއޮތީ ވަރަށް ބުރަ މަސައްކަތުން ދިވެހި ފުޓްބޯޅަ ނަގާ ކޮޅަން ޖަހަންވީ ވަގުތު ކަމަށެވެ.
މިވަގުތުގައި ރާއްޖެއަށް ބަލާއިރު ނިއުރޭޑިއަންޓަކީ އެންމެ ސަޕޯޓަރުން ގިނަ ކުލަބު ކަމަށް ފާހަގަކޮށް އިމްރާން ބުނީ އެ ސަޕޯޓަރުންގެ ވަރަށް ފޮނި އުންމީދުތަކެއް ނިއުރޭޑިއަންޓާއި ދޭތެރޭގައި އެބައޮތް ކަމަށެވެ.
ކުލަބުގެ ފައުންޑަރ ކްއީން ވަހީދު ވިދާޅުވީ މިހާރު އޮތް ސްކޮޑާއި މެދު ފުރިހަމައަށް އިތުބާރު އެބައޮތް ކަމަށާއި، އުންމީދަކީ ހަރުފަތަކަށްފަހު ހަރުފަތެއް ކުރިއަރާ އަލުން ފުރަތަމަ ޑިވިޝަނަށް ކުލަބު ގެންދިއުމަށް ކަމަށެވެ.
ނިއުރޭޑިއަންޓުން ވަނީ އެކުލަބުގެ ސްކޮޑް އިއުލާނުކޮށް އާ ސްކޮޑާއި ކޯޗިން ސްޓާފުންނަށް ޖާޒީ ހަވާލުކޮށްފައެވެ. އަދި ކުރިޔަށް އޮތް ވާދަވެރި ފުޓްބޯޅަ މުބާރާތަށް ފަރިތަކުރުންތައް ފަށާފައެވެ. ނިއުގެ އާ ސްކޮޑްގައި ހިމެނެނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ ތަޖްރިބާ ހުރި އަދި މިދިޔަ އހަަރު ބޭއްވި ގޯލްޑް ކަޕްގައި ފެނިގެން ދިޔަ ހުނަރުވެރި ކުޅުންތެރިންތަކެކެވެ.
އެ ކުލަބުގެ ފުރަތަމަ ފަރިތަކުރުންތައް ކުރިޔަށް ގެންދިޔައީ ހޯމަދުވަހު ހަވީރު ހެންވޭރު ދަނޑުގައެވެ. ނިއުގެ އާ ސްކޮޑުން ބައިވެރިވާ، ފުރަތަމަ މުބާރާތަށް ޓީމު ތައްޔާރުކޮށްދިނުމަށް ހެޑް ކޯޗަކަށް ހަމަޖައްސާފައިވަނީ އާދަމް އަބްދުއްލަތީފް (ލައްޗޭ) އެވެ.