އަންނަ އަހަރުގެ 500އެއްހާ މަޝްރޫޢުގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތައް ހިންގަމުންނެވެ. މީގެ ތެރޭގައި ބިން ހިއްކުމާއި އެއަޕޯޓްތައް ތަރައްޤީކުރުމާއި ސިއްހީ ދާއިރާގެ އެކި މަޝްރޫޢުތަކާއި ތަޢުލީމީ ދާއިރާގެ މަޝްރޫޢުތައް ހިމެނެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވީ އެކުންފުނިން ކުރިއަށްގެންދާ 719 މަޝްރޫޢުއެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާކަމަށެވެ. އަދި 587 މަޝްރޫޢުގައި ސޮއިކޮށް އެ މަސައްކަތްތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް ސަޢުދީ ވިދާޅުވިއެވެ. މީގެ އިތުރުން ސަޢުދީ ވަނީ މި މަޝްރޫޢުތަކުގެ ތެރެއިން 28 މަޝްރޫޢުއެއްގެ މަސައްކަތް މިއަހަަރަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
"2027ވަނަ އަހަރު ނިމެންވާއިރަށް 500އާ ގާތްކުރާ އަދަދަކަށް މަޝްރޫޢުތައް ނިންމަންޖެހޭ. ޚާއްސަ އިސްކަމެއް ދީގެން އަންނަ ދިރާސީ އަހަރަށް ތަޢުލީމީ ދާއިރާގައި ހަވާލުކޮށްފައިވާ މަޝްރޫޢުތައް ނިންމުމަށް ދަނީ މަސައްކަތްކުރަމުން." އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވިއެވެ.
ސަޢުދީ ވިދާޅުވީ އަންނަ އަހަރަކީ އެންމެ ގިނަ މަޝްރޫޢުތައް ނިންމަން ޖެހޭ އަހަރުކަމަށާއި އެ މަސައްކަތްތައް ކުރިއަށްގެންދެވޭނެ ގޮތަށް ތަރުތީބުކުރަމުން ދާކަމަށެވެ. އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެމްޕެއިން ދުވަސްވަރު ރައްޔިތުން އެދިފައިވާ މަޝްރޫޢުތައް ހިމެނެއެވެ.
17 ނޮވްމެބަރު 2023އިން ފެށިގެން 2025ވަނަ އަހަރުގެ ނޮވްމެބަރު 17ވަނަ ދުވަހާހަމައަށް އެމްޓީސީސީން ވަނީ 50 މަޝްރޫޢުގެ މަސައްކަތް ނިންމާފައެވެ. އެމްޓީސީސީން އެންމެ ގިނައިން ކޮށްފައިވަނީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު ހެދުމުގެ މަޝްރޫޢުތަކެވެ. އެގޮތުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 14 މަޝްރޫޢެއް ނިންމާފައިވެއެވެ. އަދި ބަނދަރު ހެދުމުގެ 10 މަޝްރޫޢެއްގެ މަސައްކަތްވެސް އެ ކުންފުނިން ވަނީ ނިންމާލާފައެވެ.