2024ވަނަ އަހަރުގައި ދުނިޔޭގެ ޤައުމުތަކުން އަސްކަރީ ކަންކަމަށް ޚަރަދު ކުރި ޖުމްލަ ޢަދަދު 2.72 ޓްރިލިއަން އެމެރިކާ ޑޮލަރަށް ވުރެ އިތުރު ކަމަށް ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސަރޗް އިންސްޓިޓިއުޓް، އެސްއައިޕީއާރުން ބުނެފިއެވެ.
އެސްއައިޕީއާރުން ނެރެނުނު ރިޕޯޓެއްގައި ބުނީ 2024ވަނަ އަހަރު ޤައުމުތަކުން ކުރި އަސްކަރީ ޚަރަދު 2.72 ޓްރިލިއަނަށް އަރާއިރު އެ ޢަދަދަކީ އޭގެ ކުރީ އަހަރާ އަޅާ ބަލައިއިރު 9.4 އިންސައްތައިގެ އިތުރުވުމެއް ކަމަށެވެ. މިއީ ފިނި ހަނގުރާމައިގެ ފަހުން މި ޢަދަދު އަހަރަކަށްވުރެ އަހަރެއް އިތުރުވެފައިވާ މިންވަރު ކުއްލިއަކަށް އެހާ ބޮޑަށް އިތުރުވެފައިވާ އަހަރު ކަމަށް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.
ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުން ދޭދޭ ޤައުމުތަކުގެ މެދުގައި އުފެދިފައިވާ މައްސަލަތަކާއި ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ ހުރިހާ ސަރަޙައްދެއްގައި ވެސް އަސްކަރީ ކަންކަމަށް ކުރާ ޚަރަދު ވަނީ އިތުރުވެފައެވެ. ޚާއްޞަ ގޮތެއްގައި ވިލާތުގެ ޤައުމުތަކާއި މެދުއިރުމަތީގެ ޤައުމުތަކުން ކޮށްފައިވާ ޚަރަދު އިތުރު ކަމަށް އެސްއައިޕީއާރުން ބުނެއެވެ.
“2024ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ 100އަށްވުރެ ގިނަ ޤައުމުން ވަނީ އަސްކަރިއްޔާއަށް ކުރާ ޚަރަދު އިތުރު ކޮށްފައި. ޤައުމުތަކުން އަސްކަރީ ސަލާމަތަށް ދޭ އަހައްމިއްުޔަތުކަން އިތުރުވަމުންދާއިރު އެ ގޮތަށް ޢަމަލު ކުރަނީ ކޮންމެ ވެސް އެހެން ދާއިރާއަކަށް ކަނޑައަޅާފައިވާ ފައިސާ އުނި ކުރުމަށް ފަހު. އޭގެ ސަބަބުން ކުރިމަތިވާ އިޤްތިޞާދީ އަދި އިޖްތިމާޢީ މައްސަލަތަކުގެ އަސަރު އެތައް އަހަރެއް ވަންދެން ދެމިގެން ދިޔުން ގާތް،” ރިޕޯޓުގައި ފާހަގަ ކޮށްފައިވެެއެވެ.
ޔޫކްރެއިނާއި ރަޝިޔާއާ ދެމެދު ކުަރަމުންދާ ހަނގުރާމައިގެ ސަބަބުންނާއި ވިލާތުގެ އިއްތިޙާދުގެ އަސްކަރީ ފައުޖު، ނޭޓޯއާމެދު އެމެރިކާއިން ދެކޭގޮތާމެދު ސުވާލު އުފެދިފައިވާ ޙާލަތެއްގައި ރަޝިޔާ ހިމެނޭ ގޮތަށް ވިލާތުގައި އަސްކަރީ ކަންކަމަށް ކުރާ ޚަރަދު ވެސް ވަނީ އިތުރުވެފައެވެ. ވިލާތުން އަސްކަރީ ކުރިއެރުމަށް ކުރާ ޚަރަދު 17 އިންސައްތައިން އިތުރުވެފައިވާއިރު މި ޢަދަދަކީ ފިނި ހަނގުރާމަ ނިމުނު އިރު ވިލާތުން ޚަރަދު ކުރި މިންވަރަށް ވުރެ އިތުރު ޢަދަދެކެވެ.
2024ވަނަ އަހަރު ރަޝިޔާއިން އަސްކަރީ ކަންކަމަށް 149 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދު ކޮށްފައިވެއެވެ. މިއީ 2023ވަނަ އަހަރާ އަޅައި ބަލާނަމަ 38 އިންސައްތައިގެ އިތުރުވުމެކެވެ. އަދި 2015ވަނަ އަހަރާ އަޅައި ބަލާއިރު ދެ ގުނަ އިތުރު ޢަދަދެެކެވެ. މި ޢަދަދަކީ ރަޝިޔާގެ އުފެއްދުންތެރިކަމުގެ ނިޞްބަތުގެ 7.1 އިންސައްތައާ އެއްވަރު ޢަދަދެކެވެ. އަދި މުޅި ސަރުކާރުން ކުރާ ޚަރަދުގެ 19 އިންސައްތައެވެ.
ޔޫކްރެއިނަށް ބަލާއިރު އެ ޤައުމުން އަސްކަރިއްޔާއަށް ޚަރަދު ކުރި މިންވަރު ވަނީ 2.9 އިންސައްތަ އިތުރުވެފައެވެ. 2024ވަނަ އަހަރު އެ ޤައުމުން އަސްކަރީ ކަންކަމަށް ޚަރަދު ކުރީ 64.7 ބިލިޔަން އެމެރިކާ ޑޮލަރެވެ. މިއީ ރަޝިޔާއިން ޚަރަދުކުރި މިންވަރުގެ 43 އިންސައްތައެވެ. އަދި އެ ޤައުމުގެ އުފެއްދުންތެރިކަމުގެ ނިޞްބަތުގެ 34 އިންސައްތައެވެ. އެއާއެކު ޔޫކްރެއިން ވެފައި މި ވަނީ 2024ވަނަ އަހަރު އެންމެ ބޮޑު އަސްކަރީ ބުރަ އޮތް ޤައުމަށެވެ.
އެސްއައިޕީއާރުން ބުނީ ޓެކްސްގެ ގޮތުގައި ޔޫކްރެއިނަށް ލިބޭ ހުރިހާ އާމްދަނީއެއް ޚަރަދު ކުރަނީ އަސްކަރިއްޔާއަށް ކަމަށެވެ. މިހާ ދަތި މާލީ ޖާގައެއްގައި ޔޫކްރެއިނަށް އަސްކަރީ ޚަރަދުތައް އިތުރު ކުރަމުން ގެންދިޔުމަކީ ގޮން ޖެހުމަކަށް ވާނެ ކަމަށް ވެސް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.
2024ވަނަ އަހަރު އެމެރިކާއިން ކުރި އަސްކަރީ ޚަރަދުގެ ގޮތުގައި ބޭނުން ކޮށްފައި ވަނީ 997 ބިލިޔަން އެމެރިކާ ޑޮލަރެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލައި ނަމަ 5.7 އިންސައްތަ އިތުރުވުމެކެވެ. އޭގެ ތެރެއިން 66 އިންސައްތަ ހޭދަ ކޮށްފައި ވަނީ ނޭޓޯއަށެވެ. އަދި 37 އިންސައްތަ ހޭދަ ކޮށްފައި ވަނީ ދުނިޔޭގެ އަސްކަރީ ޚަރަދުގެ ގޮތުގައެވެ.