ޚަބަރު

ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ސަޤާފަތުގެ ކުލަތައް އޭޓީއެމް ފެއަރގެ ތެރެއިން ދައްކާލައިފި


  • ސަޤާފީ ވާހަކަތަކާއި ފަންނުވެރިންގެ ހުށެހެޅުންތައް ގެނެސްދީފައިވޭ

  • މިއީ މޯލްޑިވިއަން އިވްނިން ހަރަކާތް ދުބާއީގައި ކުރިއަށް ގެންދާ ފުރަތަމަ ފަހަރު

އަރަބިއަން ޓްރެވެލް މާކެޓް، އޭޓީއެމްގެ ހަވާސާގެ ތެރެއިން ދުބާއީގައި ފުރަތަމަ ފަހަރަށް "މޯލްޑިވިއަން އިވްނިން" ބާއްވައިފިއެވެ. މޯލްޑިވިއަން އިވްނިން ބާއްވާފައި ވަނީ ދުބާއީގެ ސޫކް މަދީނަތު ޖުމައިރާގައި ހުންނަ ތިއޭޓަރ އޮފް ޑިޖިޓަލް އާޓްސް(ޓޮޑާ) ގައެވެ.

ދުބާއީގައި ކުރިއަށްދާ އޭޓީއެމްގެ ފުރަތަމަ ދުވަސް ރާއްޖެއިން ނިންމާލީ ދިވެހި ރާއްޖޭގެ ސަޤާފަތް ދައްކުވައިދޭ "މޯލްޑިވިއަން އިވްނިން" ހަރަކާތާއެކުއެގައެވެ. މި ހަރަކާތުގެ ބޭނުމަކީ ބޭރުގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ބޭރުގެ ފަރާތްތަކަށް ދިވެހި ރާއްޖޭގެ ސަޤާފަތް ދައްކާލައި ފަތުރުވެރިންގެ މެދުގައި ރާއްޖެ މަޤުބޫލު މަންޒިލަކަށް ހެދުމަށް ބޭނުންވާ މަޢުލޫމާތު އެކުވެރި މާޙައުލެއްގައި ފޯރުކޮށްދިނުމެވެ.

މި ހަރަކާތް ފެށުމުގެ ކުރިން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވަނީ، ޓޯޑާ ތީއޭޓަރ އެއްކޮށް ބައްލަވާލައްވާފައެވެ. މި ތަނަކީ ހުށެހެޅުމެއް ހުށަހަޅާއިރު އެ މަންޒަރުތައް މުޅި ހޯލުގެ ތެރެއިން ސިފަވާގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. މިއާއެކު ރާއްޖޭގެ މަންޒަރުތައް ދައްކާލި ވަގުތު މުޅި ހޯލު ތެރެއިން އެ މަންޒަރުތައް ކޮންމެ ދިމާލަކުންވެސް ފެނެއެވެ. މީގެ އިތުރުން ދިވެހި ސަޤާފަތް ފެންނަ ވީއާރް ރޫމެއްވެސް ހަރަކާތުގެ ބައިވެރިންނަށް ހާއްސަކޮށް ވަނީ ތައްޔާރުކޮށްފައެވެ.

ދިވެހި ސަޤާފީ ގިނަ ހުށެހެޅުންތަކާއި ފަންނުވެރިންގެ އެކި ހަރަކާތްތަކާއެކު ކުރިއަށް ގެންދިޔަ، މޯލްޑިވިއަން އިވްނިންގްގައި ވާހަކަ ދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤު އިބްރާހީމް ވަނީ ރާއްޖެ އަންނަ ފަތުރުވެރިންނަށް ފޯރުކޮށްދެނީ ރީތި ޤުދުރަތީ މަހައުލެއް އެކަނި ނޫން ކަމަށާއި އޭގެ އިތުރަށް ރާއްޖޭގެ މެހެމާންދާރީއާއި ސަޤާފަތްވެސް ތަޖުރިބާ ކުރުމަށް ފުރުސަތު ދެވިގެންދާކަމަށް ވިދާޅުވެފައެވެ.

މި ހަރަކާތުގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވަނީ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މިވޭތުވެ ދިޔަ އަހަރުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. ދިވެހި ރާއްޖެއިން ފަތުރުވެރިކަން ކުރިއެރުވުމަށް އިސްތިރާޖީ ގޮތުން މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން މަޢުލޫމާތު އެއްކޮށްގެން މައުލޫމާތަށް ބިނާކޮށް މަސައްކަތްތަކެއް ކުރެވޭކަން ޝިއުރީ ފާހަގަކުރެއްވިއެވެ.

މި ހަރަކާތުގައި ސަޤާފީ ހަރަކާތްތަކުގެ އިތުރުން ދިވެހި ފަންނުވެރިންގެ ހުނަރުތައްވެސް ވަނީ ދައްކާލާފައެވެ. އެގޮތުން ރަށްރަށުގެ ވާހަކަތަކާއި، ފަންނުވެރިންގެ ހުނަރުތައްވެސް ވަނީ ދައްކާލާފައެވެ. މީގެ ތެރޭގައި ކުރެހުންތެރިޔާ އަލީ އިޝާން(ކުރަހާ ރާޢްޕެ) ގެ ހަރަކާތްތެކާއި ސްކައި ރޮކް ބޭންޑުގެ ހުށެހެޅުންތައް ހިމެނެއެވެ.