ޚަބަރު

ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމުގެ ޙަޤީޤީ މޭސްތިރިންނަކީ އަންހެންވެރިން: ވަޒީރު އާދަމް ޝަރީފް


  • ހަރުދަނާ ޢާއިލާއެއް ބިނާކުރުމުގައި އަންހެނުންގެ ދައުރު ބޮޑުކަމަށް ވިދާޅުވި

  • ހަރުދަނާ މުޖުތަމަޢެއް ބިނާކުރެވޭނީ ހަރުދަނާ ޢާއިލާއެއްގެ ސަބަބުންކަމަށް ވިދާޅުވި

ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމުގެ ޙަޤީޤީ މޭސްތިރިންނަކީ އަންހެންވެރިންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ "އަންހެންވެރިއްގެ ސައްލާ" މަސައްކަތު ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި މަސައްކަތު ބައްދަލުވުން ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.

މަސައްކަތު ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ހަރުދަނާ މުޖުތަމަޢެއް ބިނާކުރެވެނީ ހަރުދަނާ ޢާއިލާއަކަށް ކަމަށެވެ. އަދި ޢާއިލާތައް ހަރުދަނާވެ، މީހުން ކުރިއަރާ ދަނީ އަންހެންވެރިން އެ މީހުންނަށް އެހީތެރިވުމުގައި އަދާކުރާ މުހިންމު ދައުރުގެ ސަބަބުންކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމުގެ ޙަޤީޤީ މޭސްތިރިންނަކީ އަންހެންވެރިންކަމަށް ވަޒީރު ވިދާޅުވިއެވެ.

"ޤައުމު ކުރިއަރާ ދިއުމުގައި ޙަޤީޤަތުގައިވެސް އަންހެންވެރިންނަށް ތަޢުރީފު ޙައްޤުވޭ. މަންމައިންނާއި ދައްތައިންނަނަށް. ދަރިން ތަރުބިއްޔަތު ކުރުމުގައި ހަރުދަނާ ބަޔަކަށް އަޅުގަނޑުމެން ހެދުމުގައި ކުރާ މަސައްކަތަށް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަސައްކަތްތަކަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން އިޖުތިމާޢީ އަދި ޞިއްހީ ކަންކަމަށް ހޭލުންތެރިކުރުމުގައި އެންމެ ފުރިހަމަ ދައުރެއް އަދާކުރެވޭނީ އަންހެނުންގެ ކޮމިޓީތަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ މަސައްކަތްކުރުމުގައި ހުރި ޤާނޫނީ ހުރަސްތައް ނައްތަލައި، ކޮމިޓީތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއްކުރައްވަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަންހެނުންގެ ކޮމިޓީތަކަށް ދިމާވާ ބައެއް ކަންކަމަށް ހައްލު ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުން. ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި އަންހެނުން ކޮމިޓީތަކަށް ދިމާވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބޭނެ. ކައުންސިލް އިމާރާތްތައް އަޅައި ނިމުނީމަ." ވަޒީރު ވިދާޅުވިއެވެ.

"އަންހެންވެރިއްގެ ސައްލާ" މަސައްކަތު ބައްދަލުވުން ކުރިއަށްދަނީ އިސްރަށްވެހިންގެ ނާދީގައެވެ. މި މަސައްކަތު ބައްދަލުވުން ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަކަށެވެ. މި މަސައްކަތު ބައްދަލުވުން އަމާޒުކޮށްފައިވަނީ ކ، އއ، އދ، ވ، މ އަތޮޅުގެ ރަށްތަކާއި މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށެވެ.