ޚަބަރު

ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް އަންނަ މަހު، މީޑިއާ ޕަރޓްނަރަކަށް ޕީއެސްއެމް


  • ކޮންފަރެންސް އޮންނާނީ އަންނަ މަހުގެ 10ގައި

  • ކަމާގުޅުންހުރި ހުރިހާ އިދާރާއަކުން ބައިވެރިވޭ

ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025ގެ މީޑިއާ ޕަރޓްނަރެއްގެ ގޮތުގައި ޕީއެސްއެމް ހަމަޖައްސައިފިއެވެ.

ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަމާނުކުރުމާ ގުޅޭގޮތުން ބާއްވާ މި ކޮންފަރެންސް އޮންނާނީ މޭމަހުގެ 10 އިން 12 އަށެވެ. މިއީ ކަމާގުޅުހުންހުރި ހުރިހާ އިދާރާތައް ހިމެނޭހެން ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސްއެވެ.

ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025ގެ، މީޑިއާ ޕަރޓްނަރުގެ ގޮތުގައި ޕީއެސްއެމް ހަމަޖެއްސުމުގެ އެސްބަސްވުމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އައިމިނަތު ވަހިދާއެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޔާމިން ރަޝީދެވެ.

ރާއްޖޭގައި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނެއް ގެނެސް ޢަމަލުކުރަން ފެށީ 2019 ވަނަ އަހަރުއެވެ.

މި ކޮންފަރެންސްގެ މަޢުލޫމާތު ޙިއްސާކުރައްވަމުން ޕަބްލިކް ޕްރޮސެކިއުޓަރ އަޙުމަދު ނައުޝާދު ވިދާޅުވީ، މި ކޮންފަރެންސްގެ އެންމެ ބޮޑު ބޭނުމަކަށް ވަނީ، ޢިލްމީ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، ނިޒާމުގައި ހުރި މައްސަލަތަކަށް ޙައްލުތައް ހޯދުންކަމަށެވެ. އަދި މި ދާއިރާގައި ޙިއްސާވާ އެކި އިދާރާތައް ގުޅިގެން މަސައްކަތް ކުރުމުގައި ހުރި ހިރާސްތައް މިހާރަށްވުރަށްވުރެ ކުޑަކުރެވޭނެގޮތްތައް ހޯދާ، އެކަންކަމަށް ހެޔޮ ބަދަލުތަކެއް ގެނައުންކަމަށެވެ.

ނައުޝާދު ވިދާޅުވީ މައްސަލަތައް ބަލާ ކުރިއަށްގެންދިއުމުގައި، އިދާރާތަކުގެ މެދުގައި ހުރި ހުރަސްތައް ނައްތާލާ، މިހާރަށްވުރެއް ރަނގަޅަށް ޤާނޫނުގެ މަޤުޞަދު ހާސިލްކުރުމަށް މަސައްކަތްކުރާނެކަމަށެވެ.

"ޕީޖީއިން އިސްނަގައިގެން، ކަމާގުޅުންހުރި ހުރިހާ އިދާތާރައް އެއްތަނަކަށް މި ގެންނަނީ. ބޭނުންވަނީ ހުރި ދަތިތަކާއި މައްސަލަތަކާ ގުޅޭގޮތުން ވާހަކަދައްކަވާ ޙައްލު ކުރެވޭނެ ގޮތްތައް ހޯދުން. މި ކޮންފަރެންސްގައި އެވިޑެންސް ބޭސްޓް ރިސަރޗްތަކަށް ވަރަށް ބޮޑަށް އިސްކަންދީގެން ކުރިއަށްދާނީ. އެ ހޯދުންތަކާ ކޮންފަރެންސްގެ މަޝްވަރާތަކަށް ބިނާކޮށް، ސިޔާސަތުތަކަށް ގެންނަން ބޭނުންވާ ބަދަލުތައް ކަމާގުޅުންހުރި އިދާރާތަކަށް ރިކޮމަންޑޭޝަންގެ ގޮތުގައި ހުށައަޅާނަން." ޕަބްލިކް ޕްރޮސެކިއުޓަރ އަޙުމަދު ނައުޝާދު ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި، މި ދާއިރާއިން 8 ދިރާސީ ކަރުދާސް ހުށައެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި ކަމާ ގުޅުހުންރި އިދާރާތަކާއި ކޮލެޖު، ޔުނިވަރސިޓީއިން ހުށައަޅާ ޕޭޕަރުތައް ހިމެނެއެވެ. 2 ކީނޯޓް ސްޕީކަރުންވެސް ބައިވެރިވާނެއެވެ.

ކޮންފަރެންސްގައި ޕީޖީ އޮފީސް، ޔުނިސެފް، ފުލުހުންގެ ޚިދުމަތް، އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ ކޮލެޖުތައް އަދި ކަމާގުޅުންހުރި އިދާރާތައް ހިމެނޭހެން ޓެކްނިކަލް ޕަރޓިސިޕަންޓުންގެ ގޮތުގައި 16 އިދާރާއަކުން ބައިވެރިވެރިވެއެވެ. އަދި އޮބްޒާވަރުންގެ ގޮތުގައި 11 އިދާރާއެއް ބައިވެރިވއެވެ.

މި ކޮންފަރެންސްގައި މަޝްވަރާއާއި މަޢުލޫމާތު ޙިއްސާކުރުން އަދި ޕެނަލް ޑިސްކަޝަންތައްވެސް ކުރިއަށްދާނެއެވެ.