ކުޅިވަރު

ފަޚުރުވެރި ވަނަތަކަކާއެކު ގައުމީ ޓީޓީ ޓީމު ރާއްޖެ އަތުވެއްޖެ


ސައުތު އޭޝިއަން ރީޖަނަލް ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ވާދަކޮށް ރާއްޖެއަށް ރިހި މެޑެއްޔަކާއި ދެ ލޯ މެޑެލް ހޯދައިދިން ގައުމީ ޓީޓީ ޓީމު ރާއްޖެ އަތުވެއްޖެއެވެ. މި މަހުގެ 24 އިން 27 އަށް ކުރިއަށް ދިޔަ މި މުބާރާތުގައި ރަންވަނަތަކެއް ހާސިލްކޮށްފަވަނީ ރާއްޖޭގެ 15 އަހަރާއި 19 އަހަރުން ދަށުގެ ޓީޓީ ޓީމުންނެވެ.

ގައުމީ ޓީޓީ ޓީމަށް މަރުހަބާ ދެންނެވުމަށް ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ އިސްވެރިންވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ވަޑައިގަންފައެވެ. ޓީމާ ބައްދަލުކުރައްވާ ވަޒީރުވަނީ އެކުދިން ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވާ، އެކާމިޔާބީގެ އަސްލަކީ އެކުދިންގެ ނުގުޑާފަދަ ހިތްވަރާ އަޒުމުކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ކުރިއަށް އޮތްތަނުގައިވެސް ޓީމުން އިތުރު ހިތްވަރެއްލާ ރަން މެޑެއްޔަކަށް އަމާޒުހިފުމަށް ވަޒީރުވަނީ ޓީމުގެ ކުޅުންތެރިންގެ ކިބައިން އެދިވަޑައިގަންފައެވެ.

މިމުބާރާތުން ރާއްޖެއަށް ރިހި މެޑަލް ހޯދައިދީފައިވަނީ 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް ކެޓަގަރީގައި ވާދަކޮށް ރާއްޖޭގެ ޒީކް ހަސަން ލަތީފް އާއި މަލާކް ބިންތި މުއިއްޒުއެވެ. އަދި އޭގެ އިތުރުން 15 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުން، އައިޝަތު އަލްސާ ނާފިޒު އާއި މުހައްމަދު ހަލަފް ރާފިއު ލޯ މެޑަލް ހޯދާފައިވާއިރު، 15 އަހަރުންދަށުގެ ޓީމު އިވެންޓުގައި ވާދަކޮށް ރާއްޖޭގެ އަންހެން ޓީޓީ ޓީމުން ވަނީ 3-1 އިން ބަންގްލަދޭޝް ބަލިކޮށް ލޯ މެޑަލް ހޯދާފައެވެ.

ސައުތު އޭޝިއަން ރީޖަނަލް ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕު ކުރިއަށް ގޮސްފައިވަނީ ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައެވެ.