ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި މިހާރު ކުރިއަށްދާ "ހުޅަނގު ބީޗް ހޭންޑްބޯޅަ މުބާރާތް 2025" ގައި އިއްޔެ ކުޅެފަވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކެވެ. ފޯރިގަދަ މެޗުތަކެއް މިހާތަނަށް މި މުބާރާތުން ފެނިގެން ގޮސްފައިވާއިރު، އިއްޔެވެސް ދެ ޑިވިޝަން ހިމެނޭހެން ހަތަރު މެޗު ކުޅެފަވެއެވެ.
މިމުބާރާތުގައި އިއްޔެ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗަކީ އަންހެން ޑިވިޝަނުގެ ތިން މެޗެވެ. މިގޮތުން ފުރަތަމަ މެޗުގައި ބަޓަރފްލައިސް އާ ވާދަކޮށް ކުއީންސްއިންވަނީ 2-0 ގެ ތަފާތަކުން މެޗު ކާމިޔާބުކޮށްފައެވެ. ދެވަނަ މެޗުގައި ބައްދަލުކުރީ އެސްޖީސީ އަދި ކިނާންއެވެ. މިމެޗުން ކިނާން ބަލިވީ0-2 ލަނޑުންނެވެ. އަންހެން ޑިވިޝަނުގެ ފަހު މެޗަކަށް ކުޅުނީ ލޮތާރި އާއި ޒެފީރްސްގެ މެޗެވެ. މިމެޗު ލޮތާރިން ކާމިޔާބުކުރީ 2-0 ލަނޑުންނެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގައި ތިން ގްރޫޕުން ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އަދި ދެވަނައަށް ކުއާޓަރ ފައިނަލަށް ދަތުރުކުރާއިރު ދެން އިން ދެ ޖާގަ ލިބޭނީ ތިން ވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމެވެ.
މިގޮތުން ގްރޫޕް އެކަކުން އެސްޖީސީ އާއި ޓީމް ކިނާންގެ އިތުރުން ކްލަބް ހުޅު ވަނީ ކުއާޓަރ ޔަގީންކޮށްފައެވެ. ގްރޫޕް ދޭކުން ރެޑް ހޯކްސް އާއި ކްލަބް ލޮތާރި ކުއާޓަރއަށް ދަތުރު ކުރިއިރު ގްރޫޕް ތިނަކުން ކުއާޓަރ ޔަގީން ކުރީ ބަޓަރފްލައީސް އާއި އެންއެކްސްގެ އިތުރުން ކުއީންސްއެވެ.
ފިރިހެން ޑިވިޝަނުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ވާދަކުރީ ގޯޓް އެސްސީ އާއި އެންއެކްސް އެސްސީ އެވެ. އެމެޗު ގޯޓު އެސްސީއިން ކާމިޔާބުކުރީ 2-0ގެ ތަފާތަކުންނެވެ.
ފިރިހެން ޑިވިޝަންގައިވެސް އޮތީ ތިން ގްރޫޕެވެ. މިގޮތުން ގްރޫޕް އެކަކުން ބޮންތި އާއި ކްލަބް ޒެފްރޯލް ކުއާޓަރ ފައިނަލަށް ދަތުރުކުރިއިރު ގްރޫޕް ދޭކުން ދެވަނަ ބުރު ޔަގީން ކުރީ މައިލޯ ސިޓީ އާއި ފިއޮންޓީގެ އިތުރުން ބީޗް ބޯއީސްއެވެ.
ގްރޫޕް ތިނަކުން އާރްޑީއެލް އާއި ގޯޓުގެ އިތުރުން ކްލަބް ހުޅު ވަނީ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ.
"ހުޅަނގު ބީޗް ހޭންޑްބޯޅަ މުބާރާތް 2025"ގެ ކުއާރޓަރ ފައިނަލުގެ މެޗުތައް މިއަދު ފެށިގެންދާނެއެވެ.
މިމުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް ބުރާސްފަތި ދުވަހަށް ތާވަލުކޮށްފަވާއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުއެވެ.
"ހުޅަނގު ބީޗް ހޭންޑްބޯޅަ މުބާރާތް 2025"އަކީ ވެސްޓް އެންޑް ސްޕޯޓްސް ކުލަބާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ދެ ޑިވިޝަން ހިމެނޭހެން ޖުމްލަ 24 ޓީމަކުންވަނީ ބައިވެރިވެފައެވެ.