މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ރާއްޖެ-މެލޭޝިއާ ގުޅުމުގެ އައު ބާބެއް ފެށިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ޑރ. މުޢިއްޒުގެ ޕޯސްޓުގައި ވަނީ މެލޭޝިއާއަށް އެމަނިކުފާނު ވަޑައިގަތުމުން ދެންނެވި ހޫނު މަރުޙަބާއަށާއި ބެހެއްޓެވި ގާތްކަމަށް އެ ޤައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށާއި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ވިދާޅުވީ މި ދަތުރުފުޅުގެ ސަބަބުން ވަރަށް ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރެވިފައިވާ ކަމަށެވެ. އެގޮތުން ތަޢުލީމާއި ޞިއްހަތާއި އިޤުތިޞާދީ ތަރައްޤީއާއި ޑިޖިޓަލައިޒޭޝަނާއި މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމުގެ ދާއިރާއިން ގުޅުން ބަދަހިވެ، ސަރަހައްދީ އަދި ބައިނަލްއަޤުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރެވޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ތަޢުލީމާއި ޞިއްހަތާއި ކުޅިވަރާއި ޚާރިޖީ ގުޅުންތަކުގެ ދާއިރާއާއި ޑިޕްލޮމެޓުން ތަމްރީންކުރުމަށް ދެ ޤައުމުގެ ދެމެދު އެއްބަސްވުންތައް ބަދަލުކުރެވުމުން އުފާކުރާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި އިންވެސްޓްކުރެވެންހުރި ފުރުޞަތުތައް ކިޔައިދެވި ކާމިޔާބު ރާއްޖެ-މެލޭޝިއާ ބިޒްނަސް ފޯރަމެއް ބޭއްވުނުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
މި ފޯރަމަށް މެލޭޝިއާގެ ބޮޑުވަޒީރު ވަޑައިންނެވިކަމަށްޓަކައި ރައީސް ޝުކުރުވެސް އަދާކުރެއްވިއެވެ. ރައީސް ވިދާޅުވީ މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ރާއްޖެ-މެލޭޝިއާ ގުޅުމުގެ އައު ބާބެއް ފެށިފައިވާ ކަމަށެވެ.
I extend my heartfelt gratitude to Prime Minister of Malaysia, Yang Amat Berhormat Dato' Seri @anwaribrahim and the government of Malaysia for their warm hospitality and generous support during my inaugural Official Visit to Malaysia.
— Dr Mohamed Muizzu (@MMuizzu) April 30, 2025
As I depart Kuala Lumpur, I carry with me… pic.twitter.com/H2jA1ZCYid
މި ދަތުރުފުޅާ ގުޅިގެން މެލޭޝިއާގެ ބޮޑުވަޒީރު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެލޭޝިއާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެއްޖެ ކަމަށެވެ.
އަދި ވިޔަފާރިއާއި އިންވެސްޓްމެންޓާއި ޑިޖިޓަލްގެ ދާއިރާއާއި ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި އިޤުތިޞާދީ ދާއިރާއާއި ފަތުރުވެރިކަމާއި ތަޢުލީމުގެ ދާއިރާއިން ކުރިއެރުން ހޯދުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށް ދޮރުތައް ހުޅުވުނުކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވީ މެލޭޝިއާއިން އޮތީ ރާއްޖެއާއި ސަރަހައްދީ ޤައުމުތަކާއެކު ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް ކަމަށެވެ.
Kunjungan Presiden Maldives Dr Mohamed Muizzu ke Malaysia telah memperkukuh persahabatan dua hala dan membuka peluang kerjasama baharu dan melihat potensi besar dalam bidang perdagangan, pelaburan, inovasi digital, dan kelestarian alam sekitar selain ekonomi, pelancongan dan juga… pic.twitter.com/cjk4gbYWsF
— Anwar Ibrahim (@anwaribrahim) April 29, 2025
ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ވަޑައިގަތީ މި މަހުގެ 27 ވަނަ ދުވަހުއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މިހާރު ރާއްޖެ ވަޑައިގެންފައިވާއިރު، ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައި، ދެ ޤައުމުގެ ދެމެދު އެއްބަސްވުންތަކެއް ބަދަލުކޮށްފައިވެއެވެ.
މި ދަތުރުފުޅުގައި ކެބިނެޓު ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.