މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މާދަމާއިން ފެށިގެން ބެންކް އޮފް މޯލްޑިވްސް، ބީއެލްއެމުން މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
މިކަމަށް މަގުފަހި ކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ދެމެދު މިމަހުގެ 28 ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް އެ ފަރާތްތަކުގެ އާމްދަނީއަށް ބަލައި ޕާސަނަލް ފައިނޭންސިންގ، ކްރެޑިޓް ކާޑު، އަދި ގެދޮރު ގަތުމަށާއި، މަރާމާތު ކުރުމަށާއި، އިމާރާތްކުރުމަށް ބޭނުންވާ ލޯނު މެއި 1 އިން ފެށިގެން ބީއެމްއެލް އިން މަސްވެރިންނަށް ލިބިގެންދާނެއެވެ.
މަސްވެރިންނަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ގިނަ ލުއިތަކަކާއި އެކުއެވެ. އެގޮތުން ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީ (އަމިއްލައަށް ޚަރަދުކުރަންޖެހޭ ފައިސާ) ނުލައި 300,000 ރުފިޔާއާ ހަމައަށް ޕަރސަނަލް ފައިނޭންސިންގް ނެގޭނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.
ބީއެމްއެލްގެ ރީޓެއިލް ބޭންކިން ޑައިރެކްޓަރ ބަދުރުއްދީން ހަސަން ވިދާޅުވީ މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއްވެސް ބޭންކުން ހަމަޖައްސައިދޭނެއެވެ. މިއީ މިފަދަ ނިންމުމެއް ނިންމާ ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ.
"އަނބުރާ ދެއްކުމުގެ މުއްދަތު 5 އަހަރަށް އޮތް ނަމަވެސް، ރިޕޭމަންޓު މަސްވެރިކަމުގެ ލޯ ސީސަންގައި ހަމަޖެހިފައިވަނީ ކުޑަކޮށް،" ބަދުރުއްދީން ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު ސޮއިކުރެވުނު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އަށް ނަޒަރެއް. pic.twitter.com/bTKlJH0Vag
— Ministry of Fisheries and Ocean Resources (@MFORmv) April 29, 2025
ބީއެމްއެލް އިންޓަރނެޓް ބޭންކިންގ ނުވަތަ މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ކޮންމެ ތަނަކުން ވެސް ޕަރސަނަލް ފައިނޭންސިންގް އަދި ލުއި ލޯނަށް އެދި ހުށަހެޅޭނެއެވެ.
ގައުމީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުން، ޕަރސަނަލް ފައިނޭންސިންގެ އިތުރުން، މަސްވެރިންނަށް ހޯމް ބިލްޑް ފައިނޭންސިންގް، ހޯމް ޕަރޗޭސް ފައިނޭންސިންގް އަދި ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގް އަށްވެސް އެދި ހުށަހެޅޭނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.
މަސްވެރިކަމަކީ ވަޒީފާއެއްގައި އެކަށައަޅާ، ބޭންކިންގގެ ކްރެޑިޓް ރޭޓިންގްގެ ތެރެއަށް ފެތި މާލީ އިދާރާތަކުގެ ތެރެއިން ލޯނު ލިބުންފަދަ ޚިދުމަތްތައް މަސްވެރިންނަށް ލިބޭ މަގު ތަނަވަސްކޮށްދިނުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
މި ވަޢުދުތައް ފުއްދުމުގެ މަސައްކަތްތައް ކުރަމުންދާއިރު، މަސްވެރިންނަށް ބީއެމްއެލުން ލޯނު ލިބޭނެ މަގު މިހާރު މިވަނީ ތަނަވަސްވެފައެވެ. ސަރުކާރުން މިކުރަމުންދާ މަސައްކަތްތަކަށް މަސްވެރިންވެސް ދަނީ ތަޢުރީފްކުރަމުންނެވެ. އަދި މަސްވެރިންނަކީ ދަޢުލަތް ބަލައިގަންނަ ބަޔަކަށްވެގެން ދިޔުމުން ކުރިމަގުގައި މި ދާއިރާއާ ގުޅޭ ޒުވާނުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް މަސްވެރިން ދެކެއެވެ.