ފީފާ ވޯލްޑްކަޕްގައި ކެނެޑާ ކުޅޭ ފުރަތަމަ މެޗުގައި އެ ޓީމުގެ ކެޕްޓަން އަލްފޮންސޯ ޑޭވީސް އަށް ނުކުޅެވޭނެކަމަށް އެ ޓީމުގެ ކޯޗު ބުނެފި އެވެ.
މުބާރާތް ބާއްވާ އެއް ގައުމު ކަމުގައިވާ ކެނެޑާގެ ކޯޗު ޖެސޭ މާޝް ބުނެފައިވަނީ ޑޭވީސް އަށް މުބާރާތުގެ ފުރަތަމަ މެޗުގައި ނުކުޅެވުނު ނަމަވެސް ދެން ހުރި މެޗުތަކުގައި ކުޅެވޭނެކަމަށް އުންމީދު ކުރާ ކަމަށެވެ.
އުމުރުން 25 އަހަރުގެ ކެނެޑާގެ ކެޕްޓަން އަށް އަނިޔާވެފައިވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ފްރާންސްގެ ޕީއެސްޖީ އާއި ދެކޮޅަށް ބަޔާން މިއުނިކް މެއި މަހުގެ 6 ވަނަ ދުވަހު ކުޅުނު މެޗުގަ އެވެ. އަނިޔާގެ ސަބަބުން މި ސީޒަނުގައި ބުންޑެސްލީގާގައި ޑޭވީސް އަށް ކުޅެވިފައިވަނީ 13 މެޗުގަ އެވެ.
މާޝް އެކުލަވާލާފައިވާ 32 ކުޅުންތެރިންގެ ސްކޮޑާއިއެކު ނޯތު ކެރޮލީނާގައި މިވަގުތު ފަރިތަކުރަމުންދާއިރު ފައިނަލް 26 ކުޅުންތެރިން ނަގާނީ އުޒްބެކިސްތާނާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށްފަހުގަ އެވެ. އަދި ޖުން މަހުގެ 5 ވަނަ ދުވަހު އަޔަރލޭންޑް އާއި ދެކޮޅަށްވެސް ކެނެޑާ އެކުވެރިކަމުގެ މެޗެއް ކުޅޭނެ އެވެ.
ޑޭވީސް އެންމެ ފަހުން ކެނެޑާ އަށް މެޗެއް ކުޅެދީފައިވަނީ މިދިޔަ އަހަރުގެ މާޗު މަހު އެވެ. މި އަހަރުގެ މާޗު މަހު އައިސްލޭންޑް އާއި ޓިއުނީޝިޔާ އާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައިވެސް އަނިޔާގެ ސަބަބުން އޭނާ ބައިވެރިވެފައެއް ނުވެއެވެ.