ޚަބަރު

އެންޓިބަޔޮޓިކަށް ނުގުޑާ ޖަރާސީމް އިތުރަށް ފެތުރުން ވަނީ ހުއްޓުވިފައި: އައިޖީއެމްއެޗް


  • އެންއައިސީޔޫގައި ޖަރާސީމަށް ފައްސިވެ ފަރުވާދެމުންދާ 5 ކުދިން

  • އޭޕްރިލް 15ގެ ފަހުން އިތުރު ކޭސްއެއް ރިޕޯޓްކޮށްފައިނުވޭ

ނިއޯނޭޓަލް އިންޓެންސިލް ކެއަރ ޔުނިޓު، އެންއައިސީޔޫން ފެނުނު، އެންޓި-ބައޮޓިކަށް ނުގުޑާ ޖަރާސީމާއި ގުޅިގެން އެޅި ފިޔަވަޅުތަކާއެކު އެޖަރާސީމް އިތުރަށް ފެތުރުން ހުއްޓުވިފައިވާކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން ހާމަކޮށްފިއެވެ.

އައިއެމް ހޮސްޕިޓަލުގެ ނިއޯނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓްގައި ދިމާވި، މަލްޓި ޑްރަގް ރެސިސްޓަންޓް ނުވަތަ ގިނަ އެންޓިބަޔޮޓިކަށް ނުގުޑާ ޖަރާސީމްގެ ކޭސްއާގުޅިގެން އެހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެންއައިސީޔޫގައި ފަރުވާދެމުންދިޔަ ކުއްޖެއްގެ ހަށިގަނޑުން ނެގުނު ސާމްޕަލަކުން އެމްޑީއާރް "ބަރކޯލްޑޭރިއާ ސްޕޭޝިއާ" ފެނިފައިވަނީ މާރިޗް 27ވަނަ ދުވަހުކަމަށެވެ. އަދި ވަގުތުން އެކުއްޖާ އައިސޮލޭޓްކުރެވި، ޖަރާސީމު އިތުރަށް ފެތުރުން ހުއްޓުވުމަށް އެންވައިރަމެންޓަލް ސާމްޕަލް ނަގައި، އިންފެކްޝަން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް އަޅާފައިވާކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

އެ ކޭސްއަށްފަހު އިތުރަށް ނެގުނު ސާމްޕަލްތަކުން އެންއައިސީޔޫގައި އެޑްމިޓްކުރެވިފައިތިބި އިތުރު 4 ކުއްޖެއްގެ ހަށިގަނޑުން ޖަރާސީމު ފެނިފައިވާކަމަށާއި އެ ހުރިހާ ކުދިންނަކީވެސް ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ ކުދިންކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

ޖަރާސީމު އިތުރަށް ފެތުރުން ހުއްޓުވުމަށް، ޕޮޒިޓިވްވި ހުރިހާ ކުދިން އައިސޮލޭޓްކޮށް އިންފެކްޝަން ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތަކާއިއެކު އެކުދިންގެ ހާލު ގާތުން ބަލަމުންއަންނަކަމަށާއި، ކޮންމެ ކުއްޖެއްގެ ކްލިނިކަލް ހާލަތަށް ބަލައިގެން އެކުދިންނަށް ފަރުވާދީ، އެންއައިސީޔޫގެ މާހައުލުގައި ހުރެދާނެ ކޮންޓަމިނޭޝަންގެ ސަބަބުތައް ދެނެގަތުމަށް ޓެސްޓުތައް ހަދާފައިވާކަމަށްވެސް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ، މާރޗްމަހުގެ 27 އިން ފެށިގެން ޖުމްލަ 84 ކުދިންނަށް އެންއައިސީޔޫގައި ފަރުވާދީފައިވާއިރު، މިހާރު އެންއައިސީޔޫގައި ޖުމްލަ 10 ކުދިންނަށް ފަރުވާދެމުންއަންނަކމަށާއި، އޭގެތޭރޭގައި ޖަރާސީމު ހުރެގެން ފަރުވާދެނީ 5 ކުދިންނަށްކަމަށެވެ. އަދި އެ 5 ކުދިންނަށް ފަރުވާދެމުންއަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އައިސޮލޭޓްކުރެވިގެންކަން އެހޮސްޕިޓަލުން ފާހަގަކުރައްވައެވެ.

އޭޕްރިލްމަހުގެ 15ގެ ފަހުން ޖަރާސީމަށް ފައްސިވެފައިވާ އިތުރު ކޭސްއެއް ރިޕޯޓްކުރެވިފައި ނުވާކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.

ޖަރާސީމާށް ފައްސިވެފައިތިބި ކުދިންގެ ތެރެއިން އިތުރު ފަރުވާ ބޭނުންވާ ކުދިން ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ ކަންކަން ކުރިޔަށްދާކަމަށާއި، އެހޮސްޕިޓަލުގައި ފަރުވާދެވޭ ބަލިމީހުންގެ ސިއްޙަތާއި، ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅަމުންދާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.