ބައިނަލްއަޤުވާމީ އެކި ބޭންޑުތަކުން ބައިވެރިވާ، "ބެޓަލް އޮފް ދަ ބޭންޑްސް އިންޓަރނޭޝަނަލް"ގެ ގްރޭންޑް ފިނާލޭއަށް އެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ "ޓޫ އޮފް އަސް" ބޭންޑު ކޮލިފައިވެއްޖެއެވެ.
ގްރޭންޑް ފިނާލޭގައި އެ ބޭންޑު ވާދަކުރާނީ ޓޮޕް 5 ބޭންޑާއެވެ. އަދި ގްރޭންޑް ފިނާލޭގައި އެންމެ މޮޅު 3 ޓީމު ހޮވުމަށްވަނީ ހަމަޖެހިފައެވެ.
އިންޑިއާގައި ކުރިއަށްދާ ބައިނަލްއަޤުވާމީ މިޔުޒިކް ބޭންޑުތަކުގެ މުބާރާތުގައި ރާއްޖެ ތަމްސީލް ކުރާ ބޭންޑެއް ކަމަށްވާ، "ޓޫ އޮފް އަސް"އިން ދަނީ ކުޅަދާނަ ހުށަހެޅުންތަކާއި ހަރަކާތްތަކެއް ދައްކަމުންނެވެ. މިހާތަނަށް އެ ބޭންޑުން މުބާރާތުގައި ހުށައަޅައިދިން ހުރިހާ ހުށަހެޅުމަކަށްވެސް ޖަޖުންނާއި ބެލުންތެރިން، ޚާއްސަކޮށް ދިވެހިންގެ ބޮޑު ތަރުޚީބެއް ވަނީ ލިބިފައެވެ.
ގްރޭންޑް ފިނާލޭއަށް ދަތުރުކުރުމާއި ގުޅިގެން އެބޭންޑުން ބުނީ، މިއީ އަމިއްލަ ހުނަރު ތަރައްޤީކޮށް ކުރިއަށްދާން މަސައްކަތްކުރާ ކޮންމެ ދިވެއްސެއްގެވެސް ހިއްސާއެއް އޮތް ކާމިޔާބީއެއްކަމަށެވެ. އަދި ދިވެހި މިއުޒިކަކީ ބައިނަލްއަޤުވާމީ ސްޓޭޖުގައި ވާދަކުރެވޭނެ ފެންވަރުގެ އެއްޗެއްކަން ކަށަވަރުވެގެންގޮސްފައިވާކަމަށެވެ.
ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި ދިވެހި ބޭންޑު، "ޓޫ އޮފް އަސް" ރާއްޖެ ތަމްޞީލު ކުރުމުންއަންނައިރު ދިވެހިންގެ ފަރާތުން އެ ބޭންޑަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެ ބޭންޑުގެ ހުށަހެޅުންތަކަށް ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.
"ޓޫ އޮފް އަސް" ބޭންޑުން ބެޓަލް އޮފް ދަ ބޭންޑްސްގައި ދިވެހި އަދި ހިންދީ ލަވަތައްވެސްވަނީ ގެނެސްދީފައެވެ އެ ބޭންޑުގެ ހުނަރުވެރިކަން ހުރިހާ ޖަޖުންވެސް ފާހަގަކުރެއެވެ.
އެގޮތުން، އިންޑިއާގެ މިޔުޒިކް އިންޑަސްޓްރީގެ އެންމެ މަޝްހޫރު އެއް މިޔުޒިކް ކޮމްޕޯސަރު ކަމަށްވާ އަނޫ މަލިކްވެސް ވަނީ ޓޫ އޮފް އަސް އަކީ މިފަހުން އޭނާއަށް ފެނުނު އެންމެ ހުނަރުވެރި ބޭންޑުކަމަށް ބުނެފައެވެ. އަދި ބޭންޑުގައި ހިމެނޭ ފަންނާނުންގެ ހުނަރުތަކަށް އޭނާވަނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.
މި މުބާރާތުގައި އެކި ޤައުމުތަކަށް ނިސްބަތްވާ 12 ޓީމަކުންވަނީ ވާދަކޮށްފައެވެ.