ޔަންގް ޕްލެޔަރސް ސްޕޯޓްސް ކުލަބާއި އއ. ބޮޑުފޮޅުދޫ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ ރިލެކްސް ފެރީ ސަރވިސް ވައިޕީ ވެޓެރަންސް ފުޓްސަލް މުބާރާތުގައި އަލީ އަޝްފާގު (ދަގަނޑޭ) ގެ ހެޓްރިކާއެކު އަފިއިންސްއާ އެއްވަރުކޮށް ރޯޔަލް ނައިޓްސްއިން އުއްމީދު އައުކޮށްފިއެވެ. މި މުބާރާތުގައި ރޭވެސް ވަނީ ދެ މެޗު ކުޅެފައެވެ.
އެގޮތުން ރޭ ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަނުން ކޭ.ކޭ ކަނޑުމަތި ނިކުތީ އޯލްޑް ސަޓަރސް އާއި ދެކޮޅަށެވެ. މިމެޗު ތިނެއް ސުމަކުން ކާމިޔާބުކުރީ އޯލްޑް ސްޓަރސްއެވެ. މިމެޗުގައި އޯލްޑް ސްޓަރސް ޓީމުން ޖެހި ތިން ލަނޑުގެ ތެރެއިން ދެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު މުސްތަފާއެވެ. ތިންވަަނަ ލަނޑު ޖަހައިދިނީ ހަމްޒާ އަބްދުﷲއެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ އޯލްޑް ސްޓަރސްގެ މުހައްމަދު މުސްތަފާއެވެ.
މިއީ މިމުބާރާތުގައި އޯލްޑް ސްޓަރސް ކުޅުނު ފުރަތަމަ މެޗު އަދި ކަނޑުމަތި ޓީމުގެ ދެވަނަ މެޗެވެ. ކަނޑުމަތި ވަނީ ފުރަތަމަ މެޗުގައި ރޯޔަލް ނައިޓްސްގެ މައްޗަށް ތަފާތުބޮޑުކޮށް ކުރި ހޯދާފައެވެ.
ރޭ ކުޅުނު ދެވަނަ މެޗުގައި އެންމެ ފަހުގެ ރަނަރަޕް އަފިއިންސް ސްޕޯޓްސް ކްލަބް ބައްދަލުކުރީ މަތިވެރީގެ ރޯޔަލް ނައިޓްސް ސްޕޯޓްސް ކްލަބާއެވެ. ފުރަތަމަ މެޗު ތަފާތު ބޮޑުކޮށް ކާމިޔާބުކޮށް މިމެޗާ ކުރިމަތިލި އަފިއިންސް ވަނީ މެޗުގެ ކުރީކޮޅު ލީޑު ނަގާފައެވެ. މެޗުގެ ފުރަތަމަ ދެ ލަނޑުވެސް އަފިއިންސްއިން ޖެހިއިރު، ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބ. އޭދަފުއްޓަށް ނިސްބަތްވާ މަޝްހޫރު ތަރި މުޙައްމަދު ފާސިރު (ފާއްޓޭ) އެވެ. ދެވަނަ ލަނޑު ޖަހައިދިނީ ޓީމުގެ ކެޕްޓަން ހަނީފް މޫސާ (ހަނިއްޕެ) އެވެ. ހަނިއްޕެ ވަނީ މިމެޗުގައި ދެ ލަނޑު ޖަހާފައެވެ. މީގެއިތުރުން އަފިއިންސްގެ ހުސެއިން ޒަހީން އިތުރު ލަނޑެއް ކާމިޔާބުކޮށްދިންއިރު އެޓީމުގެ ފަސްވަނަ ލަނޑަކީ އާރް.ކޭ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
މިމެޗުގައި ރޯޔަލް ނައިޓްސް (އާރްކޭ) އިން ޖެހި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހާދިނީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމްވެސް ހޯދި ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ލެޖެންޑް އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އަނެއް ދެ ލަނޑު އާރްކޭއަށް ކާމިޔާބުކޮށްދިނީ ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ ގޯލް ކީޕަރު މުހައްމަދު އިމްރާންއެވެ.
މިއީ މި މުބާރާތުގައި މެދެ ޓީމުވެސް ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗު އަފިއިންސް 9-0 ކާމިޔާބުކުރި އިރު އާރް.ކޭ ކުޅުނު ފުރަތަމަ މެޗުން އެޓީމް ވަނީ 7-2 ބަލިވެފައެވެ.
ޔަންގް ޕްލެޔަރސް ސްޕޯޓްސް ކުލަބާއި އއ. ބޮޑުފޮޅުދޫ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މިމުބާރާތް ކުޅެވިގެންދަނީ ލީގު އުސޫލުން، އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ސީދާ ފައިނަލުން ޖާގަ ލިބޭގޮތަށެވެ. އަދި ފައިނަލް ޕްލޭއޯފް މެޗުގައި ދެވަނަ އާއި ތިން ވަނަ ވާދަކޮށް މޮޅުވާ ޓީމަކަށް ފައިނަލްގެ ދެވަނަ ޖާގަ ލިބިގެންދާނެއެވެ.