މާފިއާ ގްރޫޕްތަކަށް އިންޓަރ މިލާނުގެ ދަނޑަށް ވަނުމަށް ޓިކެޓް ހޯދައިދޭން އެހީތެރިވިކަން ފަޅާއެރުމުން، އެ ޓީމުގެ ކޯޗު ސިމޯން އިންޒާގީ އާއި މިޑްފީލްޑަރު ހަކާން ޗަޅަނޮގްލޫ އެއް މެޗަށް ސަސްޕެންޑް ކޮށްފިއެވެ.
މި މައްސަލައިގައި އެ ކުލަބު ވަނީ 70000 ޔޫރޯއިން ޖޫރިމަނާކޮށްފައެވެ. އަދި ނައިބު ރައީސް ހާވިއާ ޒެނެއްޓީ އާއި އިތުރު ދެ އޮފިޝަލަކު ވަނީ 14500 ޔޫރޯއިން ޖޫރިމަނާކޮށްފައެވެ. ޒެނެއްޓީ ފިޔަވައި އަނެއް ދެ އޮފިޝަލުންނަށް ވަނީ ކުޅިވަރުގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވުން 30 ދުވަހަށް މަނާކޮށްފައެވެ. މީގެ އިތުރުން ކޯޗު 15000 ޔޫރޯއިން އަދި ޗަޅަނޮގްލޫ 30000 ޔޫރޯއިން ވަނީ ޖޫރިމަނާވެސް ކޮށްފައެވެ.
މިގޮތަށް އަމަލުކުރީ މާފިއާ ގްރޫޕްތަކަށް ޓިކެޓް ހޯދައިދޭން އެހީތެރިވުމުގެ ކުށުގަ އެވެ. މިކަން ފަޅާއެރީ އިންޓަރ އަލްޓްރާސް ގްރޫޕުން އެ ގްރޫޕުގެ ލީޑަރު މަރާލުމާ ގުޅިގެން ހިންގި ތަހުގީގުގައެވެ.
އިޓަލީގެ ނޫސްތަކުން ބުނަނީ އަލްޓްރާ ގްރޫޕަކީ ހަމަނުޖެހުންތައް ހިންގަ، ޚާއްސަކޮށް އިންޓަެ މިލާނާއި އޭސީ މިލާން ހިއްސާކުރާ ސެންސީރޯ ސްޓޭޑިއަމަށް ގަވާއިދާ ޚިލާފަށް ވަދެ ވަގު ވިޔަފާރި ކުރުމާއި ހަމަނުޖެހުންތައް އިންތިޒާމުކުރުމުގައި ހަރަކާތްތެރިވާ ގްރޫޕެއް ކަމަށެވެ. އަދި މި ގްރޫޕަށް އިންޓަރގެ ކޯޗާއި ކުޅުންތެރިންނާއި އޮފިޝަލުން އެކި ގޮތްގޮތުން އެހީތެރިވެފައިވާކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ. އަދި މި ތަހުގީގު އަދިވެސް ކުރިއަށްދާއިރު، ފިޔަވަޅު އަޅާފައިވަނީ އިޓާލިއަން ލީގުގެ ކުޅުންތެރިންނާއި އޮފިޝަލުން އަމަލުކުރަންޖެހޭ ގަވާއިދުތަކާވެސް މި ފަރާތްތަކުން ޚިލާފުވެފައިވާތީ ކަމަށެވެ.