ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި އަންނަ އަންގާރަ ދުވަހު ބާސެލޯނާއާ ދެކޮޅަށް އިންޓަމިލާނުގެ މުހިންމު ދެ ކުޅުންތެރިންނަށް ކުޅެވޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް އެކުލަބުން ބުނެފި އެވެ.
ކޯޗު ސިމޯން އިންޒާގީ މިހެން ބުނީ ބުދަ ދުވަހުގެ ރޭ ސްޕޭނުގައި ކުޅެ 3-3އިން އެއްވަރުވި މެޗަށް ފަހު އެވެ. މިހެންވެ އިންޓަގެ ދަނޑުގައި ކުޅޭ މެޗަކީ ނަތީޖާ ނެރެން މަޖުބޫރު މެޗެކެވެ.
ބާސެލޯނާއާ ދެކޮޅަށް ޕަވާޑަށް ނުކުޅެވުނީ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުންނެވެ. ޓީމުގެ ކެޕްޓަން އަދި އެންމެ މުހިންމު ފޯވަޑް ލައުޓާރޯ މެޗު ފެށި ނަމަވެސް ފަހު ހާފު ފެށުމުގެ ކުރިން އޭނާ ބަދަލު ކުރީ ކުޅެވޭވަރު ނުވެގެންނެވެ.
"ލައުޓާރޯ އަށް ދެ ވަނަ މެޗުގައި ކުޅެވޭނެ ކަމުގެ ޔަގީންކަމެއްނެތް. އަހަރުމެން ހަދާ ޓެސްޓްތަކަށްފަހު ކިރިޔާ ވެސް އެއްޗެއް ބުނަން އެނގޭނީ. ދެން ޕަވާޑް އަންގާރަ ދުވަހުގެ މެޗުގައި ކުޅެފާނެ ކަމަށް އުއްމީދު ކުރެވޭ. މި މެޗު ވާނީ އަހަރުމެންނަށް ފައިނަލަކަށް،" ކޯޗު ބުންޏެވެ.
ނަމަވެސް ކޯޗު ބުނީ ސެންސީރޯގައި 75000 މީހުންގެ ކުރިމަތީގައި ގިނަވާނީ އިންޓަގެ ސަޕޯޓަރުން ކަމަށާއި މޮޅުވުމުގެ އުއްމީދު އެބައޮތް ކަމަށެވެ.
ބާސެލޯނާ ކޮޅަށް ދެ ގޯލު ޖެހީ ޑެނިއަލް ޑަމްފްރައިސް ބުނީ ސްޕޭނުގައި ނިމުނީ ރަނގަޅު މެޗެއް ކަމަށެވެ.
"ނަތީޖާ ގޯސް ވިޔަސް، އަހަރެންނަށް ހީވަނީ އަސްލު އިންޓަމިލާން ދެން އޮތް މެޗުން ފެނިގެންދާނެހެން. އަހަރުމެން ކުޅޭނީ ހިތާއި ރޫހުން. އަހަރުމެން ދެއްކި ކުޅުމަށް އަހަރުމެން ފަހުރުވެރިވަން. ޔަގީން އަހަރުމެން ބޭނުންވާނީ ދެން އެތް މެޗު ކާމިޔާބު ކުރަން. ސެމީ ފައިނަލް އަދި މިއޮތީ ދެ ޓީމަށް ވެސް ހަމަހަމަކޮށް،" ޑިފެންޑަރު ބުންޏެވެ.
ބުދަ ދުވަހުގެ ރޭ ގެ މެޗުގައި އިންޓަމިލާނުން މެޗުގެ ވަރަށް ކުރީކޮޅު ދެ ލަނޑުގެ ލީޑެއް ނެތި އެވެ. އޭގެ ފަހުން ނަތީޖާ ހަމަހަމަވި ފަހުން ވެސް ތިން ވަނަ ލަނޑެއް ޖަހައި ލީޑް ނެގީ އިންޓަ އެވެ. އެކަމަކު ނަތީޖާ ހަމަހަމަވީ ބާސެލޯނާގެ ރަފީނިއާ ދުރުން ޖެހި ބޯޅައެއް ހުރަސް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ކީޕަރު ބޮލުގައި ޖެހިފައި ގޯލަށް ވަނުމުންނެވެ.