ޚަބަރު

ކައުންސިލަރުންނާއި މަޖިލިސް މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް


  • ސަރުކާރުން ހުށައެޅި 31 ބިލު މިހާރު ވަނީ ފާސްކޮށްފައި

  • މިއަހަރު އިތުރު 30 ބިލެއް މަޖިލީހަށް ހުށައަޅުއްވާނެކަމަށް ރައީސް ވިދާޅުވި

ކައުންސިލްތަކުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެންބަރުން އިންތިޚާބުކުރުމަށްފަހު ވަކި ކުރުމުގެ ބާރު ރައްޔިތުންނަށް ލިބިދޭ ގޮތަށް ޤާނޫނަށް މި އަހަރު އިސްލާހު ހުށައަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި އަހަރުގެ ތެރޭގައި ޤާނޫނުތަކަށް ހުށައަޅުއްވަން ޤަސްދުކުރައްވާ އިސްލާހުތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިހާތަނަށް 43 ބިލެއް މަޖިލީހަށް ހުށައަޅާފައިވާ ކަމަށާއި އޭގެ ތެރެއިން 31 ބިލު މިހާރު ފާސްކޮށްފައިވާ ކަމަށެވެ. އަދި މިއަހަރު އިތުރު 30 ބިލެއް މަޖިލީހަށް ހުށައަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި އަހަރު ހުށައަޅައި އިސްލާހުތަކުގެ ތެރޭގައި އިންތިޚާބުކުރާ ފަރާތްތައް ރީކޯލްކުރެވޭނެ ގޮތަށް ބިލެއް ހުށައެޅުން ހިމެނޭނެ ކަމަށެވެ. އެގޮތުން ނަގައި ވޯޓުގައި އިންތިޚާބުކޮށްފައިވާ މީހެއްގެ އިތުބާރު ނެތްކަމަށް ފާސްވެއްޖެނަމަ، މަޤާމުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

އިސްލާހުތައް ހުށައަޅައިގެން މިއަހަރު ގެންނަ ބަދަލުތައް:

• ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުން
• ރިޔާސީ އިންތިޚާބު ދެވުނު ބުރު ނޯންނަ ގޮތަށް ބޭއްވުން
• ރިޔާސީ ދައުރު ފެށޭ ދުވަހަކީ 11 ނޮވެންބަރުކަމަށް ކަނޑައެޅުން
• މަޖިލީހުގެ މެންބަރުން 93 ގައި ހިފެހެއްޓުމަށް އިސްލާގެއް
• އަތޮޅު ކައުންސިލްތައް އުވާލުން
• ކޮންމެ ކައުންސިލެއްގެ ރައީސް ސީދާ ވޯޓުން ހޮވުން
• ސިޔާސީ މަޤާމުތަަކަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރެވޭ މިންވަރު ކަނޑައެޅުން
• ސިޔާސީ މަޤާމުތަކުގެ އަދަދު މަޖިލީހުން ކަނޑައަޅައި ގޮތަށް ހެދުން
• ސިޔާސީ މަޤާމުތަކުގައި ތިބޭ ފަރާތްތަކުގެ ތަފްސީލު މަޖިލީހާ ހިއްސާކުރަންޖެހޭ ގޮތް ހެދުން
• 2000 މީހުންނަށްވުރެ މަދު އާބާދީއެއްގައި ނަމަ 3 ކައުންސިލަރުން އަދި 2000 އަށްވުރެ އާބާދީ ގިނަ ނަމަ 5 ކައުންސިލަރުން ތިބޭ ގޮތަށް ކަނޑައެޅުން
• 2000 މީހުންނަށްވުރެ މަދު އާބާދީއެއްގައިނަމަ އތމ ކޮމިޓީއަށް 3 މެންބަރުން އަދި 2000 އަށްވުރެ އާބާދީ ގިނަ ނަމަ 5 މެންބަރުން ތިބޭ ގޮތަށް ކަނޑައެޅުން
• ސިޓީ ކައުންސިލަރުންގެ އަދަދު މިހާރު ހުރި މިންވަރަށްވުރެ އިތުރުނުވާނެހެން ކަނޑައެޅުން
• އތމގެ ރައީސަކީ ސީދާ ވޯޓަކުން ހޮވާ ފަރާތެއްކަމުގައި ކަނޑައެޅުން
• ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްސަކުރެވޭ އިންސައްތަ 33 އިންސައްތައިން 40 އިންސައްތަ އަށް ބަދަލުކުރުން
• ބްލޮކް ގުރާންޓް ބޭނުންކުރަނީ ކައުންސިލްތަކުގެ މައްޗަށް ޤާނޫނުން ލާޒިމުކުރާ ޒިންމާތައް އަދާކުރުމަށް އެކަނިކަން ކަށަވަރުކުރުމުގެ އިޚްތިޔާރާއި ބާރު މާލީ ވަޒީރަށް ދިނުން
• 1 ނޮވެންބަރުން ފެށިގެން ޓީޖީއެސްޓީގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދިނުން

އިތުރަށް 30 ބިލެއް ހުށައަޅުއްވާނެކަމަށް ރައީސް ވިދާޅުވެފާވާއިރު، މިހާރުވެސް ސަރުކާރުން ވަނީ މުހިންމު ބިލުތަކެއް މަޖިލީހަށް ހުށައަޅުއްވާފައެވެ. އޭގެ ތެރޭގައި ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނާއި މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް އިސްލާހުގެނައުމަށް ހުށައަޅާފައިވާ 2 ބިލު ފާހަގަކޮށްލެވެއެވެ.