ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ، ސަރުކާރުގެ ސްކީމަކުން ފްލެޓެއް އައި ގޯއްޗެއް ލިބުނުނަމަވެސް، އެ ލިބުނު ތަނަކުން އެމީހަކަށް ދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 4000 ފްލެޓްގެ ލިސްޓާ ގުޅޭ ޝަކުވާތައް ބަލާ އެ މަސައްކަތް ނިންމަމުންދާކަމަށެވެ. ސަރުކާރުގެ އަމާޒަކީ މި ފްލެޓްތައްވެސް އޭގެ އެންމެ ޙައްގުވެރިންނަށް ހަވާލުކުރުންކަމަށާއި މަސައްކަތްތައްވެސް ބައްޓަންކުރައްވާފައިވަނީ އެގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއްވެސް މީހަކަށް ސަރުކާރުން ނުޙައްގުން ގޯއްޗެއް ނުވަތަ ފްލެޓެއްވެސް ނުދޭނެކަމަށެވެ. އުސޫލުތަކާއި އެއްގޮތަށް ހޯދާފައިވާ ކޮންމެ ބޯހިޔާވަހިކަމެއް، އޭގެ ޙައްގުވެރިންނަށް ލިބޭނެކަން ކަށަވަރުކުރައްވާނެކަމަށެވެ. ނަމަވެސް އުސޫލުން ބޭރުން އޮޅުވާލައިގެން ހޯދާފައިވާ ގޯއްޗާ ފްލެޓް ނުދެވޭނެކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުގެ މަޤުޞަދަކީ ކޮންމެ ސަރުކާރަކުން ދިން ފްލެޓެއް ނުވަތަ ގޯއްޗެއް ނަމަވެސް، އެ ލިބުނު ތާކުން ލިބުނު މީހަކަށް ދިނުން. ނަމަވެސް އޭސީސީ ފަދަ ތާކުން މައްސަލަ ފާހަގަކޮށްފަވާނަމަ، ނޫނީ ގަސްތުގައި އޮޅުވާލައިގެން ލިޔުންތައް ފޯޖުކޮށް ލާފަވާ އެޕްލިކޭޝަންތައް އުސޫލުގެތެރެއިން ބާތިލުކުރެވޭނެ. އެއީ އަބަދުވެސް އޮންނަ ގޮތް. އެގޮތަށް ބާތިލުކުރާ މީހުން ނޫން، ދެން ހިމެނޭ އެންމެނަށް ފްލެޓާ ގޯތި ލިބޭނެ." ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 4000 ފެލެޓްގެ މައްސަލައިގައިވެސް ޝަކުވާތަކަށް ރިއާޔަތްކޮށް، ފްލެޓް ލިބޭ މީހުން ވީހާވެސް އަވަހަށް ކަނޑައަޅާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. މި ފްލެޓްތައް ލިބޭ މީހުން ކަށަވަރުވާނީ ޝަކުވާތައް ރިވިއުކުރުމަށް ފަހުގައިކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އުއްމިދުކުރައްވަނީ މި ލިސްޓަށް މާބޮޑު ބަދަލެއް ނައިސް، ސްކީމުން ފުރުޞަތު ލިބުނު މީހުންނަށް ފްލެޓް ލިބޭނެކަމަށްކަމަށެވެ.
4000 ހައުސިން ޔުނިޓާ ގުޅޭ މައްސަލައިގައި އޭސީސީން ކުރި ތަޙުޤީގަށްފަހު ބުނެފަވަނީ 4000 ފްލެޓްގެ ލިސްޓަށް ހޮވުނު %59.6 މީހުންގެ ޝަރުތު ހަމަނުވާކަމަށެވެ. އެއްވެސް މައްސަލައެއް ނެތްކަމަށް ނިންމީ %20.7 ފޯމުގައެވެ.
ފަހުން މި ލިސްޓު ރިވިއުކޮށް ސަރުކާރުން ހާމަކޮށްފައިވަނީ ފްލެޓް ލިބޭނެކަމަށް ކަނޑައެޅި 4000 މީހުންގެތެރެއިން ޝަތުރު ހަމަވަނީ 1820 މީހުންގެކަމަށެވެ. މި ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައި 8000 އަށްވުރެ ގިނަ ޝަކުވާ ހުށައެޅިއެވެ.