ޚަބަރު

މިހާތަނަށް 26،000އަށްވުރެ ގިނަ ވޭޕްގެ އާލާތްތައް ހިފަހައްޓައިފި


  • ރާއްޖެއަށް ވޭޕް އެތެރެކުރުމާއި، ވިއްކުމާއި ބޭނުންކުރުންވެސް ވަނީ މަނާކޮށްފައި

މިހާތަނަށް 26،000 އަށްވުރެ ގިނަ ވޭޕްގެ އާލާތްތައް ހިފަހައްޓާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު "ޖެނެރޭޝަނަލް ބޭން" އެއް ގެނައުމަށް ނިންމެވީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށެވެ. އެގޮތުން، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ކުރުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.

މިކަމާގުޅޭގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިހާރު ތަންފީޒުކުރަމުންދާ ޤާނޫނުގެ ދަށުން މިހާތަނަށް 14.5 މިލިޔަން ސިނގިރޭޓު އަތުލައިގަނެފައިވާކަމަށެވެ. އަދި ޖެނެރޭޝަނަލް ބޭންގެ އައު ޤާނޫނު ތަންފީޒުކުރަން ފެށުމާއެކު ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ ސިނގިރޭޓު އަދި ވޭޕްފަދަ އާލާތްތައް އަތުލުން ހަރުދަނާވެގެންދާނެކަމަށެވެ.

"ދެން އަޅުގަނޑުމެން މިހާރު މި ތަންފީޒުކުރާ ޤާނޫނުގެ ތެރެއިން ނުވަތަ އިމްޕްލިމެންޓޭޝަންގެ ތެރެއިން މިހާތަނަށް 26000 ވޭޕް ނުވަތަ އޭގެ އާލާތްތައް ވަނީ ހިފެހެއްޓިފައި. 14.5 މިލިޔަން ސިނގިރޭޓު ވަނީ އަތުލައިގެނިވިފައި ޤާނޫނު ތަންފީޒުކުރަން ފެށިފަހުން." ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ބިލު ޤާނޫނަކަށްވުމުން 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެއެވެ. އަދި އެ އުމުރުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މަނާކަމެކެވެ.

މި އިސްލާހުގައި ސަރުކާރުގެ ފަރާތުން ވަނީ ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުގެ ޒިންމާތައްވެސް ހިމަނުއްވާފައެވެ. އެގޮތުން، ދުންފަތުގެ ބާވަތްތައް ވިއްކޭނީ ލައިސަންސް އޮވެގެން ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގައި އެކަންޏެވެ. އަދި އެފަދަ ތަކެތި ގަންނަނީ ކާކުކަން ނޭނގޭގޮތަށް، އޮންލައިންކޮށް ނުވަތަ ވެންޑިން މެޝިން ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން މި އިސްލާހުގެ ދަށުން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްގެ ބާވަތްތައް ގެންގުޅެނިކޮށް ނުވަތަ ބޭނުންކުރަނިކޮށް ފެނިއްޖެނަމަ އެ އަތުލުމުގެ ބާރު ފުލުހުންނަށް ލިބިގެންދާނެއެވެ. އަދި ރާއްޖެއަށް އެތެރެކުރާ އެފަދަ ތަކެތި އަތުލުމުގެ ބާރު ކަސްޓަމްސް އާއި ފުލުހުންނަށް ލިބިގެންދާނެއެވެ.

ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމަށް ޖެނެރޭޝަނަލް ބޭނެއް ގެނައުމަށް ނިންމާފައިވާއިރު ބިލު ފާސްވުމަށްފަހު އަމަލުކުރުމަށް 6 މަސްދުވަހުގެ މުއްދަތެއް ލިބިގެންދާނެއެވެ. އެގޮތުން ބިލު ފާސްވުމަށްފަހު އަންނަ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ވަނީ ނިންމާފައެވެ.