ލިވަޕޫލްގެ ކަނާތު ބެކް އަދި ވައިސް ކެޕްޓަން ޓްރެންޓް އެލެގެޒެންޑާ އާނޮލްޑް ސްޕޭނުގެ ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމައިފި އެވެ.
މިކަން ރެއާލް މެޑްރިޑުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ ރެއާލް އަށް ބަދަލުވާނީ ލިވަޕޫލާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވުމުންނެވެ. 2004 ވަނަ އަހަރު ލިވަޕޫލްގެ ޔޫތު ޓީމުން ފުޓްބޯޅަ ކުޅެން ފެށި ކުުޅުންތެރިޔާ ސީނިއާ ޓީމަށް ކުޅެން ފެށީ 2016 ވަނަ އަހަރު އެވެ.
އޭނާ ވަނީ ލިވަޕޫލަށް ދެ ފަހަރު ޕްރެމިއާ ލީގު އަދި 2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްދީފަ އެވެ. މީގެ އިތުރުން އެފްއޭކަޕާއި ކުލަބު ވޯލްޑްކަޕާއި ޔޫރަޕިއަން ސުޕަ ކަޕް ވެސް އެ ޓީމަށް ކާމިޔާބުކޮށްދީފައިވެ އެވެ.
އާނޮލްޑް ބުނީ ލިވަޕޫލް ދޫކޮށްލަން ނިންމި ނިންމުމަކީ އޭނާގެ ހަޔާތުގެ އެންމެ އުނދަގޫ ނިންމުން ކަމަށެވެ. ނަމަވެސް ރެއާލް އަށް ބަދަލުވާން ނިންމީ ކެރިއަރުގައި އާ ޗެލެންޖްތަކަކާ ކުރިމަތިލާން ކަމަށެވެ. އަދި އޭނާ އަބަދުވެސް ކުޅެން ބޭނުންވަނީ އޭނާގެ ހިދުމަތަށް އެންމެ ބޮޑަށް އެދޭ ކުލަބަކަށް ކަމަށާއި މިވަގުތު އެ ޝައުގު ލިވަޕޫލަށްވުރެ ބޮޑަށް އޮތީ ރެއާލް މެޑްރިޑުގައި ކަމަށެވެ.
އޭނާ ރެއާލް އަށް ބަދަލުވިއިރު އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ވަނީ އެ ކުލަބުގައި ދެ ސީޒަން ހޭދަކޮށްފަ އެވެ. އަދި އާނޮލްޑްގެ މި ނިންމުމުގައި ބެލިންހަމް ވަރަށް އިސް ދައުރެއް އަދާކުރި ކަމަށް ވެސް އިނގިރޭސި ނޫސްތަކުން ބުނެ އެވެ.
އޭނާގެ ކޮންޓްރެކްޓް އާކުރަން ލިވަޕޫލުން މި ސީޒަން ފެށުމުގެ ކުރިން ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. ނަމަވެސް ސީޒަނުގެ މެދަކާ ހަމައަށް ދިޔައިރު ކޮންޓްރެކްޓް އާކުރުމާމެދު ގޮތެއް ނުނިމި އާނޮލްޑް ކުލަބު ދޫކޮށްލާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އޭނާގެ ސޮއި ނުލިބުނު ނަމަވެސް ލިވަޕޫލުން ވަނީ މިސުރުގެ ފޯވަޑް މުހައްމަދު ސަލާހް އާއި ކެޕްޓަން ނެދަލޭންޑްސް ވާޖިލް ވެންޑައިކްގެ ސޮއި ހޯދައިފަ އެވެ.
އޭނާ ލިވަޕޫލަށް ބަދަލުވާ ވާހަކަ ދެކެވޭތީވެ އެކަމާ ނުރުހުން ފާޅު ކުރުމުގެ ގޮތުން އެ ކުލަބުގެ ސަޕޯޓަރުން ވަނީ އޭނާގެ ޖާޒީ ވެސް އަންދައި ހަދައިފަ އެވެ.