ކުޅިވަރު

އިންޓަ އަށް ދޭން ނުޖެހޭ އެއްޗަކީ ކޯނަރު: ބާސެލޯނާ ކޯޗު


ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މިރޭ އިޓަލީގެ އިންޓަމިލާން އަތުން މޮޅުވުމަށް އެންމެ މުހިންމު ކަމަކީ އެ ޓީމަށް ކޯނަރުތައް ނުދިނުން ކަމަށް ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

އޭނާ މިހެން ބުނީ މި ދެ ޓީމު ބާސެލޯނާގެ ދަނޑުގައި 3-3އިން އެއްވަރުވި މެޗަށް އިޝާރާތްކޮށެވެ. އެ މެޗުގައި އިންޓައިން ޖެހި ތިން ގޯލު ވެސް ޖެހީ ގޯލު ކުރިމައްޗަށް މަތިން ހުރަސްކުރި ބޯޅަތަކުންނެވެ. ހާއްސަކޮށް ކޯނަރުތަކުންނެވެ.

އޭނާ އަދި ބުނީ މި މެޗުގައި ޓީމުގެ ފަހަތަށް ބޮޑު ބަދަލެއް ގެންނާނެ ކަމަށެވެ. ސަބަބަކީ ވާތުބެކް އަލެހަންދްރޯ ބަލްޑޭ އާއި ކަނާތު ބެކް ހޫލްސް ކޫންޑޭ އަށް އަނިޔާވެ، މި މެޗުގައި ނުކުޅެވޭތީ އެވެ.
ބަލްޑޭ ނެތުމުން މިދިޔަ ފަސް މެޗުގައި ވާތު ބެކަށް ކުޅުނީ ޒުވާން ޖެރާޑް މާޓިން އެވެ. ނަމަވެސް ތަޖުރިބާ މަދުވުމާއި އޭނާ އަށް މާބޮޑަށް ލޯޑް ބޮޑުވާތީވެ ކޯޗުގެ ވިސްނުން ހުރީ މި މެޗަށް ވާތުބެކަށް ތަޖުރިބާކާރު ކުޅުންތެރިއަކު ލައްވައި ކުޅުވުމަށެވެ. އަދި ހާއްސަކޮށް އިންޓަމިލާނާ ދެކޮޅަށް ކުޅުނު މެޗުގައި ޑެންޒެލް ޑަމްފްރައިސް ދެ ގޯލު ޖެހިއިރު މާޓިނޭޒް ފެނުނީ އޭނާ ހިފަހައްޓާނުލެވިގެން އުޅެނިކޮށެވެ.

މިހެންވެ ވާތު ބެކަށް މި މެޗުގައި ކުޅުވުން އެންމެ ގާތީ ވާތުފައިން ކުޅޭ ސެންޓަ ބެކް އިނިގޯ މާޓިނޭޒެވެ. އަދި ސެންޓަ ބެކަށް ކުޅުވުން ގާތީ ޕައުލް ކުބަރްސީ އާއި ރޮނަލްޑް އަރައުހޯ ނުވަތަ އަންދްރޭސް ކްރިސްޓިއަންސެން އެވެ.

ސްޕޭނުގެ ނޫސްތަކުން ބުނަނީ ފަހަތަށް ބަދަލު ގެންނަން ފްލިކަށް ފަސޭހަވީ ވައިސް ކެޕްޓަން އަރައުހޯ އާއި ކްރިސްޓިއަންސެން ފިޓްވުމުން ކަމަށެވެ.

"އަހަރުމެން ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ބަލައިފިން. އަހަރުމެން އެބަޖެހޭ ރަނގަޅަށް ޑިފެންސް ކުރަން. މިހެންވެ ފަހަތް ބަދަލު މިކުރަނީ. އަހަރުމެން އެ މީހުންނަށް ކޯނަރު ދީގެން ނުވާނެ. އެއީ އެންމެ ރަނގަޅު ވިސްނުމަކީ އެމީހުން މަތިން ފޮނުވާ ބޯޅަތައް ހުއްޓުވަން،" ފްލިކް ބުންޏެވެ.

މި ދެ ޓީމު ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ އިންޓަމިލާން ދެ ފަހަރު ލީޑް ނެގި ނަމަވެސް 3-3އިން އެއްވަރުވެގެންނެވެ. މިހެންވެ ފައިނަލަށްދާނެ ޓީމެއް ކަށަވަރުކުރުމަށް މި މެޗުގައި ނަތީޖާ ނެރެން ޖެހޭނެ އެވެ.