ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތް، ޙޫޘީން ނައްތައިލުމުގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް ޔަމަންގެ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް އެމެރިކާގެ އަސްކަރިއްޔާއިން ދެމުން ދިޔަ ނިރުބަވެރި ޙަމަލާތައް މެދުކަނޑައިލައިފިއެވެ. އެމެރިކާގެ އަސްކަރިއްޔާއިން ޔަމަނަށް ބޮން އެޅުން ހުއްޓައިލާފައި މި ވަނީ، ޙޫޘީން ބަލި ކުރުމުގެ ނަމުގައި ފަށާފައިވާ އަސްކަރީ ކެމްޕޭން ފޭލުވުމުންނެވެ. ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތައް ބޭނުން ކޮށްގެން ޙޫޘީން ފަހަތަށް ޖެއްސުމަށް ހިންގި ކެމްޕޭން ނާކާމިޔާބުވުމުންނެވެ.
މި ކަން އިޢުލާނު ކޮށްފައި ވަނީ ޙޫޘީންނާއި އެމެރިކާއާ ދެމެދު ބޭއްވި ނުރަސްމީ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްފައިވާ އޮމާނުންނެވެ. އޮމާނުން ބުނީ، ދެ ފަރާތުގެ ދެމެދުގައި ބޭއްވި ނުރަސްމީ މަޝްވަރާތަކަށް ފަހު، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމުގައެވެ. މި ގޮތުން، ޙޫޘީން ނައްތައިލުމުގެ ނަމުގައި ޔަމަންގެ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް އެމެރިކާގެ އަސްކަރިއްޔާއިން ދެމުން ދިޔަ ޙަމަލާތައް ވަނީ މެދުކަނޑައިލާފައެވެ. އަދި، އޭގެ ބަދަލުގައި، ރަތް ކަނޑު ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރަށް ޙަމަލާ ދިނުން މެދުކަނޑައިލުމަށް ޙޫޘީން އެއްބަސްވެފައިވާ ކަން އޮމާނުން ހާމަކުރިއެވެ.
"ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމާ ގުޅޭ ގޮތުން އެންމެ ފަހުން ކުރި މަޝްވަރާތަކަށް ފަހު، ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމާ މެދު އެއްބަސްވުމަކަށް ވަނީ އާދެވިފައި،" އޮމާންގެ ޚާރިޖީ ވަޒީރު ބަދްރު އަލް-ބޫސަޢީދީ ވިދާޅުވިއެވެ. އަދި، ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ އާގުބޯޓުފަހަރަށް ޙޫޘީން ދެމުން ދިޔަ ނުރައްކާތެރި ޙަމަލާތައް މެދުކަނޑައިލާފައިވާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ. މިއާ އެކު، ބައިނަލްއަޤުވާމީ ވިޔަފާރިއަށް ރަތް ކަނޑުގެ ސަރަޙައްދު މި ވަނީ އަލުން ހުޅުވިގެން ގޮސްފައެވެ.
އެމެރިކާއަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު އަދި އެންމެ ނުރައްކާތެރި އަސްކަރިއްޔާ ކަމުގައި ވަކާލާތު ކުރާ ޤައުމެވެ. އަދި، އެމެރިކާ ފަހަތަށް ޖެއްސޭނެ ޤައުމެއް ނުވަތަ ޖަމާޢަތެއް ނޯންނާނެ ކަމުގައި ދެއްކުމަށް އެ ޤައުމުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ޙޫޘީން ބަލިކުރުމަށް އެމެރިކާ ނުކުޅެދުމަކީ އެމެރިކާގެ ރައީސް ޓްރަމްޕަށް ލިބުނު ބޮޑު ނާކާމިޔާބީއެކެވެ. ދުނިޔޭގައި މި ވަގުތު ބޭނުން ކުރާ އެންމެ ނުރައްކާތެރި އަދި އެންމެ ފަނާކުރަނިވި ހަތިޔާރުތައް ބޭނުން ކޮށްގެން ޙޫޘީ ޖަމާޢަތް ފަހަތަށް ޖެއްސުމަށް އެމެރިކާ ނުކުޅެދުމަކީ ޓްރަމްޕަށް ކުރިމަތިލައްވަން ޖެހިވަޑައިގަތް ބޮޑު ފޭލުވުމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.
ނަމަވެސް، ކަމުގެ ޙަޤީޤަތް އޮޅުވައިލެއްވުމަށް ޓްރަމްޕް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އޭނާ ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާއިން ޔަމަނަށް ބޮންއެޅުން މެދުކަނޑައިލުމަށް އެއްބަސްވީ، އެމެރިކާގެ ޙަމަލާތަކަށް ކެތް ނުކުރެވިގެން ރަތް ކަނޑުގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަން ހުއްޓައިލުމަށް ޙޫޘީން އެއްބަސްވުމުން ކަމުގައެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި ވަނީ ވޮޝިންގޓަނުގައި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީއާ އެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. "ބޮން އެޅުން ހުއްޓައިލާށޭ ކިޔާފައި އެ މީހުން އާދޭސް ކުރި، އަދި [ރަތް ކަނޑުން ދަތުރު ކުރާ] ކަލޭމެންގެ [އެމެރިކާގެ] އާގުބޯޓުފަހަރަށް ޙަމަލާ ދިނުން ހުއްޓައިލާނެ ކަމުގައި ބުނި،" ޓްރަމްޕް ވިދާޅުވިއެވެ.
ރަތް ކަނޑުގައި ޙޫޘީ ޖަމާޢަތުން ޚާއްޞަ އަސްކަރީ އޮޕަރޭޝަނެއް ހިންގަން ފަށާފައި ވަނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފެށުމާ ގުޅިގެންނެވެ. ޙޫޘީންގެ ބޭނުމަކީ ފަލަސްޠީނުގެ ރައްޔިތުންނާއި، ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތަކަށް ވާގިވެރިވުމެވެ. އަދި، ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކަށް ނިމުމެއް ގެނައުމަށް ބާރު އެޅުމެވެ.
ރަތް ކަނޑުން ދަތުރު ކުރާ އާގުބޯޓުފަހަރުގެ އިތުރުން، ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް ވެސް ޙޫޘީން ދަނީ ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. އެ ޙަމަލާތަކުގައި އެ ޖަމާޢަަތުން ދަނީ އެންމެ ފަހުގެ ޒަމާނީ އަސްކަރީ ޑްރޯންފަހަރާއި ނުރައްކާތެރި ބެލިސްޓިކް މިސައިލް ފަދަ ހަތިޔާރުތައް ބޭނުން ކުރަމުންނެވެ. އަދި، ޔަހޫދީން ބިރުވެރިކަމާ ކުރިމަތި ކުރުވަމުންނެވެ.
މޭ 4ވަނަ ދުވަހު ވެސް ޙޫޘީން ވަނީ ބެލިސްޓިކް މިސައިލެއް ބޭނުން ކޮށްގެން އިސްރާއީލުގެ ވެރިރަށް ތެލް އަވީވުގެ ރަށްބޭރުގައި އޮތް ސަރަޙައްދަކަށް ނުރައްކާތެރި ޙަމަލާއެއް ދީފައެވެ. އެ ޙަމަލާ އަމާޒު ކޮށްފައި ވަނީ އިސްރާއީލުގެ މައި ވައިގެ ބަނދަރު، ބެން ގޫރިޔޮން ވައިގެ ބަނދަރު އޮންނަ ސަރަޙައްދަށެވެ. އެ ޙަމަލާއާ ގުޅިގެން ވައިގެ ބަނދަރުގެ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑައިލަން ޖެހުނެވެ. އަދި، އެމެރިކާއާއި ވިލާތުގެ ޤައުމުތަކުގެ ބޮޑެތި އެއަރލައިންތަކުން ވަނީ ތެލް އަވީވަށް ދަތުރު ކުރުން މެދުކަނޑައިލާފައެވެ.
އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން މޭ 5ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ޔަމަންގެ އަލް-ޙުދަޔިދާއަށް ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ. 30 ވަރަކަށް އަސްކަރީ މަދިންދާބޯޓު ބޭނުން ކޮށްގެން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޙުދަޔިދާ ބަނދާރާއި، އެ ރަށުގައި ޢާންމުން ދިރިއުޅޭ އަލް-ސަލްޚާނާއާއި އަލް-ޙަވާކު އަވަށަށެވެ. އެއަށް ފަހު، ވެރިރަށް ޞަންޢާއަށް ވެސް ޙަމަލާތަކެއް ދިނެވެ. ޔަމަންގެ އިތުރުން ޔަހޫދީ ފައުޖުން ވަނީ އެއް ވަގުތެއްގައި ފަލަސްޠީނުގެ ޣައްޒާއާއި ލުބްނާން އަދި ސޫރިޔާއަށް ވެސް ނިރުބަވެރި ޙަމަލާތަކެއް ދީފައެވެ. އެ ކަމުގައި އެމެރިކާއިން ބައިވެރިވެފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.