ޚަބަރު

ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި އެސަސަރެއްގެ ގޮތުގައި ދަފްތަރުވުމުގެ ފުރުސަތު ހުޅުވާލައިފި


  • ދަފްތަރުވުމަށް ހުށަހަޅުމުގެ ސުންގަޑިއަކީ މިމަހުގެ 18ވަނަ ދުވަސް

ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ކުރިއަށްގެންދާ ޕްރޮގްރާމްތައް ފުރިހަމަކުރާ މީހުން އިމްތިހާނުކުރާ އެސެސަރެއްގެ ގޮތުގައި ރަޖިސްޓަރީ ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއީ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑްތަކަށް ހިންގާ އިންސްޓިޓިއުޓް ބޭސްޑް ޓްރެއިނިންގ އާއި ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަދި ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭޝަން ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތައް އިމްތިހާނުކުރުމަށް ބާއްވާ ކޮމްޕީޓެންސީ ބޭސްޑް އެސެސްމަންޓް ކުރިޔަށް ގެންދިޔުމަށް ނެޝެނަލް އެސެސަރެއްގެ ގޮތުގައި ދަފްތަރުވުމަށް ހުޅުވާލާފައިވާ ފުރުޞަތެކެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 18ވަނަ ދުވަހުގެ ލިޔަލަށެވެ.

ޤައުމީ އެސެސަރެއްގެ ގޮތުގައި ރަޖިސްޓްރީވުމުގެ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް ފުރިހަމަވެފައިވާ ފަރާތްތައް އެސެސަރެއްގެ ގޮތުގައި ރަޖިސްޓަރީ ވެވޭކަމަށް އެއޮތޯރިޓީން ވިދާޅުވިއެވެ.

ނެޝަނަލް އެސެސަރެއްގެ ގޮތުގައި ރަޖިސްޓްރީވުމުގެ ޝަރުތުތަކުގެ ތެރޭގައި:

ރަޖިސްޓްރީވުމަށް ހުށަހަޅާފައިވާ ޕްރޮގްރާމްގެ ދާއިރާއިން އެފެންވަރަށްވުރެ މަތީ ލެވެލްއެއްގެ ސަނަދެއް ހާޞިލުކޮށްފައިވުމާއެކު، 1 އަހަރުގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން

އެސެސަރެއްގެ ގޮތުގައި ރަޖިސްޓްރީވުމަށް ހުށަހަޅާފައިވާ ޕްރޮގްރާމްގެ ދާއިރާއިން އެއް ފެންވަރުގެ ސަނަދެއް ހާޞިލުކޮށްފައިވުމާއެކު، 2 އަހަރުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން

އެސެސަރެއްގެ ގޮތުގައި ރަޖިސްޓްރީވުމަށް ހުށަހަޅާފައިވާ ޕްރޮގްރާމްގެ ދާއިރާއިން މެދުނުކެނޑި 5 އަހަރުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއެކު އެދާއިރާއެއްގައި މަސައްކަތްކުރަމުންދާ ފަރާތަކަށްވުން

ކޮމްޕީޓެންސީ ބޭސްޑް އެސެސްމަންޓަކީ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑްގައި ފަންނީ މަސައްކަތް ދަސްކުރާ ފަރާތްތަކަށް ވަކި މަސައްކަތެއް ވަކި ފެންވަރެއްގައި ކުރަން އެނގޭކަން ރަސްމީ ސިފައެއްގައި ކަނޑައެޅުމަށްޓަކައި ބޭނުންކުރާ މިންގަނޑާއި އަޅާކިޔައި، މަސައްކަތް ކުރުމަށް ބޭނުންވާ ހުނަރާއި، މަޢުލޫމާތާއި، މަސައްކަތުގެ އަޚްލާގު އެމީހެއްގެ ކިބައިގައި ހުރި މިންވަރު ވަޒަންކުރުމަށްޓަކައި ކިޔަވައިދޭ އިންސްޓިޓިއުޓުން ކުރިއަށް ގެންދާ އިމްތިހާނުގެ އިތުރުން، ނޭޝަނަލް އެސެސަރުން މެދުވެރިކޮށް އެމްއެންއެސްޑީއޭ އިން ކުރިޔަށްގެންދާ އިމްތިހާނެކެވެ.

އެމްއެންއެސްޑީއޭ އަކީ ދިވެހި ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ހަވަނަ ބާބުގައި މަސައްކަތުގެ ތަޢުލީމާއި ތަމްރީނު ދިނުމުގެ ޤައުމީ ނިޒާމްގެ ދަށުން އުފެދިފައިވާ އޮތޯރިޓީއެކެވެ. އެމްއެންއެސްޑީއޭ ހިނގަމުންދަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުންނެވެ.