ސަލްސާ ވޮލީބޯޅަ އެސޯސިއޭޝަންކަޕްގެ ފައިނަލަށް މޯލްޑިވިއަން ދަތުރުކޮށްފިއެވެ. މިމުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ މޯލްޑިވިއަން ޔަގީންކޮށްފައިވަނީ ރޭ ކުޅެވުނު ސެމީ ފައިނަލްގެ 3ވަނަ މެޗްގައި ޕޮލިސް ކުލަބާ ވާދަކޮށް 3 ސެޓް 2 ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ސެޓްތަށް މޯލްޑިވިއަން ގެންދިޔައީ 25-18، 22-25، 23-25، 25-22 އަދި 15-7ކުންނެވެ. ވަރަށް ވާދަވެރިކޮށް މެޗްގެ ސެޓްތަށް ގޮސްފައިވާއިރު، މިމެޗްގެ ފުރަތަމަ ސެޓްގެ ފަހުކޮޅުގައިވަނީ ޒުވާނުންގެ މަރުކަޒުން ކަރަންޓް ދިއުމުގެ ސަބަބުން ކުޑައިރުކޮޅަކަށް މެޗް ވަނީ މެދުކަޑާލާފައެވެ.
img:http://s4.psmnews.mv/images/660x400/14689089437860.jpg|ސަލްސާ އެސޯސިއޭޝަން ކަޕް - މޯލްޑިވިއަންއާ ޕޮލިސް ކުލަބް ކުޅުނު ސެމީ ފައިނަލް 3ވަނަ މެޗް (ފޮޓޯ: ޕީއެސްއެމް)
މިމެޗުން ބަލިވުމާ ގުޅިގެން ޕޮލިސް ކުލަބްވަނީ މުބާރާތުން ކަޓާފައެވެ. މެޗްގައި ޕޮލިސް ކުލަބްގެ ކުޅުންތެރިންނާ ސަޕޯޓަރުންވަނީ ރެފްރީގެ ބައެއް ނިންމުންތަކާ ގުޅިގެން ނުރުހުންފާޅުކޮށްފައެވެ. މިމެޗުން މޮޅުވުމާ ގުޅިގެން މޯލްޑިވިއަން ފައިނަލްގައި ވާދަކުރާނީ ސެމީ ފައިނަލްގެ އެއްވަނަ މެޗް ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރި ދިވެހި ސިފައިންގެ ކުލަބާއެވެ. މިދެ ޓީމްވާދަކުރާ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ ނުވައެއް ޖަހާއިރުއެވެ. މިމުބާރާތުގެ ކުޅުން ކުރިއަށްދަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައެވެ.