ޚަބަރު

އިތުބާރު ހޯދުމަށް އާންމުކުރެވެން ހުރި މައުލޫމާތުތައް ހާމަކުރުން މުހިންމު: ޑީސީޕީ ނަވީން


  • އެކުވެރި މާހައުލެއްގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި

  • އެންމެން ގުޅިގެން މަސައްކަތްކުރުމުން ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދެވޭނެކަމަށް ވިދާޅުވި

ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ހާމަކަންބޮޑުގޮތެއްގައި އާންމުކުރެވެން ހުރި މައުލޫމާތުތައް ހާމަކުރުމުގެ މުހިންމުކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.

ނަވީން، މިހެންވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރޭންކުގެ އޮފިސަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރޭންކުގެ އޮފިސަރުންނާ ބައްދަލުކުރެއްވިއިރު ފުލުހުންގެ ޚިދުމަތުގެ އިދާރީ ހިންގުމުގައި ހިމެނޭ ބައެއް ބަހާތަކުގެ އިސް މަގާމުތަކަށްވަނީ ބަދަލު ގެނެސްފައެވެ.

މިގެންނެވި ބަދަލާއެކު ހެޑް އޮފް އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ މަގާމަށް ހަމަޖައްސަވާފައިވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ރަޝީދުއެވެ. އަދި ހެޑް އޮފް ޑްރަގް އެންފޯސްމަންޓްގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް، ހެޑް އޮފް ގޭންގް ކްރައިމް އިންވެސްޓިގޭޝަންގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޞަބާޙް، ހެޑް އޮފް ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސްގެ މަގާމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިޙު މުޙައްމަދު، ހެޑް އޮފް ތިލަމާލެ ޕޮލިސްގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުޢައިބުވަނީ ހަމަޖައްސަވާފައެވެ. އަދި ހެޑް އޮފް ޓްރެފިކް ޕޮލިސްގެ މަގާމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ޢިމްރާން، ހެޑް އޮފް ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސްގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްޙާޤު އާދަމްފުޅު، ހެޑް އޮފް ކަސްޓޯޑިއަލް ސްޓޭންޑަރޑްސް އެންޑް ޑިވެލޮޕްމަންޓްގެ މަގާމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝަހީމް، އަދި ހެޑް އޮފް ޕްރޮޓެކްޓިވް ސެކިއުރިޓީގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ޙުސައިންވަނީ ހަމަހައްސަވާފައެވެ.

އިސްކަންދަރުކޮށީގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރޭންކުގެ އޮފިސަރުންނާ ބައްދަލުކުރައްވައި ބޭއްވެވި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންވަނީ ފުލުހުންގެ ޒިންމާ އަދާކުރުމުގައި މުވާސަލާތު ކުރުމުގެ ހުނަރުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ނަވީން ވިދާޅުވީ ކޮންމެ ފުލުހަކީވެސް ހަރުދަނާ މުވާސަލާތީ ހުނަރުތައް ދަސްކޮށް، ފުލުހެއްގެ ޒިންމާ އުފުލުމުގައި އެހުނަރުގެ ބޭނުން ހިފާ މީހަކަށް ވާންޖެހޭނެ ކަމަށެވެ. ނަވީންގެ ވާހަކައިގައިވަނީ ލީޑަރޝިޕް މަގާމުތަކުގައި ތިއްބަވާ ފުލުހުން އަދާކުރައްވަންޖެހޭ ޒިންމާތަކާއި، އެކުވެރި މާހައުލެއްގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ފުލުހުންގެ މުއައްސަސާގެ ގަދަރު ހިފެހެއްޓުމަށްޓަކައި ކޮންމެ ފުލުހަކުވެސް މަސައްކަތްކުރައްވަންޖެހޭނެ ކަމަށާއި، ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ހާމަކަންބޮޑުގޮތެއްގައި އާންމުކުރެވެން ހުރި މައުލޫމާތުތައް ހާމަކުރުމުގެ މުހިންމުކަން ވެސް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންގރ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ފުލުހުންނަކީ ތަފާތު ގިނަ މަސައްކަތްތައް ކުރަންޖެހޭ ބައެއް ކަމަށާއި، އެހެންކަމުން އިސް މަގާމުތަކުގައި ތިއްބަވާ ފުލުހުން ޒިންމާދާރުކަމާއެކު މަސައްކަތްކުރައްވައި ދަށުގައި މަސައްކަތް ކުރާ ފުލުހުންނަށް މަގުދައްކައިދީ ގުޅިގެން މަސައްކަތްކުރުމުން ރައްޔިތުން ބޭނުންވާފަދަ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދެވޭނެކަމަށް ވެސް ނަވީން ވިދާޅުވިއެވެ.

ނަވީންވަނީ މުވައްޒަފުންނާއި ވަސީލަތްތައް މަދު ނަމަވެސް، މިހާރަށްވުރެ ޒިންމާދާރު ގޮތެއްގައި މަސައްކަތްކުރެއްވުމަށް އެންމެހާ މުވައްޒަފުންގެ އަރިހުން އެދިވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް އޮފިސަރުންނަށް މުހިންމު އިރުޝާދުތަކެއް ވަނީ ދެއްވާފައެވެ. ޚާއްސަކޮށް، ފުލުހުންގެ މަސައްކަތުގެ އަޚުލާގާއި، ނަޒާހާތްތެރިކަމުގެ މުހިންމުކަމާއި، އެކުވެރިކަމާއެކު މަސައްކަތްކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައިވެއެވެ.