ޚަބަރު

ޤައުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް، މާދަމާ ޚާއްސަ ހަރަކާތްތަކެއް


  • މާލެ ސަރަޙައްދުގެ 5 ހިސާބެއްގެ ކުޑަކުދިންގެ ހަވީރު ކުރިއަށްދާނެ

މިއަހަރުގެ ކުޑަކުދީންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށްޓަކައި ހުރިހާ ސްކޫލަކަށްވެސް އެހީ ފޯރުކޮށްދީގެން، މާލޭގެ 5 ސަރަޙައްދެއްގައި މާދަމާ ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

ތަޢުލީމީ ވުޒާރާއިން ވިދާޅުވީ މި ހަރަކާތްތައް ވާނީ ކުޑަކުދިންނާ ގުޅޭ ޝަޢުގުވެރި ތަޢުލީމީ ހަރަކާތްތަކާއި، މަޖާ ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކުގައިކަމަށެވެ.

މީގެއިތުރުން، މި ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، މާލެ ސަރަޙައްދުގެ ހުރިހާ ސްކޫލްތަކުން ގުޅިގެން 5 ހިސާބެއްގައި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ. އެގޮތުން މާދަމާ ވިލިމާލެއާއި މާލޭގެ ތިން ސަރަހައްދެއްގެ އިތުރުން ހުޅުމާލޭގައި ކުޑަކުދީންގެ ދުވަހުގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ. އަދި މި ދުވަހާއި ގުޅިގެން އަތޮޅުތެރޭގެ ސްކޫލްތަކުގައިވެސް ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވެސް ނިންމަވާފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރާ ސަރަޙައްދުތައް

- ހުޅުމާލެ ސެންޓްރަލް ޕާކް
- މުހިޔިއްދީން ސްކޫލް
- ރަސްފަންނު
- ހެންވޭރު ދަނޑު
- ޖުމްހޫރީ މައިދާން، އިސްލާމީ މަރުކަޒު ސަރަހައްދު

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިއުމަށް ރާވާފައިވާ ހަރަކާތްތައް މެދުވެރިކޮށް ކުޑަކުދިންނަށް އެކުދިންގެ ހައްޤުތައް ކިޔާދީ, އެ ކުދީންނާ މެދު މައިންބަފައިންނާއި މުޖުތަމަޢު އަދި ޤައުމު ދެކޭ ހުވަފެންތައް ކިޔާދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މާދަމާ ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ސްކޫލް ފެންވަރުގައި ޚާއްޞަ އެސެމްބްލީތަކާއި އިތުރު ޙަރަކާތްތައްވެސް ކުރިއަށްގެންދިއުމަށް ރާވާފައިވީނަމަވެސް، އެ ހަރަކާތްތައް ކިޔަވައިދިނުމުގެ ގަޑިތައް ނުގެއްލޭނެ ގޮތަށް އިންތިޒާމުކުރެއްވުމަށާއި، ބެލެނިވެރިންނާއި މުދައްރިސުންނަށް ބުރަނުވާނެހެން، ވީހާވެސް ޚަރަދުކުޑަކޮށް ކުރިއަށްގެންދިއުމަށް ރޭވުމަށް ތަޢުލީމީ ވަޒީރު އިސްމާޢީލު ޝަފީޢު ވަނީ މީގެކުރިން އެދިވަޑައިގަންނަވާފައެވެ.

ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައެވެ.