ނިމުނު ހަފުތާގައިވެސް އެކިއެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގައިދިޔައެވެ. އެންމެ ފާހަގަކޮށްލެވޭ ޚަބަރުތައް ލިބިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅުވައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލެއްވީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ހުރިހާ ނޫސްވެރިންގެ ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ފަހުއެވެ. ނޫސްވެރިން އެމަނިކުފާނާއި ކުރެއްވި 300 އަށް ވުރެ ގިނަ ސުވާލަށް އެމަނިކުފާނު ޖަވާބު ދެއްވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ފާހަގަކުރެވޭ ބައެއް ޚަބަރުތަކަށް ބަލާއިރު، ބޭންކުތަކަށް މިހާތަނަށް 214 މިލިޔަން ޑޮލަރު ފަތުރުވެރިކަމުގެ ދާއިރާއިން މާރުކޮށްފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާކުރުމަށް 5 އަތޮޅަކަށް ހާއްސަ ލުއިތަކެއް ދޭން ނިންމާފައިވާކަން ވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. ސަރުކާރުން ކުރަމުންދާ ގިނަ މަސައްކަތްތަކުގެ ތަފްސީލް ހާމަކުރެއްވި ނޫސްވެރިން ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރާއި އަންނަ އަހަރު 2130 މަޝްރޫޢުއެއް ހިނގަމުންދާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސްގެ ތާރީޙީ ނޫސްވެރިންގެ ބައްދަލުވުމުގެ އިތުރަށް ސިޔާސީ ނިމުނު ހަފްތާ ތެރޭގައި އެންމެ ފާހަގަކޮށްލެވުނު ހަބަރަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢިދު އަދާލާތު ޕާޓީއާއި ގުޅިވަޑައިގަތް ހަބަރެވެ. މީގެ އިތުރުން އައު އިސްލާހުތަކާއެކު ކުޅިވަރުގެ ބިލު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
ނިމުނު ހަފްތާގައި އެންމެ ފާހަގަކޮށްލެވޭ އެއް ޚަބަރަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ވާދަވެރި ބައިނަލްއަޤްވާމީ މާލީ މަރުކަޒެއް ބިނާކުރުމަށް 8.8 ބިލިޔަން ޑޮލަރުގެ އެއްބަސްވުމުގައި ސޮއިކުރި ޚަބަރެވެ. އެމްބީއެސް ގްލޯބަލްއާއިއެކު ސޮއިކުރެވުނު މި މަޝްރުޢުއަކީ 5 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ތެރެއިން ހަރުދަނާ މާލީ ނިޒާމެއް ބިނާކުރެވި 2030 ވަނަ އަހަރަށް، 1 ބިލިއަން ޑޮލަރު އިޤްތިޞާދަށް ވަންނާނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ. މިމަޝްރޫޢު އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއޭޓިވް އިފްތިތާޚްކޮށްދެއްވާފައެވެ. މާލީ ދާއިރާގެ މުހިންމު ދެ މަސައްކަތެއް އިފްތިތާޙްކޮށްދެއްވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަންކަން ހަޤީޤަތަކަށް ހެދުމަށް ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ވިދާޅުވެފައެވެ.
މާލީ މަރުކަޒުގެ މަޝްރޫޢުއާއެކު ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް ނިމުނު ހަފްތާގެ ތެރޭގައި ވަނީ ހަވާލުކޮށްފައެވެ. މިގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅުމަށް އެސްޓީއޯއިން މަސައްކަތް ފަށާފައިވާ، ހޮޓަލުގައި ތަރައްޤީކުރާ މީޑީއާ ވިލެޖު، މެޑިކަލް ކޮލެޖް އަދި ޔޫތު ސެންޓަރުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ. ވޯލްޑް އޮފް ބިޒްނަސް ކުންފުންޏާއި ހަވާލުކުރި މިމަސައްކަތް އެޗްޑީސީން ހަވާލުކޮށްފައިވަނީ 4 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މީގެ އިތުރުން ތެލެސީމިއާގެ ކުދިންނަށް ފަރުވާ ދިނުމަށް، ދިވެހި ސިފައިންނާއި ހަވާލުކޮށްގެން ސަރުކާރުން ކުރިއަށް ގެންދިޔަ އޮރެންޖް ހިޔާގެ މަސައްކަތް ނިންމާ އެތަން ސިއްޙަތާއި ބެހޭ ވުޒާރާއާއި ހަވާލުކޮށްފައިވަނީވެސް މިދިޔަ ހަފްތާގައެވެ. މިމަސައްކަތް ސިފައިން ނިންމާފައިވަނީ ގާތްގަނޑަކަށް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައެވެ. މިއީ ޖާގަ ތަނަވަސް އަދި ގިނަ ޚިދުމަތްތަކެއް އެއްފަހަރާ ދެވޭ ގޮތަށް ފަރުމާކޮށްވާ ސެންޓަރެކެވެ.
ނިމުނު ހަފްތާގެ ތެރޭގައި ފާހަގަކޮށްލެވޭ އެހެން ބައެއް ޚަބަރުތަކަށް ބަލާއިރު، ރާއްޖޭގެ 24 ގަޑިއިރު ޚަބަރާއި މައުލޫމާތު ދިނުމަށް ހާއްސަކުރެވިގެން މީގެ 8 އަހަރު ކުރިން އިފްތިތާޙްކުރި ޕީއެސްއެމް ނިއުސްގެ އަހަރީ ދުވަސް ވަނީ ފާހަގަކޮށްފައެވެ. އަހަރީ ދުވަހާއި ގުޅުވައި ގިނަ ޕްރޮގްރާމްތަކެއް ޕީއެސްނިއުސްއިން ގެނެސްދީފައިވާއިރު، މުވައްޒަފުންގެ އަގުވަޒަންކުރުމަށް ޕީއެސްއެމް ނިއުސް އެވޯޑުގެ ނަމުގައި ހާއްސަ އެވޯޑުތަކެއްވެސް ދޭން މިއަހަރު ވަނީ ފާށަފައެވެ.
ހަފްތާގެ ތެރެއިން މުނިފޫހިފިލުމުގެ ދައިރާގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ، ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ޓޫ އޮފް އަސް ބޭންޑް އިންޑިއާގެ ޤައުމީ ޓީވީގެ ޝޯއެއް ކަމަށްވާ ބެޓަލް އޮފް ބޭންޑްސްގެ 3 ވަނަ ހޯދުމެވެ. މިއީ ރާއްޖޭގެ ބޭންޑަކުން ބައިނަލްއަޤްވާމީ މުބާރާތެއްގައި ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއެވެ.
މީގެ އިތުރުން ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު 18 އަހަރަށް ފަހު ދިވެހި ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީވެސް ނިމުނު ހަފްތާގެ ތެރޭގައެވެ. ޝަރަފުވެރިކަމާއި އެކު ކުރީގެ ޝުޖާޢު ރިޓަޔަރ ކުރެއްވި އިރު އެ ރަސްމީއްޔާތު ޝަރުފުވެރިކޮށްދެއްވީ ދާޚިލީ ވަޒީރު ޢަލީ އިހުސާންއެވެ.