ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު އަންހެން މީހާގެ ސިއްހީ ހާލަތު ހުުރިގޮތުންނާއި، އިތުރު އެހެން ސަބަބުތަކާއިހުރެ، ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ލިބިފައި ނުވާ ކަމަށް ދިވެހި ފުލުހުން ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލަ، ފުލުހުންނަށް ރިޕޯޓުކުރެވި، ފުލުހުން ސީންއަށް އެޓެންޑްވި ހިސާބުން ފެށިގެންވެސް އަންހެން މީހާގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއްގެ ގޮތުގައި ދެކި، އެ ފުރުސަތު ހޯދުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް، އަންހެން މީހާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާހުރެ، އަންހެން މީހާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ވަނީ ލިބިފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން އަންހެން މީހާއާ ސުވާލުކުރަން ބޭނުންވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވީ މިއީ މިހާރުވެސް ހިނގަމުންދާ ތަހުގީގެއް ކަމަށާއި، މައްސަލައާ ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް، އެ ފަރާތްތަކުން ފުލުހުންނަށް ދޭ މައުލޫމާތު ކަށަވަރުކުރުމަށް ތަހުގީގުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންކަމަށެވެ.
މިދިޔަމަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ހައްވާ ޔުމުނު ފެނިފައިވަނީ އެދުވަހުގެ 07:23 އެހާއިރުއެވެ. އެތަނުން ޔުމުނު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ލިބިފައިވާ އަނިޔާތަކާ ގުޅިގެން ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު އާއިލާގެ އެދުމުގެ މަތިން ބޭރަށް ގެންދަން ޑޮކްޓަރުން ހުއްދަ ދެއްވުމުން ސަރުކާރުން ވެދެެއްވި އެހީތެރިކަމާވެސްއެކު މިހާރު އޭނާ ވަނީ މެލޭޝިޔާއަށް ފުރުވާލާފައެވެ.
ހ. ފެންޓޮނޯއީ ގޭގައި ހާދިސާ ހިނގި ވަގުތު އަންހެން މީހާއެކު އުޅުނީ ގ. އެރިޔަދޫ، އުމުރުން 21 އަހަރުގެ ރައުދު އަހުމަދު ޒިލާލްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން މި މައްސަލަައާ ގުޅިގެން އަންހެން މީހާ އެރޭ ހަރަކާތްތެރިވިކަމަށް ބެލެވޭ މއ. މާންދޫގެ ދެކުނުގޭގެ ޓެރަސްހާއި އެގޭ ދެވަނަ އަދި ހަތަރުވަނަ ފަންގިފިލާ އަދި ގ. ކަށިވެލިގޭގެ ތިންވަނަ ފަންގިފިލާ ބަލައި ފާސްކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިހާދިސާ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާއްސަ ކޮމިޝަނެއްވެސް އުފައްދަވާފައެވެ. މިއީ އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ބަލައި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަޙުޤީޤެއް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކު ހިންގުމަށް ރައީސް އުފެއްދެވި ކޮމިޝަނެކެވެ.