މި ސީޒަނަށްފަހު ޖަރުމަނުގެ ބަޔާ ލެވަކޫސަން ދޫކޮށްލަން ކޯޗު ޒަބީ އަލޮންސޯ ނިންމައިފިއެވެ. ޔަގީނާ ގާތަށް ކަށަވަރުވެފައިވާ ގޮތުގައި އޭނާ ދެން ހަވާލުވާނީ ސްޕެއިންގެ ރެއާލް މެޑްރިޑުގެ ކޯޗުކަމާއެވެ.
މިއީ ހުސްވި ސީޒަނުގައި ޖަރުމަނު ލީގު ލެވަކޫސަންއަށް ހޯދައިދިން ކޯޗު ބޮޑު ކުލަބަކަށް ކޯޗުކޮށްދޭ ފުރަތަމަ ފަހަރަށްވާނެއެވެ.
އޭނާ ލެވަކޫސަން ދޫކޮށްލަން ނިންމިކަން މިހާރު ވަނީ ކުޅުންތެރިންނަށްވެސް އަންގާފައެވެ.
"ފުޓްބޯޅައިގައި އެންމެ މުހިންމު ކަމަކީ ރަނގަޅު ވަގުތުގައި ރަނގަޅު ނިންމުން ނިންމުން. މިއީ ފަސޭހަ ކަމެއް ވެސް ނޫން. އެކަމަކު އަހަރެންނާއި ކުލަބާ މިހާރު އެއްބަސްވެފައި މިވަނީ ކުރި އަށް އޮތް ދެ މެޗަކީ އަހަރެންގެ އެންމެ ފަހު ދެ މެޗު ކަމަށް. އަހަރެން ދެން ހަވާލުވާނެ ކުލަބެއް އަދި ނުނިންމަން،" އަލޮންސޯ ބުންޏެވެ.
އަލޮންސޯ ލެވަކޫސަން ދޫކޮށްލަން މި ނިންމީ އެހާ ފަސޭހައިން އެކުލަބުގެ އޭނާ ދޫކޮށްނުލާނެ ކަމަށް ބަޔާ ލެވަކޫސަންގެ ސީއީއޯ ފެނާންޑޯ ކަރޯ ވިދާޅުވިތާ ހަފުތާއެއް ފަހުންނެވެ.
ނަމަވެސް ކަރޯ ވިދާޅުވީ އޭނާ އެފަދައިން ވިދާޅުވި ނަމަވެސް މި ސީޒަނަށް ފަހު އަލޮންސޯ އޭނާގެ ކުލަބުގައި ހުރުމާއި ނެތުމުގައި އޮތީ ފަންސާސް އިންސައްތައިގެ ފުރުސަތެއް ކަމަށެވެ. ލޯރިއަސް ސްޕޯޓްސް އެވޯޑް ހަފުލާއަށް ފަހު ކަރޯ ވިދާޅުވީ ބަލިނުވެ ހުސްވި ސީޒަނުގެ ޖަރުމަނު ލީގު ލެވެކޫސަންއަށް ހޯދައިން ކޯޗާއެކު އޮތީ ވަރަށް ރަނގަޅު އެއްބަސްވުމެއް ކަމަށެވެ.
"ޒަބީ އަލޮންސޯގެ ކޮންޓްރެކްޓްގައި އޭނާ ދޫކޮށްލާނެ ގޮތެއް ބުނެފައި ނޯންނާނެ. އަދި އަގެއް ވެސް ނޯންނާނެ. އެކަމަކު އަހަރުމެންނާއި އޭނާއާއެކު އޮތީ ވަރަށް ރަނގަޅު އެގްރީމަންޓެއް ހެދިފައި. އެއީ އޭނާ ކުޅުނު ކުލަބަކުން އަތުވެއްޖެނަމަ އަހަރުމެން އެބަޔަކާއެކު އިށީންނާނަން މަޝްވަރާއަށް. އޭނާ ދާނެހާ ގޮތަކަށް ދާން ދޫކޮށް ނުލެވޭނެ،" ކަރޯ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ސީޒަން ނިމެންދެން އަލޮންސޯއާ މެދު ގޮތެއް ނުނިންމައި ތިބުމުގެ ބަދަލުގައި ސީޒަން ނިމުމުގެ ކުރިން ކޯޗާމެދު ގޮތެއް ނިންމަން ބޭނުންވަނީ އެއީ ޓީމެއްގެ އެންމެ މުހިންމު މަގާމަށް ވުމުން ކަމަށެވެ.
ރެއާލްއިން ކޯޗަކު ހޯދަން މަސައްކަތް ކުރަމުންދަނީ މިހާރުގެ ކޯޗު ކާލޯ އެންޗެލޮޓީގެ ބަދަލުގަ އެވެ. އެއީ މި ސީޒަނުގެ ރެއާލްގެ ނަތީޖާތައް ވަރަށް ބޮޑަށް ގޯސްވުމުންނެވެ.