ޚަބަރު

ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުން މުހިންމު: ޕީޖީ


  • ކުޑަކުދިންގެ މަސްލަހަތު ރައްކާތެރިކުރެވިއްޖެނަމަ ޤައުމަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް އަންނާނެ

  • މިކޮންފަރެންސްގައި ޓެކްނިކަލް ޕަރޓިސިޕަންޓުންގެ ގޮތުގައި 16 އިދާރާއަކުން ބައިވެރިވޭ

ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށް ދައުލަތުގެ ވުޒާރާތަކާއި އިދާރާތަކުން ގުޅިގެން މަސައްކަތް ކުރުން މުހިންމުކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީޖީ މިހެން ވިދާޅުވީ، ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025 ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025 ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް ވަނީ 13 އަހަރުގެ ކުޑަކުއްޖަކަށް ކުރިމަތިވި ހިތާމަވެރި ހާދިސާއެއް ހިއްސާކުރައްވާފައެވެ.

ޕީޖީ ވިދާޅުވީ، އެ ކުއްޖާއަށް ކުރިމަތިވި އަނިޔާތަކާއި ގުޅިގެން މީގެ އަހަރުތަކެއް ކުރިން ޖިނާއީ ދަޢުވާއެއް ކުރެވި، އަނިޔާވެރިޔާއަށް ޙައްޤު އަދަބު ދެވިފައިވާކަމަށެވެ. އަދި ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ކުއްޖާއާ ގުޅޭގޮތުން ހުށަހެޅުނު މައްސަލަތަކާ ގުޅިގެން ފުލުހުންނާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް، އަދި ސޯޝަލް މިނިސްޓްރީ ފަދަ ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުންވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށްވެސް ޕީޖީ ފާހަގަކުރެއްވިއެވެ.

ޕީޖީ ވިދާޅުވީ، މި މައްސަލައިގައި ކުއްޖާގެ އިތުރުން އެ ކުއްޖާގެ އާއިލާއަށްވެސް ދޭންޖެހޭ އެހީތެރިކަން އެންމެ އެދެވޭ ގޮތެއްގައި ދެވިފައި ނުވަނީ އިދާރާތަކުން އެންމެން ގުޅިގެން މަސައްކަތްކޮށްފައި ނުވުމުގެ ސަބަބުންކަމަށެވެ.

"އެކަން އެހެން ދިމާވުމުގެ އެންމެ ބޮޑު ސަބަބަކީ އަޅުގަނޑުމެން ކޮންމެ އިދާރާއަކުންވެސް ކޮންމެވެސް ސަބަބަކާހުރެ މިހާތަނަށް މަސައްކަތްކުރެވިފައި ހުރީ އެ މުއައްސަސާއަކަށް މަތިކޮށްފައިވާ މެންޑޭޓުގެ ތެރެއިން ބަންދުވެ ތިބެ ވަކިވަކި މުއައްސަސާއެއްގެ ގޮތުގައި ކަމަށް ވީތީ. ކޮންމެ ބައެއްވެސް އެބަޔަކަށް ރީތި އަދި އެބަޔެއްގެ ބަޖަޓު ތަންދޭވަރުގެ ފޮރިގަނޑެއް ގަނެގެން އެބަޔަކަށް ކަމުދާ ކޯޓެއް ފަހައިގެން މަސައްކަތްކުރެވިފައިވާތީ." ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވުމުން ޔުނިސެފްއިން ރާއްޖެއަށް ކަނޑައަޅުއްވާފަ ހުންނަވާ ރެޕްރެޒެންޓޭޓިވް، ޑރ. އެޑްވާޑް އަޑާއީ ވިދާޅުވީ، ކުޑަކުދިންގެ މަސްލަހަތު ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށާއި، އެ ކުދިންގެ މަސްލަހަތު ރައްކާތެރިކުރެވިއްޖެނަމަ ޤައުމަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަމަށެވެ.

"އަޅުގަނޑުމެންގެ ދަރިންގެ އެންމެ ރަނގަޅު މަސްލަހަތަކީ އާއިލާތަކުގެ އެންމެ ރަނގަޅު މަސްލަހަތު. އަޅުގަނޑުމެންގެ ދަރިންގެ އެންމެ ރަނގަޅު މަސްލަހަތަކީ އަޅުގަނޑުމެންގެ ޤައުމުގެ މަސްލަހަތު. އަޅުގަނޑުމެންގެ ދަރިންނާމެދު އަޅުގަނޑުމެންނަށް ރަނގަޅަށް ކަންތައް ކުރެވިއްޖެނަމަ، އަޅުގަނޑުމެންގެ ޤައުމަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް އަންނާނެކަން ކަށަވަރު" ޑރ. އެޑްވާޑް އަޑާއީ ވިދާޅުވިއެވެ.

ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025 އަކީ ޢިލްމީ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހުރި މައްސަލަތަކަށް ޙައްލުތައް ހޯދުމުގެ މަޤްސަދުގައި ބާއްވާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސްގައި، ޕީޖީ އޮފީސް، ޔުނިސެފް، ފުލުހުންގެ ޚިދުމަތް، އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ ކޮލެޖުތައް އަދި ކަމާގުޅުންހުރި އިދާރާތައް ހިމެނޭހެން ޓެކްނިކަލް ޕަރޓިސިޕަންޓުންގެ ގޮތުގައި 16 އިދާރާއަކުން ބައިވެރިވެރިވެއެވެ. އަދި އޮބްޒާވަރުންގެ ގޮތުގައި 11 އިދާރާއެއް ބައިވެރިވެއެވެ.