ޚަބަރު

ކެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ނިމުމަކާގާތަށް


  • 88% މަސައްކަތް ވަނީ ނިމިފައި

  • މިހާރު ކުރިއަށްދަނީ ފެނާއި ނަރުދަމާގެ ނިޒާމް ޓެސްޓްކޮށް ޕްރީކޮމިޝަންކުރުމުގެ މަސައްކަތް

ބ.ކެންދޫ ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫޢު ނިމުމަކާއި ގާތްވެފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، ބ.ކެންދޫ ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫޢުގެ %88 މަސައްކަތް ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ފެނާއި ނަރުދަމާގެ ނިޒާމް ޓެސްޓްކޮށް ޕްރީކޮމިޝަންކުރުމުގެ މަސައްކަތްތައްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ބ.ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ.

މި މަސައްކަތުގެ ތެރެއިން ކެންދޫގައި 4.88 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށް 250 ގޭބިސީއަކަށް ކަނެކްޝަން ގުޅައިދިނުމަށްވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، ނަޖިސް ބޭރުކުރުމަށް ދެ ޕަންޕް ސްޓޭޝަން ޤާއިމް ކުރުމާއި ސީއައުޓްފޯލް އެޅުމުގެ މަސައްކަތްވެސް ކެންދޫގައި ކުރާނެއެވެ. އަދި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ މެޝިންވެސް މިމަޝްރޫއުގެ ދަށުން އެރަށަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިމަޝްރޫޢުގެ ދަށުން ކެންދޫގައި 5.26 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކެއް ޤާއިމް ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ދުވާލަކު ފަސްދޮޅަސް ހަ އަކަ މީޓަރުގެ ފެން އުފެއްދޭވަރުގެ ދެ ޕްލާންޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްލާންޓް ތަކުން ހަދާ ފެން ރައްކާކުރުމަށް ހަތަރުސަތޭކަ ސާޅީސް ހަ އަކަ މީޓަރުގެ ދެ ތާނގީއާއެކު ވާރޭފެން ރައްކާކުރުމަށް 450 އަކަ މީޓަރުގެ ތާނގީއެއް ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ.

ބ.ކެންދޫ ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މާލެ ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އެމްޑަބްލިއުއެސްސީއާ ޙަވާލުކުރައްވާފައިވަނީ 56.24 މިލިއަން ރުފިޔާއަށެވެ.