ފ. މަގޫދޫ އެއަރޕޯޓްގެ މަސައްކަތް ހުއްޓާނުލާނެކަމަށާ، އެ މަޝްރޫޢު މި ދައުރުގެތެރޭގައި ނިންމަވާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ.އަޙުމަދު ޝަމްހީދު ވަނީ 200މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަފުކޮށްފައިވާ ފ.މަގޫދޫ އެއަރޕޯޓްގެ މަސައްކަތްތަކާއި ގުޅޭގޮތުން ވަޒީރާ ސުވާލުކުރައްވާފައެވެ.
ފ.މަގޫދޫގެ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކުރީ 2022ވަނަ އަހަރުގެ އޮކްޓޯބަރުމަހުއެވެ. އެ މަސައްކަތުގައި ރަންވޭގެ ތާރުއެޅުމާ ގުޅޭ މަސައްކަތްތަކާއި، ޓަރމިނަލްގެ %50އަށްވުރެ ގިނަ މަސައްކަތް މިހާތަނަށް ވަނީ ނިންމާފައެވެ. ނަމަވެސް އަދި އެ މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނުނިމެއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ޢުމްރާނީ ތަރައްޤީއާއިބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ އެންމެ ކުރިން ފެށިގެން އަބަދުވެސް ޕްލޭންކުރަމުން އައިސްފައި އޮތީ އެ އަތޮޅުގައި ނިލަންދޫގައި އެއަރޕޯޓެއް ތަރައްޤީކުރަންކަމަށެވެ. ނިލަންދޫގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫޢު، މަގޫދޫއަށް ކުރީ ސަރުކާރުން ބަދަލުކުރީ އެންމެ ރަނގަޅަށް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ.
ފ.ނިލަންދޫގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ، މި ސަރުކާރުގެ ތަރައްޤީގެ ޕްލޭނާ އެއްގޮތަށްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މަގޫދޫގެ މަޝްރޫޢުވެސް ހުއްޓާނުލާނެކަމަށެވެ އަދި އެ މަޝްރޫޢުވެސް މިދައުރުގައި ނިންމަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"މަގޫދޫގައި ފަށާފައި އޮތް މަޝްރޫޢު އަޅުގަނޑުމެން ނިންމާނަން. މި ދައުރުގެތެރޭގައި ނިންމާ އެއަރޕޯޓް ހުޅުވާނަން. މިހާރު ޝޯ ޕްރޮޓެކްޝަން ކުރިއަށްދޭ. ލަސްތަކެއް މަޝްރޫޢުގައި އުޅުނުނަމަވެސް، އެ މަސައްކަތް އަވަހަށް ނިންމުމަށް މަސައްކަތް ކުރާނަން. އެއަރޕޯޓް ރައްޔިތުންނަށް ބޭނުންކުރެވޭ ތަނެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުން." ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
މަގޫދޫ އެއަރޕޯޓް ތަރައްޤީކުރަނީ ރަށުގެ ފަޅުން 30 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ.
މަގޫދޫ އެއަރޕޯޓުގައި ފުރަތަމަ ތަރައްޤީކުރަން ނިންމީ 1200 މީޓަރުގެ ރަންވޭއެކެވެ. އެހެންނަމަވެސް މިހާރުވަނީ އެއަރޕޯޓުގައި 1800 މީޓަރުގެ ރަންވޭއެއް އެޅުމަށް ނިންމާފައެވެ. މަގޫދޫ އެއަރޕޯޓް މަޝްރޫއަކީ ސަރުކާރުން 231 މިލިޔަން ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.