މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް މޫސާ ރިޟްވާން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.
ބްރޯޑްކޮމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި މުޙައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެމަނިކުފާނު އެ މަޤާމަށް އައްޔަން ކުރައްވަން ބޭނުންފުޅުވާ ތަރުތީބުން ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ. އެގޮތުން، 10 ބޭފުޅެއްގެ ނަން އެމަނިކުފާނު ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.
އެ ނަންތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު އޭގެ ތެރެއިން %75 ވުރެ މަތިން މާކްސް ލިބުނީ ފަސް ބޭފުޅަކަށެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ މޫސާ ރިޟްވާނެވެ.
ބްރޯޑްކޮމްގެ މެންބަރުކަމަށް މޫސާ ރިޟްވާން އައްޔަންކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ ވޯޓާއެކުއެވެ.
މޫސާ ރިޟްވާނަކީ ޓީވީ މޯލްޑިވްސްގައި ގިނަ ދުވަސްތަކެއް ވަންދެން ޓީވީ ޕްރޮގުރާމްތައް ޕްރެޒެންޓްކުރެއްވި އަދި މިހާރުވެސް ކުރައްވަމުންގެންދަވާ ބޭފުޅެކެވެ. އޭނާ ވަނީ ޓީވީއެމްގައި ޕްރޮޑިޔުސަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. އަދި ސަރުކާރުގެ އެކި ވުޒާރާތަކުގައި ޕަބްލިކް ރިލޭޝަންސް އޮފިސަރެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައިވެއެވެ.
މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރައްވާނީ އާންމުކޮށް ހުޅުވާލުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްޙޫރިއްޔާ މަޖިލީހަށް ނަންތައް ފޮނުއްވައި މަޖިލީހުން ފާސްކުރުމުންނެވެ.
ބްރޯޑްކޮމްގެ އިތުރު ގޮނޑިއެއް ހުސްވާތީ މަޖިލީހަށް އިއްޔެވެސް ވަނީ އެ މަގާމަށް އައްޔަން ކުރުމަށް ނަންތަކެއް ފޮނުވައިފައެވެ.